ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ އާއި ރެއާލް މެޑްރިޑް ވާދަކުރި މެޗް ރެއާލް އިން ކާމިޔާބުކޮށް ޓޭބަލްގެ އެއްވަނަ އަށް އަރައިފި އެވެ. ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗް އެ ޓީމުން ކާމިޔާބުކުރީ 1-2 އިންނެވެ.
މިހާތަނަށް ލީގުގައި 30 މެޗް ހަމަކޮށްފައިވާ ރެއާލް އަށް ރޭ ހޯދި މޮޅާއެކު ޓޭބަލްގެ އެއްވަނަ ލިބުނު އިރު އެއް މެޗް މަދުން ކުޅެގެން ދެވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާއި ރެއާލް އަށް ޕޮއިންޓް ލިބިފައިވަނީ އެއްވަރަކަށެވެ. ދެ ޓީމަށްވެސް ޖުމްލަ 66 ޕޮއިންޓް ލިބިފައިވާއިރު ރެއާލް އަށް އެތުލެޓިކޯ އަށް ވުރެ ކުރި ލިބެނީ ހެޑް ޓު ހެޑް ނަތީޖާ އިން އެ ޓީމަށް ކުރި ލިބޭތީ އެވެ. އެކަމަކު މިރޭ އެތުލެޓިކޯ އިން ރަށުން ބޭރުގައި ޓޭބަލްގެ ހަވަނައިގައި އޮތް ރެއާލް ބެޓިސް އާ ދެކޮޅަށް ކުޅޭ މެޗް ކާމިޔާބުކޮށްފި ނަމަ އަލުން އެ ޓީމަށް އެއްވަނަ ލިބޭނެ އެވެ. ޓޭބަލްގެ ތިން ވަނައިގައި ބާސެލޯނާ އޮތީ ރެއާލް އާއި އެތުލެޓިކޯ އަށްވުރެ އެއް ޕޮއިންޓް މަދުން ލިބިގެންނެވެ.
ރޭގެ މެޗްގައި ރެއާލް އިން ޖެހި ދެ ލަނޑުވެސް ކާމިޔާބުކޮށްފައިވަނީ މެޗުގެ ފުރަތަމަ ހާފުގަ އެވެ. މެޗުގެ ފުރަތަމަ ހާފުގެ 13 ވަނަ މިނެޓްގައި ރެއާލް އަށް ލީޑް ހޯދައިދިން ލަނޑު ޖެހީ ތަޖްރިބާކާރު ފޯވާޑް ކަރިމް ބެންޒެމާ އެވެ. މިއީ ބެންޒެމާ ލީގުގައި އެންމެ ފަހުން ރެއާލް އަށް ކުޅުނު ހަތް މެޗުގައި ޖެހި ނުވަ ވަނަ ގޯލެވެ. ރެއާލްގެ ދެވަނަ ލަނޑު މެޗުގެ 28 ވަނަ މިނެޓްގައި އެ ޓީމަށް ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކުރީ ޓޯނީ ކްރޫސް އެވެ.
ބާސެލޯނާ އަށް މެޗްގައި ސުން ކަނޑުވާލަދިން ލަނޑު މެޗުގެ 60 ވަނަ މިނެޓްގައި ކާމިޔާބުކުރީ ސްޕެއިންގެ 21 އަހަރުގެ ޑިފެންޑަރު އޮސްކާ މިންގީޒާ އެވެ. ބާސެލޯނާއަށް ރޭގެ މެޗްގައި ނަތީޖާ ހަމަހަމަކުރަން މެޗްގެ އިތުރު ވަގުތުގެ ތެރޭގައި ރަގަޅު ފުރުސަތެއް ލިބުނެވެ. އެކަމަކު ބާސެލޯނާގެ މިޑްފީލްޑަރު މޮރިބާ ފޮނުވާލި ބާރު ބޯޅަ ދިޔައީ ރެއާލްގެ ގޯލް ދަނޑި މަތިން ބޭރަށެވެ. އޭރު ރެއާލް އިން ކުޅެމުން ދިޔައީ މެޗުގެ 90 ވަނަ މިނެޓްގައި އެ ޓީމުގެ މިޑްފީލްޑަރު ކަސެމީރޯ އަށް ދެއްކި ރަތް ކާޑަކާ ގުޅިގެން އެއް ކުޅުންތެރިއަކު މެދުކޮށެވެ.