ޔޫރަޕްގެ ވަރުގަދަ 12 ކްލަބެއް އެކުވެގެން ރޭ އިއުލާންކުރި ޔޫރަޕިއަން ސުޕަ ލީގާ އެކު އިންތިހާއަށް ފާޑުކިއުން އަމާޒުވާން ފަށައިފި އެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާ އާއި ޔޫރަޕްގެ މައި އިދާރާ ޔޫއެފާއިން ވަރަށް ސާފުކޮށް ދެކޮޅު ހެދި ސުޕަ ލީގު އާއްމުކުރުމާއެކު މަޝްހޫރު ލީގުތަކުގެ ކުރިމަގު ބަނަވެ ފުޓްބޯޅައަށް ފައިސާގެ ނުފޫޒު ވަދެފައިވާކަމަށް ގިނަ ފަރާތްތަކަކުން އަންނަނީ ހާމަކުރަމުންނެވެ.
މަހުޖަނުންގެ ބާރުވެރިކަމުގެ ދަށުގައި އޮތް ޔޫރަޕިއަން ސުޕަ ލީގު އިއުލާންކުރުމުގައި ބައިވެރިވި 12 ކްލަބަކީ އިނގިރޭސި ވިލާތުގެ މެންޗެސްޓަރ ޔުނައިޓެޑް، އާސެނަލް، ޗެލްސީ، މެންޗެސްޓަރ ސިޓީ، ލިވަޕޫލް އަދި ޓޮޓެންހަމް ހޮޓްސްޕާސްގެ އިތުރުން ސްޕެއިންގެ ބާސެލޯނާ، ރެއާލް މެޑްރިޑް އަދި އެތުލެޓިކޯ މެޑްރިޑާއި އިޓަލީގެ އޭސީ މިލާނާއި އިންޓަ މިލާން އަދި ޔުވެންޓަސް އެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން ފްރާންސާއި ޖަރުމަނުގެ ކްލަބްތަކުން ވަނީ ޔޫރަޕިއަން ސުޕަ ލީގަށް ނޫނެކޭ ބުނެފަ އެވެ. އެކަމަކު ޔޫއެފާއިން ސުޕަ ލީގަށް ރުހުން ދީފިނަމަ މަޝްހޫރު ޕީއެސްޖީ އާއި ބަޔާން މިއުނިކާއި ބްރޫޝިއާ ޑޯޓްމަންޑް މި ލީގާ ގުޅުމުގެ ފުރުސަތު ބޮޑެވެ.
ރޭ ސުޕަ ލީގު އިއުލާން ކުރުމުން ޔޫއެފާ އާއި ފީފާ އަދި ޔޫރަޕްގެ ގައުމުތަކުގެ ފުޓްބޯޅައިގެ އިދާރާތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ސުޕަ ލީގު އުފަންވުމުގެ ކޮޅުމަތި 2019 ވަނަ އަހަރު ފެނުމާއެކު ޔޫއެފާއިން ވަނީ ސުޕަ ލީގުގައި ކުޅެން އެއްބަސްވާ ކްލަބްތަކަށް ޑޮމެސްޓިކް ލީގުތަކުން ފުރުސަތު ނުދޭނެކަމަށް ބުނެފަ އެވެ. އެހެންނަމަވެސް އެއިން އެއްވެސް އިންޒާރަކަށް ބެލުމެއް ނެތި މަޝްހޫރު ކްލަބްތައް އެކުވެގެން ސުޕަ ލީގު އިއުލާން ކުރުމުން ދެން ވާނެގޮތަކާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.
ޔޫރަޕިއަން ސުޕަ ލީގުގެ ފޯމެޓްގައިވާ ގޮތުން މުބާރާތުގައި ކުޅޭނީ 20 ޓީމެކެވެ. އޭގެތެރޭގައި ފައުންޑިން ކްލަބްގެ ގޮތުގައި 15 ޓީމެއް ހިމެނޭނެ އެވެ. އެހެންކަމުން މިހާރު އޮތް 12 ކްލަބާއެކު އިތުރު ތިން ކްލަބެއް ފައުންޑިން ކްލަބްގެ ތެރެއަށް ވަންނާނެ އެވެ. މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ހޯމް އެންޑް އަވޭ އުސޫލުން ކޮންމެ ގްރޫޕަކަށް 10 ޓީމު ލައްވާލާ ގޮތަށެވެ. މެޗުތައް ހަފްތާގެ މެދުތެރޭގައި ކުޅުމަށް ހަމަޖައްސާފައިވާއިރު މިއީ ޔޫއެފާ ޗެމްޕިއަންސް ލީގު އުވިގެން ދިއުމަށް އޮތް ބިރެކެވެ. ގްރޫޕް ސްޓޭޖުން ނޮކްއައުޓް ބުރަށް ކޮލިފައިވާނީ ކޮންމެ ގްރޫޕަކުން ހަތަރު ޓީމެކެވެ.
މި ލީގު ފެށުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަވެސް 4.8 ބިލިއަން އިންވެސްޓް ކޮށްގެންނެވެ. ރިޕޯޓުތައް ބުނާގޮތުން މީގެތެރެއިން ކްލަބްތަކަށް މާލީ ގޮތުން ބޮޑު ފައިދާއެއް ކުރާނެ އެވެ. މަޝްހޫރު ކްލަބްތަކުން މި ލީގަށް ރުހުންދިން މައިގަނޑު ސަބަބަކީ ވެސް މާލީގޮތުން ކްލަބްތައް އެހެން ހަރުފަތަކަށް ގެންދިއުމެވެ. މިގޮތުން ވަރުގަދަ މެޗުތަކުން ލިބޭ އާމްދަނީ ބޮޑުވުމާއި ޓީވީ ރައިޓްސް ވިއްކައިގެން ލިބޭ ފައިސާ ސުޕަ ލީގުގައި ވަރަށް ބޮޑުތަން އިތުރުވެގެންދާނެ އެވެ.
ސުޕަ ލީގުގެ ޗެއާމަނަކީ މިފަދަ ލީގެއް އުފައްދަން ތަކުރާރުކޮށް މަސައްކަތްކުރަމުން އައި ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އެވެ. ވައިސް ޗެއާމަނުންގެ ގޮތުގައި ހަމަޖައްސާފައިވަނީ ލިވަޕޫލްގެ އޯނަރު ހެންރީ އާއި މެންޗެސްޓަރ ޔުނައިޓެޑްގެ ޖޯލް ގްލޭޒާ އެވެ. މީގެ އިތުރުން ބޯޑު އިސް މަގާމްތަކުގައި ހިމަނާފައިވަނީ މަޝްހޫރު ކްލަބްތަކުގެ ވެރިންނެވެ.
ކްލަބްތަކުގެ މި ނިންމުމާއެކު އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ބްރިސް ޖޯންސަން ވިދާޅުވީ މިއީ ފުޓްބޯޅަ ހަލާލުކުރުން ކަމަށާއި، އެ ފުރުސަތު ނުދީ ސުޕަ ލީގާ ދެކޮޅަށް އަޅާ ކޮންމެ ފިޔަވަޅަކަށް ފުރިހަމަ އެއްބާރުލުން ދޭނެކަމަށެވެ. މީގެ އިތުރުން މަޝްހޫރު އެހެން ލީގުތަކުން ރޭ ވަނީ ސުޕަ ލީގާ ދެކޮޅަށް ބަޔާންތައް ނެރެފަ އެވެ.
ސުޕަ ލީގެއް ތައާރަފްކުރަން މަޝްހޫރު ކްލަބްތައް އެއްގަލަކަށް އެރުމުން ޔޫއެފާއިން މިއަދު ބޯޑު މެމްބަރުންގެ ބައްދަލުވުމެއް ބާއްވަން ވަނީ ނިންމައިފަ އެވެ. ޔޫއެފާގެ މެމްބަރު ހުރިހާ ގައުމެއް ހިމެނޭގޮތަށް ބާއްވާ މި ބައްދަލުވުމުގައި ފުޓްބޯޅައިގެ ކުރިމަގާ ގުޅުންހުރި ބޮޑެތި ނިންމުންތަކެއް ނިންމާނެ އެވެ. މިގޮތުން ސުޕަ ލީގުގައި ކުޅޭ ކްލަބްތަކަށް ޔޫއެފާގެ މުބާރާތްތަކާއި ޑޮމެސްޓިކް ލީގުތަކުގައި ކުޅުމުގެ ފުރުސަތު ބަންދުކުރުމާ މެދު ގޮތެއް ނިންމުން ހިމެނެ އެވެ. މިގޮތަށް ނިންމައިފި ނަމަ މި ސީޒަނުގެ ސެމީ ފައިނަލާ ހަމައިގައިވާ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު ކުޅުމާމެދު ވެސް ވަނީ ޝައްކު އުފެދިފަ އެވެ. އަދި އޮޓަމެޓިކުން ޗެމްޕިއަންސް ލީގުގެ ތަށި ޕީއެސްޖީ އަށް ލިބުމުގެ ފުރުސަތު ވެސް އޭރުން އޮންނާނެ އެވެ. މީގެ އިތުރުން ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުން ޔުނައިޓެޑާއި އާސެނަލަށް ފުރުސަތު ގެއްލޭނެ އެވެ.
ކޮންމެއަކަސް މަޝްހޫރު ކްލަބްތަކުގެ މި ނިންމުމަކީ ފުޓްބޯޅައިގައި ފަހަތަށް އެޅި ފިޔަވަޅެއް ކަމަށް ގިނަ ފަރާތްތަކަކުން އަންނަނީ ސިފަކުރަމުންނެވެ. ޔޫރަޕްގެ ވަރުގަދަ ލީގުތަކުގެ މީޑިއާތަކުން ވަނީ ސުޕަ ލީގާ ދެކޮޅުކަން ހާމަކޮށްފަ އެވެ. މިގޮތުން ފުޓްބޯޅަ ބޮޑު ހަނގުރާމައަކަށް ވައްޓާލާފައިވާކަމަށާއި، ސުޕަ ލީގަށް “ސުޕަ ނޯ” ބުނަންޖެހޭ ކަމަށާއި، ވަރުގަދަ ނިންމުމާއެކު ފުޓްބޯޅައިގެން ދެން ފެންނާނީ މާޔޫސްކަން ކަމަށް އިނގިރޭސި، އިޓަލީ އަދި ސްޕެއިންގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެ އެވެ.