މެންޗެސްޓާ ސިޓީ އަށް ކުޅެމުން އަންނަ ބެލްޖިއަމްގެ އިތުބާރު މިޑްފީލްޑަރ ކެވިން ޑި ބްރޭނާ 2025 ވަނަ އަހަރާ ހަމައަށް ކްލަބުގައި މަޑުކުރަން ނިންމައި، އާ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އުމުރުން 29 އަހަރުގެ ޑި ބްރޭނާ އިނގިރޭސި ޕްރިމިއާ ލިޣުގެ އެއްވަނައިގައި މިވަގުތު އޮތް ސިޓީއާ އެކު އާ އެއްބަސްވުމެއްގައި ސޮއިކުރި އިރު ކުރިން އެ ކްލަބާއެކު އޭނާ ހަދައިފައިވާ އެއްބަސްވުމުގައި އަދި ބާކީ ދެ އަހަރު އެބަ އޮތެވެ. ޖަރުމަނުގެ ވުލްފްސްބާގުން 2015 ވަނަ އަހަރު ސިޓީއަށް ބަދަލުވި ޑި ބްރޭނާ ސިޓީ އަށް ބަދަލުވި ފަހުން އެ ޓީމުން އިނގިރޭސި ޕްރިމިއާ ލީގު ދެ ފަހަރު އުފުލާލުމުގެ އިތުރުން އެފްއޭ ކަޕާއި، ލީގު ކަޕްަ ވެސް ވަނީ ކާމިޔާބުކޮށްފަ އެވެ. ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި މިހާރު ވާދަކުރަމުން އަންނަ ސީޓީން ރޭ ކުޅުނު ފުރަތަމަ ލެގުގައި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޓްގެ މައްޗަށް 1-2 އިން ކުރި ހޯދިއިރު އެ ޓީމުން ރޭ ކާމިޔާބުކުރި ދެ ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު ކާމިޔާބުކޮށް ދެވަނަ ލަނޑު ޖަހަން އެހީތެރިވެދީފައި ވަނީ ވެސް ޑި ބްރޭނާ އެވެ.
“މި ނިންމުމަކީ އަހަރެންނަށް ވަރަށް ފަސޭހަ ނިންމުމެއް. މި ކްލަބް އަބަދުވެސް އަމާޒު ހިފަނީ ކާމިޔާބަށް. އަހަރެނެގެ މެކްސިމަމް ނެރުމަށްޓަކައި ބޭނުންވާ ހުރިހާ ކަމެއް މި ކްލަބުން ފޯރުކޮށްދޭ.” އާ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ޑި ބްރޭނާ ބުނެފައިވެ އެވެ.
މި ސީޒަނުގައި މިހާތަނަށް 33 މެޗު ސިޓީއަށް ޑި ބްރޭނާ ކުޅެދީފައިވާއިރު އޭނާ ވަނީ އަށް ގޯލް ޖަހައި އިތުރު 16 ގޯލް ޖަހަން އެހީތެރިވެދީފަ އެވެ.