ފުރަތަމަ ސަފްޙާ / ޚަބަރު / ކުރިމަގާ ގުޅޭގޮތުން ސުވާލުކުރުމުން ކޫމަން ރުޅިގަދަވެއްޖެ

ކުރިމަގާ ގުޅޭގޮތުން ސުވާލުކުރުމުން ކޫމަން ރުޅިގަދަވެއްޖެ

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 16 އެޕްރީލް 2021

ބާސެލޯނާ އަށް މި ސީޒަނުގައި ތައްޓެއް ނުލިބިއްޖެ ނަމަ އެޓީމުގެ ކޯޗުކަމުން ވަކިކުރުމުގެ ފުރުސަތު އޮތްތޯ ނޫސްވެރިއަކު އެހުމުން ކޯޗު ރޮނާލްޑް ކޫމަން ރުޅިގަދަވެއްޖެ އެވެ.

ބާސެލޯނާގެ ކޯޗުކަމާ ކޫމަން ހަވާލުވީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އެވެ. ކޫމަންގެ ކޯޗުކަމުގައި ކުޅޭ ދެ ވަނަ ކަޕް ފައިނަލުގައި ބާސެލޯނާ މިރޭ އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށް ނުކުންނާނެ އެވެ. މި ސީޒަނުގެ ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލުގައި މިދިޔަ ޖެނުއަރީ މަހު ބާސެލޯނާ ވަނީ އެތުލެޓިކް ބިލްބާއޯ އަތުން 3-2 އިން ބަލިވެފަ އެވެ. ސްޕެނިޝް ކޮޕަ ޑެލްރޭގެ ފައިނަލުގައި އަނެއްކާވެސް ބިލްބާއޯއާ ދެކޮޅަށް ނުކުތުމުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކޫމަން ބުނީ 19 މެޗު ބަލިނުވެ ކުޅުމަށް ފަހު އެންމެ މެޗަކުން ބަލިވުމަކީ ކްލަބްގައި އޭނާގެ ކުރިމަގާ ގުޅޭގޮތުން ސުވާލުކުރަންވީ ސަބަބެއް ނޫން ކަމަށެވެ.

“19 މެޗު ބަލިނުވެ ކުޅެފަ ކުރިމަގާ ގުޅޭގޮތުން ސުވާލުކުރީމަ ޖަވާބުދޭން ފަސޭހައެއްނުވާނެ. އެންމެ މެޗަކުން ބަލިވެފަ ކުރިމަގާ ގުޅޭގޮތުން އަހަރެންވީ ވާހަކަ ދައްކަން؟” ސްޕެނިޝް ލީގުގައި މިދިޔަ ހަފްތާ ރެއާލް މެޑްރިޑް އަތުން ބަލިވި މެޗަށް އިޝާރަތް ކުރަމުން 58 އަހަރުގެ ނެދަލެންޑްސް ކޯޗު ކޫމަން ބުންޏެވެ.

ސްޕެއިންގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި މި ސީޒަނުގައި ތައްޓެއް ނުލިބިއްޖެ ނަމަ ބާސެލޯނާގެ ކޯޗުކަމުން ކޫމަން ވަކިކުރާނެ އެވެ. މާދަމާ ރޭ ފައިނަލުގައި ކުޅޭއިރު މި ސީޒަނުގެ ސްޕެނިޝް ލީގު ހޯދުމުގެ ފުރުސަތު ވެސް އެޓީމަށް އެބައޮތެވެ. ބާސެލޯނާއާ އެކު އެތުލެޓިކޯ މެޑްރިޑާއި ރެއާލް މެޑްރިޑް ވެސް އަންނަނީ ލީގަށް ވާދަކުރަމުންނެވެ. ކޫމަން ބާސެލޯނާއާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

“އަހަރެންގެ އެއްބަސްވުމުގައި ބާކީ އަހަރެއް އެބައޮތް. އަހަރެންނަށް އެނގޭ މިއީ ވަރަށް ޕްރެޝަރު ބޮޑު ވަޒީފާއެއްކަން. އަހަރެން ކްލަބުގެ ރައީސްއާ ވާހަކަދައްކައިފިން. ރައީސް އަހަރެންނަށް އިތުބާކުރޭ” ނުވަދިހައިގެ ކުރީކޮޅު ކުޅުންތެރިއެއްގެ ގޮތުގައި ބާސެލޯނާގައި ގިނަ ކާމިޔާބީތަކެއް ހޯދި ކޫމަން ބުންޏެވެ.

ސްޕެނިޝް ލީގުގެ ތިން ވަނައިގައި ބާސެލޯނާ އޮތްއިރު ކޫމަންގެ ކޯޗުކަމުގައި އެޓީމު ވަނީ މި ސީޒަނުގައި މުހިއްމު މެޗުތަކަކުން ބަލިވެފަ އެވެ. އޭގެތެރޭގައި ސުޕަ ކަޕްގެ ފައިނަލުގައި ބިލްބާއޯ އަތުން ބަލިވި މެޗާއި ލީގުގައި ރެއާލް މެޑްރިޑް އަތުން ދެ މެޗުން ބަލިވުމާއި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ޕީއެސްޖީ އަތުން ބަލިވެ ކެޓި މެޗުތައް ހިމެނެ އެވެ.

ބާސެލޯނާއާ ދެކޮޅަށް ފައިނަލުގައި ނުކުންނަ ބިލްބާއޯ ވަނީ މިދިޔަ ސީޒަނުގެ ކޮޕަ ޑެލްރޭ ފައިނަލުގައި ރެއާލް ސޮސިއެޑާޑްއާ ވާދަކޮށް 1-0 އިން ބަލިވެފަ އެވެ. ކޮވިޑާ ގުޅިގެން އެކިފަހަރުމަތިން ފަސްވެގެން ދިޔަ މިދިޔަ ސީޒަނުގެ ކަޕް ފައިނަލް ކުޅުނީ މި މަހުގެ ތިން ވަނަ ދުވަހު އެވެ.

ސްޕެނިޝް ކޮޕަ ޑެލްރޭގެ ފައިނަލުގައި ބާސެލޯނާ އާއި އެތުލެޓިކް ބިލްބާއޯ ވާދަކުރާ މެޗު ފަށާނީ މިރޭ މެންދަމު 12:30 ގަ އެވެ. މި މެޗު ކުޅޭ ސެވިއްޔާގެ ސްޓޭޑިއަމްގަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!