ފުރަތަމަ ސަފްޙާ / ޚަބަރު / އާ ފޯމެޓުގައި ޗެމްޕިއަންސް ލީގު 2024 ގައި

އާ ފޯމެޓުގައި ޗެމްޕިއަންސް ލީގު 2024 ގައި

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 19 އެޕްރީލް 2021

ޔޫއެފާ ޗެމްޕިއަންސް ލީގުގެ އާ ފޯމެޓަށް 2024 ވަނަ އަހަރުން ފެށިގެން މުބާރާތް ކުރިއަށްގެންދަން ޔޫއެފާއިން ނިންމައިފި އެވެ.

މިއަދު ޔޫއެފާއިން މިގޮތަށް ނިންމިއިރު ރޭގެ ވަގުތެއްގައި ޔޫރަޕްގެ ވަރުގަދަ 12 ކްލަބެއް އެކުވެގެން ވަނީ ޔޫރަޕިއަން ސުޕަ ލީގެއް ބާއްވަން ނިންމައިފަ އެވެ. މި ނިންމުމާ ގުޅިގެން އެ ކްލަބްތަކަށް ޔޫއެފާ އާއި ފީފާ އިން ވަނީ ވަރުގަދަ އިންޒާރެއް ދީފަ އެވެ.

ޔޫއެފާގެ މިއަދުގެ ބައްދަލުވުމުގައި އާއްމުކުރި ޗެމްޕިއަންސް ލީގުގެ އާ ފޯމެޓުގައި ވާދަކުރާ ޓީމުތަކުގެ އަދަދު 32 އިން 36 އަށް ވަނީ އިތުރުކޮށްފަ އެވެ. އާ ފޯމެޓުގައި ޗެމްޕިއަންސް ލީގު ފެށުމަށް ހަމަޖެހިފައިވަނީ 25-2024 ވަނަ ސީޒަނުން ފެށިގެންނެވެ. މި މުބާރާތް 2033 ވަނަ އަހަރުގެ ސީޒަނާ ހަމައަށް ކުރިއަށްގެންދަން ވަނީ ނިންމައިފަ އެވެ. 36 ޓީމުގެ މެދުގައި މުބާރާތް ކުރިއަށްދާނީ ލީގު އުސޫލުންނެވެ. އެންމެ މޮޅު 8 ޓީމަށް ދެ ވަނަ ބުރުން ސީދާ ޖާގައެއް ލިބޭއިރު ބާކީ 8 ޓީމު ކަށަވަރުކުރާނީ 28 ޓީމުގެ މެދުގައި ކުޅޭ ޕްލޭއޮފް މެޗުތަކަކުންނެވެ. މިހާރުގެ ފޯމެޓް އިންނަގޮތުން ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވާދަކުރާ ދެޓީމުން މުބާރާތުގައި ކުޅެނީ 13 މެޗެވެ. އެކަމަކު އާ ފޯމެޓާ އެކު މުބާރާތުގައި ވާދަކުރާ ކޮންމެ ޓީމަކުން ވެސް މަދުވެގެން 10 މެޗު ކުޅޭނެ އެވެ.

އާ ޗެމްޕިއަންސް ލީގުގެ ފޯމެޓަށް ފުޓްބޯޅަ ސަޕޯޓަރުން އަންނަނީ ފާޑުކިޔަމުންނެވެ. އެއީ އަލަށް އިތުރުކުރާ ހަތަރު ޖާގައިގެ ތެރެއިން ދެ ޖާގަ ދިނުމުގައި ޓީމުތަކުން ދައްކާ ކުޅުމާއި، ޔޫއެފާގެ ރޭންކިން ޕޮއިންޓަށް ބަލަން ނިންމާފައިވުމުންނެވެ. މިގޮތަށް ބަދަލު ގެނައުމުން ޗެމްޕިއަންސް ލީގަށް ކޮލިފައިނުވިޔަސް ކްލަބުގެ ހައިބަތަށް ބަލައި މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ބައެއް ކްލަބްތަކަށް ލިބިގެންދާނެ އެވެ.

ޔޫއެފާގެ ރައީސް އަލެކްސަންޑަ ކެފެރިން މިއަދު ވިދާޅުވީ ޔޫރަޕިއަން ސުޕަ ލީގުގައި ވާދަކުރަން ނިންމި ކްލަބްތަކުގެ ކުޅުންތެރިންނަށް ޔޫއެފާ އާއި ފީފާގެ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ނުލިބޭނެ ކަމަށެވެ. މިގޮތަށް ޔޫއެފާއިން ނިންމުމުން ސުޕަ ލީގުގައި ކުޅޭ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ޔޫރޯ ފުޓްބޯޅަ މުބާރާތާއި ވޯލްޑް ކަޕްގައި ނުފެނުމުގެ ފުރުސަތު އޮންނާނެ އެވެ. އެކަމަކު އެފަދަ ބޮޑު ނިންމުމަކަށް ދިއުމުގެ ކުރިން ސުޕަ ލީގު ބާއްވަން ނިންމި ކްލަބްތަކުން އިތުރު މަޝްވަރާއަށް ދާނެކަމަށް ރިޕޯޓުތައް ބުނެ އެވެ.

ކެފެރިން ވިދާޅުވީ ސުޕަ ލީގުގައި ހަމައެކަނި އޮތީ ފައިސާގެ ނުފޫޒު ކަމަށާއި، ޔޫއެފާއަކީ ރެވެނިއުގެ 90 އިންސައްތަ އަނބުރާ ފުޓްބޯޅައަށް ހޭދަކުރާ އިދާރާއެއް ކަމަށެވެ. މިގޮތުން ކުޅުންތެރިންގެ ފައުންޑޭޝަނަށާއި އަންހެން އަދި ޒުވާން ފުޓްބޯޅައަށް ޔޫއެފާއިން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަން ކެފެރިން ފާހަގަކުރި އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!