ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި ޕީއެސްޖީ އާ ވާދަކޮށް އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިޔުނިކް މިރޭ ކެޓިއިރު، ޕޯޗުގަލްގެ ޕޯޓޯ އާ ދެކޮޅަށް ނުކުތް ޗެލްސީން ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.
މިރޭ ކުޅުނު ކުއާޓާ ފައިނަލްގެ ދެވަނަ ލެގުގައި ޕީއެސްޖީ އަތުން ބަޔާން 0-1 އިން މޮޅުވި ނަމަވެސް އެ ޓީމަށް ސެމީ ފައިނަލުން ފުރުސަތު ނުލިބުނީ މިދިޔަ ހަފްތާގެ ބުދަ ދުވަހުގެ ރޭ ޖަރުމަނުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުން 2-3 އިން ބަލިވެފައި އޮތުމާއިއެކު އަވޭ ގޯލްގެ ތަފާތުން ކުރި ނުލިބުމުންނެވެ. ޗެލްސީ އާއި ޕޯޓޯ މިރޭ ވާދަކުރި ދެވަނަ ލެގުގެ މެޗުގައިވެސް 0-1 އިން ކުރި ލިބުނީ ޕޯޓޯ އަށެވެ. އެކަމަކު މިދިޔަ ހަފްތާގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުން ޗެލްސީ މޮޅުވެފައި އޮތީ 0-2 އިންނެވެ.
މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ވެސް ވާދަކުރި ބަޔާން މިޔުނިކާއި، ޕީއެސްޖީ މިރޭ ވާދަކުރި މެޗުގައި ބަޔާން އިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 40 ވަނަ މިނެޓްގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ އެރިކް މެކްސިމް ޗޮޕޯ މޯޓިން އެވެ. ރޭގެ މެޗުގައިވެސް އަނިޔާގައި ހުރި ބަޔާންގެ ނުރައްކާތެރި ފޯވާޑް ޕޮލެންޑްގެ ރޮބާޓް ލެވޮންޑޮސްކީ ނެތުމުގެ ސަބަބުން އެ ޓީމުގެ ހަމަލާތައް ފެނުނީ ދަށްކޮށެވެ.
ބަޔާން އާ ދެކޮޅަށް ޕީއެސްޖީން ރޭ ކުޅުނު މެޗުގައި ޕީއެސްޖީ އަށް ގޯލެއް ކާމިޔާބު ނުކުރެވުނު ނަމަވެސް އެ ޓީމުން ގިނަ ހަމަލާ ތަކެއް ވަނީ އުފައްދާފައެވެ. ޕީއެސްޖީގެ ދެ ހަމަލާއެއް ބަޔާން ގެ ގޯލްގެ ހުރަސް ދަނޑިއާ އަމާޒުވި އިރު އެ ޓީމުން ފޮނުވާލި ގިނަ ހަމަލާތަކެއް ބަޔާންގެ ގޯލްކީޕަރު މެނުއަލް ނޯޔާ ވަނީ ހުށިޔާރުކަމާއެކު މަތަކޮށްފަ އެވެ. މެޗު ނިމެން ދިހަ މިނެޓަށް ވެފައި ވަނިކޮށް ޕީއެސްޖީގެ ފޯވާޑް ކިލިއެން އެންބާޕޭ ބަޔާންގެ ގޯލަށް ބޯޅައެއް ވައްދާވެސް ލިއެވެ. އެކަމަކު އޭރު އެސިސްޓެންޓް ރެފްރީ ހުރީ ދިދަ ނަގައިގެންނެވެ.
ޕޯޓޯ އާއި ޗެލްސީ ވާދަކުރި މެޗުގައި ރޭ ފެނުނު ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކުރީ ޕޯޓޯގެ މެހްދީ ޓަރޭމީ އެވެ. މިއީ އޯވަހެޑަކުން ޓަރޭމީ ކާމިޔާބުކުރި ގޯލެކެވެ.
ސެމީ ފައިނަލްގައި ޕީއެސްޖީ ވާދަކުރާނީ މެންޗެސްޓާ ސިޓީ އާއި ބޮރުޝިއާ ޑޯޓްމަންޑް ކުޅޭ މެޗުން މޮޅުވާ ޓީމަކާ އެވެ. ޗެލްސީ ސެމީ ގައި ވާދަކުރާނީ ރެއާލް މެޑްރިޑާއި، ލިވަޕޫލް ވާދަކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ.