ފުރަތަމަ ސަފްޙާ / ޚަބަރު / ކަވާނީ ޔުނައިޓެޑްގައި މަޑުކުރަނީ

ކަވާނީ ޔުނައިޓެޑްގައި މަޑުކުރަނީ

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 1 މެއި 2021

މެންޗެސްޓަރ ޔުނައިޓެޑަށް ކުޅޭ އުރުގުއޭގެ 34 އަހަރުގެ ފޯވާޑް، އެޑިންސަން ކަވާނީ އިތުރު އަހަރަކު ޔުނައިޓެޑްގައި މަޑުކުރާނެކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

މިދިޔަ އޮކްޓޫބަރު މަހު ޕީއެސްޖީ ދޫކޮށް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކަވާނީ ޔުނައިޓެޑަށް ބަދަލުވުމަށް ފަހު އަންނަނީ މުހިއްމު ގޯލުތަކެއް ޖަހައިދެމުންނެވެ. ކަވާނީ ޔުނައިޓެޑަށް ގެނައީ، ކްލަބުން ބޭނުންނަމަ އިތުރު އަހަރަކަށް އެއްބެސްވުން އާކުރެވޭގޮތަށެވެ. އިނގިރޭސި މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޔުނައިޓެޑުން ކުރިއަށް އޮތް ހަފްތާތެރޭ ކަވާނީގެ އެއްބަސްވުން އިތުރު އަހަރަކަށް އާކުރާނެ އެވެ.

ކަވާނީ ޔުނައިޓެޑަށް ބަދަލުވުމަށް ފަހު ކޮވިޑްގެ އުސޫލުތަކާ ގުޅިގެން އެންމެ ފުރަތަމަ ހުންނަން ޖެހުނީ އައިސޮލޭޝަނުގަ އެވެ. އޭގެފަހުން ސީޒަނުގެ ކުރީކޮޅު ސޯޝަލް މީޑިއާގައި ކަވާނީ ކުރި ނަސްލީ ތަފާތުކުރުމާ ގުޅޭ ޕޯސްޓަކާ ގުޅިގެން އިނގިރޭސި އެފްއޭ އިން ކަވާނީ ތިން މެޗަށް ސަސްޕެންޑްކުރި އެވެ. ގާތް ރައްޓެއްސަކާ މުހާތަބުކޮށް ސޯޝަލް މީޑިއާގައި މަޖަލަކަށް ކުރި ޕޯސްޓް ކަވާނީ ފަހުން ވަނީ ޑިލީޓްކޮށްލައިފަ އެވެ. އެކަމަކު އަދަބުން ސަލާމަތް ވެވޭގޮތެއްނުވި އެވެ. ސަސްޕެންޝަނަށް ފަހު ކަވާނީގެ ބައްޕަ ބުނެފައިވަނީ ކުރިއަށް އޮތް ސީޒަނުގައި ކަވާނީ ޔުނައިޓެޑްގައި މަޑުނުކުރާނެ ކަމަށާއި، އޭނާ ދެކުނު އެމެރިކާގެ ކްލަބަކަށް ބަދަލުވާނެކަމަށެވެ. ޔުނައިޓެޑުން ކަވާނީ ބަދަލުވާނެކަމަށް ބެލެވެނީ އާޖެންޓީނާގެ ބޮކާ ޖޫނިއާސް އަށެވެ.

މި ސީޒަނުގައި މިހާތަނަށް ޔުނައިޓެޑަށް 12 ގޯލު ކަވާނީ ޖަހައިދީފައިވާއިރު، ޔޫއެފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގްގައި ޔުނައިޓެޑުން އަމިއްލަ ދަނޑުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 6-2 އިން ރޯމާ ބަލިކުރި މެޗުގައި ކަވާނީ ވަނީ ދެ ލަނޑު ޖަހައިފަ އެވެ. އެ މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފައިވަނީ ކަވާނީ އިތުރު އަހަރަކު ޔުނައިޓެޑްގައި މަޑުކުރުވަން އޭނާ ބޭނުންވާ ކަމަށެވެ.

“ކަވާނީ އަށް އެނގޭނެ އަހަރެން ކަވާނީ ޔުނައިޓެޑްގައި މަޑުކުރުވަން ބޭނުންވާނެކަން. ކުރިން ނުކުޅެވި ހުރި ދުވަސްތަކުގެ ބަދަލުގައި ކަވާނީ މިހާރު އަންނަނީ ކުރީގެ ކުޅުން ދައްކަމުން. އަހަރެން ކަވާނީއާ މެދު އުފާކުރަން. އުއްމީދަކީ އިތުރު އަހަރަކަށް ކަވާނީ ޔުނައިޓެޑްގައި ކުޅޭތަން ފެނުން” ސޯލްޝެއާ ބުންޏެވެ.

ކަވާނީ އަކީ އިޓަލީގެ ނަޕޯލީ އާއި ޕީއެސްޖީގައި މީގެ ކުރިން މޮޅު ކުޅުމެއް ދައްކާފައިވާ ކުޅުންތެރިއެކެވެ. އަނިޔާގެ ސަބަބުން މިދިޔަ އަހަރު ޕީއެސްޖީގެ ގިނަ މެޗުތަކެއް ކަވާނީ އަށް ވަނީ ގެއްލިފަ އެވެ.

“އަހަރެން ކަވާނީއަށް ޔަގީންކަން ދިނިން ސަޕޯޓަރުންނާ އެކު އޯލްޑް ޓްރެފޯޑް (ޔުނައިޓެޑްގެ ދަނޑު) ތަފާތުވާނެކަން.” ސޯލްޝެއާ ބުންޏެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!