ފުރަތަމަ ސަފްޙާ / ޚަބަރު / ނަތީޖާ ރަގަޅުކުރަން މެންޗެސްޓާ ޔުނައިޓެޑުން ސީޓްތަކުގެ ކުލަ ބަދަލުކޮށްފި

ނަތީޖާ ރަގަޅުކުރަން މެންޗެސްޓާ ޔުނައިޓެޑުން ސީޓްތަކުގެ ކުލަ ބަދަލުކޮށްފި

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 15 އެޕްރީލް 2021

މި ސީޒަންގައި މެންޗެސްޓާ ޔުނައިޓެޑްގެ ހޯމް ރެކޯޑް މާބޮޑަށް ދަށްވުމުގެ ސަބަބުން އެކަން ބަދަލުކުރުމަށްޓަކައި އޯލްޑް ޓްރެފޯޑްގެ ސީޓްތަކުގެ ކަވަރުގެ ކުލަ ރަތުން ކަޅަށް ބަދަލުކޮށްފި އެވެ.

މީގެ ގާތްގަނޑަކަށް 25 އަހަރު ކުރިން ޔުނައިޓެޑްގެ ކުރީގެ ކޯޗް ސާ އެލެކްސް ފާގަސަން ވަނީ ސައުތުއެމްޕްޓަން އާ ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗެއްގައި އެ ޓީމުގެ ކުޅުންތެރިންގެ ފަރާތުން ފެނުނު ދަށް ކުޅުމުގެ ސަބަބުން ފުރަތަމަ ހާފުގައި ކުޅުންތެރިން ލައިގެންތިބި އަޅި ކުލައިގެ ޖޯޒީ މެޗުގެ އިންޓަވަލް ގަޑީގައި ބަދަލުކުރުމަށް އަންގައިފަ އެވެ. މިކަމަށް އިޝާރާތްކުރަމުން ޔުނައިޓެޑްގެ މިހާރުގެ ކޯޗް އޮލެ ގުނަ ސޯލްޝެއާ ބުނެފައިވަނީ ޔުނައިޓެޑަށް މިހާރު ކުރިމަތިވެފައިވާ މައްސަލައާ އެފަދަ ކަމަކާ ގުޅުން އޮވެދާނެ ކަމަށެވެ.

މި ސީޒަންގައި ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ކުޅުނު 24 މެޗުގެ ތެރެއިން އެ ޓީމަށް ކާމިޔާބުކުރެވުނީ އެންމެ 13 މެޗެވެ.  ހަ މެޗުން ބަލިވެފައި ވާއިރު ފަސް މެޗް ވަނީ އެއްވަރުވެފަ އެވެ. މިއާ ހިލާފަށް މި ސީޒަންގައި ޔުނައިޓެޑުން ރަށުން ބޭރުގައި ކުޅުނު 26 މެޗުގެ ތެރެއއިން 17 މެޗު ކާމިޔާބުކޮށްފައިވާއިރު އެ ޓީމު ބަލިވެފައިވަނީ އެންމެ ތިން މެޗުންނެވެ.

ޔުނައިޓެޑްގެ ކޯޗްކަމުގެ މަގާމާއި 2018 ވަނަ އަހަރު ހަވާލުވި ސޯލްޝެއާ ބުނެފައިވަނީ ޔުނައިޓެޑްގެ ދަނޑުގައި ހުރި ގޮނޑިތަކުގެ ކަވަރުގައި ކުރިން ހުރި ކުލައިން ފައިދާއެއް ނުކުރި ކަމަށެވެ.

“އަހަރެމެން މިކަމާ މެދު ވިސްނައިފިން. އަސްލު މިކަމުގެ ފަހަތުގައި އެކަހަލަ ސަބަބެއް ނެތް. އެކަމަކު ބައެއް ކުޅުންތެރިން ބުނެފަ އެބަހުރި ފަޅި ސިކުންތުކޮޅެއްގެ ތެރޭގަ ނިންމަންޖެހޭ ބައެއް ނިންމުންތައް ނިންމުމުގައި ސީޓްތަކުގެ ކުރިން ހުރި ރަތްކުލައިގެ ސަބަބުން ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއް ހުންނަކަން ބައެއް ފަހަރު ފާހަގަވާކަން.” ސޯލްޝެއާ ބުންޏެވެ.

“މިހާރު އެންމެންނަށްވެސް ފެންނާނެ ބަދަލެއް. ކުރިން ރަތްކުލައިގައި ހުރި ބެނާތައް މިހާރު ހުންނާނީ އެ ކުލަޔަކު ނޫން.” ސޯލްޝެއާ ބުނެފައިވެ އެވެ.

ޔުނައިޓެޑުން ސްޓޭޑިއަމްގައި ހުރި ގޮނޑިތަކުގެ ކަވަރުގެ ކުލަ ބަދަލުކުރީ މި މަހުގެ ކުރީ ކޮޅު އެވެ. އޭގެ ފަހުން އެ ދަނޑުގައި ޔުނައިޓެޑުން އަދި ކުޅެފައިވަނީ އެންމެ މެޗެކެވެ. ލީގުގައި ބްރައިޓަން އާ ދެކޮޅަށް ޔުނައިޓެޑުން ކުޅުނު މި މެޗު އެ ޓީމުން ވަނީ 1-2 އިން ކާމިޔާބުކޮށްފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!