ރެއާލް މެޑްރިޑްގެ ކާމިޔާބު ކެޕްޓަން ސާޖިއޯ ރާމޯސް އަނިޔާއިން ރަނގަޅު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެ ވަނަ ލެގްގައި ޗެލްސީއާ ދެކޮޅަށް ކުޅޭނެކަމަށް ކޯޗު ޒިނެދިން ޒިދާން ބުނެފި އެވެ.
ސެމީ ފައިނަލުގެ ފުރަތަމަ ލެގްގައި އަމިއްލަ ދަނޑުގައި ޗެލްސީއާ ދެކޮޅަށް ކުޅެ ރެއާލް 1-1 އިން ވީ އެއްވަރެވެ. މުހިއްމު ދެ ވަނަ ލެގްގެ މެޗު ޗެލްސީގެ ދަނޑުގައި ކުޅޭނީ އަންނަ ބުދަ ދުވަހުގެ ރެ އެވެ. އަނިޔާގެ ސަބަބުން ކުއާޓާ ފައިނަލުގައި ލިވަޕޫލްއާ ދެކޮޅަށް ރެއާލުން ކުޅުނު ދެ މެޗުގައި ވެސް ރާމޯސް ކުޅެފައެއްނުވެ އެވެ. އޭނާ އަށް އަނިޔާވީ މާޗް މަހުގެ ފަހުކޮޅު ސްޕެއިންގެ ގައުމީ ޓީމާއެކު އުޅެނިކޮށެވެ. އޭގެ ފަހުން އެއްވެސް މެޗެއް ނުކުޅެ މަހަކަށްވުރެ ގިނަދުވަސް ވީއިރު އެ މުއްދަތުގައި ރާމޯސް ވަނީ ކޮވިޑަށް ވެސް ޕޮޒިޓިވްވެފަ އެވެ.
“ރާމޯސް މިހާރު އަންނަނީ ޓީމާއެކު ފަރިތަކުރަމުން. އޭގެ މާނައަކީ އޭނާ ހުރީ ފިޓްކޮށޭ. ޓީމުގަ ހިމަނަންވީމަ ރާމޯސްގެ ހާލަތަށް އަދި ބަލަނާން. އެކަމަކު އޭނާ ހުރީ މެޗު ކުޅެވޭވަރަށް ފިޓްކޮށް” ސްޕެނިޝް ލީގުގައި މިރޭ އޮސަސޫނާއާ ދެކޮޅަށް ރެއާލް ނުކުންނަ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޒިދާން ބުންޏެވެ.
ލީގަށް ވެސް ވާދަކުރަމުން އަންނަ ރެއާލުން މިރޭ އޮސަސޫނާއާ ދެކޮޅަށް ކުޅޭ ޓީމުގައި ރާމޯސް ހިމަނާފައެއްނުވެ އެވެ. އުމުރުން 35 އަހަރުގެ ރާމޯސް އަކީ ޒިދާންގެ ކޯޗުކަމުގައި ރެއާލުން ޖެހިޖެހިގެން ތިން ޗެމްޕިއަންސް ލީގު ކާމިޔާބުކުރިއިރު އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލުގައި 2014 ވަނަ އަހަރާއި 2016 ވަނަ އަހަރު ރާމޯސް ލަނޑުޖެހިއިރު ކްލަބާއި ގައުމަށް އޭނާ ޖަހައިދިން ލަނޑުގެ އަދަދު 128 އަށް ވަނީ އަރައިފަ އެވެ. މިއާއެކު ރާމޯސް ހިމެނެނީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު އަދި އެންމެ ކާމިޔާބު ޑިފެންޑަރުންގެ ތެރޭގަ އެވެ.