ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ރޭ ބަޔާން މިޔުނިކާއި ދެކޮޅަށް ޕީއެސްޖީން ކުޅުނު މެޗުގައި ފްރާންސްގެ ޒުވާން ފޯވާޑް ކިލިއެން އެމްބާޕޭ ޖެހި ދެ ގޯލާއެކު ބަޔާންގެ މައްޗަށް ޕީއެސްޖީން ކުރި ހޯދައިފި އެވެ. ބަޔާންގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުން ޕީއެސްޖީ މޮޅުވީ 2-3 އިންނެވެ.
މުބާރާތުގެ ފައިނަލްގައި އެންމެ ފަހުން ވާދަކުރި ބަޔާން އާއި ޕީއެސްޖީ ރޭ ވާދަކުރި މެޗުގައި ބަޔާނުން މޮޅަށް ކުޅުނެވެ. ޕީއެސްޖީ އަށް ވުރެ ބޮޑު ތަނުން ގިނައިރު ބޯޅަ ގެންގުޅުނެވެ. އެ ޓީމުގެ ނުރައްކާތެރި ފޯވާޑް ޕޮލެންޑްގެ ރޮބާޓް ލެވޮންޑޮސްކީ ނުލައި ކުޅުނު އިރުވެސް 31 ހަމަލާ ބަޔާނުން ރޭ އުފެއްދި އެވެ. 12 ހަމަލާ އެއް ގޯލާ އަމާޒުވެސް ކުރި އެވެ. އެކަމަކު އެ ހުރިހާ މަސައްކަތެއް ފެނަށް ހަދާލީ މުބާރާތުގެ ގަދަ 16 ގައި ބާސެލޯނާ އާ ދެކޮޅަށް ޕީއެސްޖީން ކުޅުނު ފުރަތަމަ ލެގުގައި ހެޓްރިކް ހަދައި ބާސެލޯނާގެ ހުރިހާ އުއްމީދެއް ފުނޑާލި އެމްބާޕޭ ބަޔާން ކޮޅަށް ރޭ ވައްދާލި ދެ ގޯލެވެ.
ދެ ޓީމުގެ ފަރާތުން ވެސް ރޭ ފެނުނީ ބަލާހިތްވާ ކަހަލަ މޮޅު ކުޅުމެކެވެ. ފައިނަލަށް ނުވިޔަސް ފައިނަލް މެޗަކުންވެސް މަދުން ނޫނީ ނުފެންނާނެ ވަރުގެ ކުޅުމެއް ދެ ޓީމުންވެސް ދެއްކި އެވެ. މެޗު ފަށައިގެން ލަނޑެއް ޖަހާތޯ އިންތިޒާރުކުރާކަށް މާ ގިނައިރަކު ބެލުންތެރިންނަކަށް ނުޖެހުނެވެ. މެޗުގެ ތިން ވަނަ މިނެޓްގައި ނޭމާ ވައްޓާލި ބޯޅައެއް އެއްވެސް ގޯހެއް ނުހަދައި އެމްބާޕޭ އެ ތަތްކޮށްލީ ބަޔާންގެ ގޯލު ދާގަނޑުގަ އެވެ.
އެމްބާޕޭގެ ލަނޑާއެކު ބަޔާނުން ވަރުގަދަ ރައްދެއް ލަސްނުކޮށް ދޭނެ ކަމަށް ހީކުރެވުނެވެ. އެކަމަކު ދެންވެސް ފެނުނީ ޕީއެސްޖީން ބަޔާންގެ ގޯލް ފޫއަޅުވާލައި ލީޑް ފުޅާ ކުރި ތަނެވެ. މިފަހަރުވެސް ހަމަލާގެ މޭސްތިރިއަކަށްވީ ބްރެޒިލްގެ ތަރި ނޭމާ އެވެ. ޕީއެސްޖީގެ ދެވަނަ ލަނޑު މެޗުގެ 28 ވަނަ މިނެޓްގައި ޖެހީ މާކީނިއޯ އެވެ. ޕީއެސްޖީގެ ދެ ލަނޑާއެކުވެސް ބަޔާންގެ ހިތްވަރަށް ކުޑަ ބަދަލެއްވެސް އައިތަނެއް ނުފެނުނެވެ. ނަތީޖާއެއްގެ ގޮތުން ޕީއެސްޖީން ދެވަނަ ލަނޑު ޖެހިތާ ނުވަ މިނެޓް ފަހުން ބަޔާނުން ލަނޑެއް ޖަހައި ނަތީޖާގެ ފަރަގު ކުޑަކުރި އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކުރިން ޕީއެސްޖީއަށް ކުޅެފައިވާ ފޯވާޑް އެރިކް މެކްސިމް ޗޮޕޯ މޯޓިން އެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން ޕީއެސްޖީން އަލުން ލީޑު ފުޅާ ކުރުމާ ވަރަށް ގާތަށް ދިޔަ އެވެ. އެކަމަކު އެ ޓީމްގެ ނޭމާ ނުރައްކާތެރި ހިސާބަކުން ފޮނުވާލި ހަމަލާ ނާކާމިޔާބުވީ ބަޔާންގެ ގޯލްކީޕަރު މެނުއަލް ނޯޔާގެ ހުށިޔާރުކަމުންނެވެ. އެއަށްފަހު ދެން ފެނުނީ އަނެއް ކޮޅުގައި ހުރި ގޯލްކީޕަރު ހަމަ އެވަރުގެ ހުށިޔާރުކަމެއް ދެއްކި ތަނެވެ. އެންމެ ފަހަރަކު ނޫނެވެ. ބަޔާންގެ ވަރުގަދަ ދެ ޑިފެންޑަރުން ކަމަށްވާ ޑޭވިޑް އަލަބާ އާއި ބެންޖަމިން ޕަވާޑް ފޮނުވާލި ހޫނު ދެ ހަމަލާއެއް ޕީއެސްޖީގެ ގޯލްކީޕަރު ކޭލާ ނަވާސް ދިފާއުކުރި އެވެ.
އެންމެ ފަހުގެ ޗެމްޕިއަން ބަޔާނުން ފުލުފުލުގައި އުފެއްދި ހަމަލާތަކާއެކު ޕީއެސްޖީ އަށް ނުކުޅަދާނަވެ ދެން ފެނުނީ މެޗުގެ 60 ވަނަ މިނެޓްގައި ބަޔާނުން ނަތީޖާ ހަމަހަމަ ކުރި ތަނެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ބަޔާނަށް ލިބުނު ހިލޭ ޖެހުމެއް ކިމިޗް ފޮނުވާލުމުން ތަޖުރިބާކާރު ފޯވާޑް ތޯމަސް މުލާ ބޮލުން ޖަހައި ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ. އެކަމަކު އޭގެ އަށް މިނެޓް ފަހުން އެމްބާޕޭ ލަނޑު ޖަހައި މެޗުގެ ނަތީޖާ ޕީއެސްޖީ ކޮޅަށް އަނބުރާލި އެވެ.
ބަޔާން އާއި ޕީއެސްޖީ ވާދަކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ ހަފްތާގެ އަންގާރަ ދުވަހުގެ ރެ އެވެ.