ފުރަތަމަ ސަފްޙާ / ޚަބަރު / ފަހަތުން އަރައި މޮޅުވެ ސިޓީން ހުވަފެނީ މަންޒިލާ ގާތްކުރަނީ

ފަހަތުން އަރައި މޮޅުވެ ސިޓީން ހުވަފެނީ މަންޒިލާ ގާތްކުރަނީ

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 29 އެޕްރީލް 2021

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ރޭ ޕީއެސްޖީން ލަނޑެއް ޖަހައި ކުރި ހޯދައިފައިވަނިކޮށް މެންޗެސްޓަ ސިޓީން ފަހަތުން އަރައި މޮޅުވެ މުބާރާތުގެ ފައިނަލުން ފުރަތަމަ ފަހަރަށް ޖާގައެއް ހޯދުމާ ގާތަށް ޖެހިލައިފި އެވެ. ރޭ ފްރާންސްގެ ޕެރިހުގައި އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް ސިޓީން އެންމެ ފަހުން ބޭއްވުނު ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅުނު ޕީއެސްޖީގެ މައްޗަށް ކުރި ހޯދީ 1-2 އިންނެވެ.

ރޭގެ މެޗުގައި ޕީއެސްޖީން ލީޑު ނެގީ މެޗުގެ 15 ވަނަ މިނެޓްގަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އާޖެންޓީނާގެ އެންހަލް ޑި މަރިއާ ނަގައިދިން ކޯނަރެއް ބްރެޒިލްގެ ޑިފެންޑަރު މާކީނޯ ބޮލުން ޖަހައި ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ޕީއެސްޖީގެ ތަރި ބްރެޒިލްގެ ނޭމާގެ އިތުރުން ޑި މަރިއާ ސިޓީގެ ޑިފެންސް ލައިނަށް ބާރުބޮޑުކުރި އިރު ސިޓީގެ ޑިފެންޑަރުން ކަމަށްވާ ޖޯން ސްޓޯންސް އާއި ރުބެން ޑިއަޒް ވަނީ އެ ކުޅުންތެރިންގެ ހަމަލާތައް ހުއްޓުވުމުގައި ހުށިޔާރުކަން ދައްކައިފަ އެވެ.

ޕީއެސްޖީން ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ސިޓީގެ ގޯލަށް ނުރައްކާކުރި ނަމަވެސް ފަހު ހާފުގައި ސިޓީން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. ވަކިން ހާއްސަގޮތެއްގައި ނޭމާގެ އިތުރުން މި މުބާރާތުގެ ދެވަނަ ބުރުގައި ބާސެލޯނާ އާ ދެކޮޅަށް ހެޓްރިކް ހަދައި އޭގެ ފަހުން ކުއާޓާ ފައިނަލްގައި ބަޔާން މިޔުނިކް ކޮޅަށް ދެ ގޯލް ވައްދާލި ނުރައްކާތެރި ފޯވާޑް ކިލިއަން އެމްބާޕޭ ހުއްޓުވުމުގައި ސިޓީން ވަނީ ކާމިޔާބު ހޯދައިފަ އެވެ.

މިހާރުގެ ކޯޗު ޕެޕް ގާޑިއޯލާ ޓީމާ ހަވާލުވި ފަހުން ޗެމްޕިއަންސް ލީގުގެ ނޮކައުޓް ސްޓޭޖްގައި ވަރުގަދަ ވާދައެއް ކުރި ނަމަވެސް ހިތްދަތި ތަޖުރިބާތަކެއް ކޮށްފައިވާ ސިޓީން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު 64 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ބެލްޖިއަމްގެ ކެވިން ޑި ބްރޭނާ އެވެ. ޑި ބްރޭނާ ދަނޑުގެ އަރިމަތިން ފޮނުވާލި ނުރައްކާތެރި ބޯޅަ ޕީއެސްޖީގެ ޑިފެންޑަރުން ގައިން ނެއްޓި ގޯލްގެ ދާގަނޑުގައި ތަތްވި އިރު ގޯލްކީޕަރު ކޭލާ ނަވާސް އަށް ހުރީ ހަރަކާތްކުރަންވެސް ނޭގިފަ އެވެ. މެޗުން ސިޓީ މޮޅުކޮށްދިން ލަނޑު އޭގެ ހަތް މިނެޓް ފަހުން ރިޔާދު މާރޭޒް ޖެހީ ސިޓީއަށް ލިބުނު ހިލޭ ޖެހުމަކުންނެވެ.

ޕީއެސްޖީ އާއި ސިޓީ ރޭ ވާދަކުރި މެޗުގެ ފަހު 13 މިނެޓް ޕީއެސްޖީން ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ އެވަޓަންގެ ކުރީގެ މިޑްފީލްޑަރު އިޑްރީސާ،  ސިޓީގެ މިޑްފީލްޑަރު އިކޭ ގުންޑޮއަން އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ރެފްރީ އޭނާ އަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމުގެ ސަބަބުންނެވެ.

ސިޓީ އާއި ޕީއެސްޖީ ވާދަކުރާ ސެމީ ފައިނަލްގެ ދެވަނަ ލެގު އޮންނާނީ އަންނަ ހަފްތާގެ އަންގާރަ ދުވަހުގެ ރެ އެވެ.

 

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!