ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި މި ހަފްތާގެ ބުދަ ދުވަހުގެ ރޭ މެންޗެސްޓަ ސިޓީއާ ދެކޮޅަށް ނުކުންނަން ތައްޔާރުވެފައި ވަނިކޮށް ޕީއެސްޖީގެ ފޯވާޑް ކިލިއަން އެމްބާޕޭ އަށް އަނިޔާ ވެއްޖެ އެވެ.
ފްރާންސްގެ އުމުރުން 22 އަހަރުގެ ފޯވާޑް އެމްބާޕޭ އަށް އަނިޔާވީ ރޭ ފްރެންޗް ލީގުގައި ޕީއެސްޖީން މެޓްޒް އާ ދެކޮޅަށް ކުޅެ 1-3 އިން މޮޅުވި މެޗުގަ އެވެ. މި މެޗުގެ ފަހުކޮޅު އެމްބާޕޭ އަށް އަނިޔާވެގެން ދަނޑުން ބޭލި އިރު މެޗުގައި ޕީއެސްޖީން ޖެހި ތިން ގޯލްގެ ތެރެއިން ދެ ގޯލް ކާމިޔާބުކުރީ ވެސް އެމްބާޕޭ އެވެ.
ރޭގެ މެޗުގައި އެމްބާޕޭގެ ފަލަމަސްގަނޑަށް އަނިޔާވެގެން ބަދަލުކުރަން ޖެހުނު ނަމަވެސް ޕީއެސްޖީގެ ކޯޗު ބުނެފައިވަނީ މެންޗެސްޓަ ސިޓީ އާ ދެކޮޅަށް ކުޅޭ މެޗަށް އެމްބާޕޭ ފިޓްވާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
“އަހަރެމެން އުއްމީދު މިކުރަނީ އެއީ އެހާ ސީރިއަސް އަނިޔާ އެއް ނޫންކަމަށް. އަނިޔާވެގެން ބަދަލުކުރިއިރު ކިލިއަންގެ ފަރާތުން ފެނުނީ ހަމަޖެހިފައި ހުރިތަން. އެކަމަކު ކިތަންމެ ކުޑަ އަނިޔާއެއްގަސް އަބަދުވެސް ވޭން ހުންނާނެ.” ޕޮޗެޓީނޯ ބުންޏެވެ. އެމްބާޕޭ ރޭގެ މެޗުގައި ޖެހި ދެ ގޯލާއެކު މި ސީޒަނުގައި އޭނާ ޖެހި ގޯލްގެ އަދަދު 37 އަށް އެރީ އެވެ. އޭގެ ތެރެއިން 25 ގޯލަކީ އޭނާ ލީގުގައި މި ސީޒަނުގައި ޖެހި އަދަދެވެ.
މެންޗެސްޓަ ސިޓީ އާ ދެކޮޅަށް ޕީއެސްޖީ ބުދަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ކުޅެން ނުކުންނައިރު ޕީއެސްޖީގެ އެންމެ މުހިއްމު ހަތިޔާރަކީ ވެސް އެމްބާޕޭ އެވެ. އޭނާ ވަނީ މިފަހަރުގެ ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އަދި ބަޔާން މިޔުނިކް ކަޓުވާލުމަށްފަހު ޕީއެސްޖީ ސެމީ އަށް ގެނެސްދިނުމުގައި ބޮޑު ދައުރެް އަދާކޮށްފަ އެވެ. އެގޮތުން ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ބާސެލޯނާ އާ ދެކޮޅަށް ކުޅުނު މެޗުގައި އެމްބާޕޭ ހެޓްރިކް ހެދި އިރު ބަޔާން މިޔުނިކާ ދެކޮޅަށް ކުޅުނު ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި އޭނާ ވަނީ ދެ ގޯލް ކާމިޔާބުކޮށްފަ އެވެ.