ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ޕޯޗުގަލްގެ ޕޯޓޯ ބަލިކޮށް ޗެލްސީން ދެވަނަ ލެގުގެ ފުރިހަމަ ކޮންޓްރޯލް އަތުލައިފި އެވެ. ޕޯޓޯގެ ހޯމް މެޗަށް ވިޔަސް ކޮވިޑް ކޮންޓްރޯލްކުރުމަށް ޕޯޗުގަލްގެ ސަރުކާރުން އަޅައިފައިވާ ފިޔަވަޅު ތަކުގެ ސަބަބުން ސްޕެއިންގައި ކުޅުނު މި މެޗް ޗެލްސީން ކާމިޔާބުކުރީ 0-2 އިންނެވެ.
ޗެމްޕިއަންސް ލީގުގައި ރޭ ޗެލްސީން ރަގަޅު ނަތީޖާ އެއް ހޯދާފައި މިވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ ހޮނިހިރު ދުވަހު ޓޭބަލްގެ 19 ވަނައިގައި އޮތް ވެސްޓް ބްރޮމް އަތުން ލަދުވެތި ގޮތަކަށް ބަލިވެފައި ވަނިކޮށެވެ. 2-5 އިން އެ މެޗުގައި ވެސްޓް ބްރޮމް އަތުން ޗެލްސީ ބަލިވި އިރު އެއީ މިހާރުގެ ކޯޗު ތޯމަސް ޓުޗެލް މަގާމާ ހަވާލުވި ފަހުން މެޗަކުން ޗެލްސީ ބަލިވި ފުރަތަމަ ފަހަރެވެ.
ރޭގެ މެޗުގައި ޗެލްސީން ޖެހި ދެ ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު މެޗުގެ 32 ވަނަ މިނެޓްގައި މޭސަން މައުންޓް ކާމިޔާބުކޮށްދިން އިރު ދެވަނަ ލަނޑު މެޗު ނިމެން އަށް މިނެޓަށް ވެފައި ވަނިކޮށް އެ ޓީމަށް ކާމިޔާބުކޮށްދިނީ ބެން ޗިލްވެލް އެވެ. އެ ލަނޑުގެ ފަހުން ޗެލްސީގެ ކްރިސްޓިއަން ޕުލިސިޗް ފޮނުވާލި ހަމަލާއެއް ގޯލު ދަނޑީގައިވެސް ޖެހުނެވެ.
ޗެލްސީ އާއި ސެވިއްޔާ ވާދަކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ރެ އެވެ. އެ މެޗު ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ ސްޕެއިން ގަ އެވެ.