ފުރަތަމަ ސަފްޙާ / ޚަބަރު / ލިވަޕޫލް ފަރުވާކުޑަވުމުން ރެއާލް މެޑްރިޑުން އަދަބުދީފި

ލިވަޕޫލް ފަރުވާކުޑަވުމުން ރެއާލް މެޑްރިޑުން އަދަބުދީފި

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 7 އެޕްރީލް 2021

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓަ ފައިނަލްގެ ފުރަތަމަ ލެގުގައި ލިވަޕޫލާއި ރެއާލް މެޑްރިޑް ވާދަކުރި މެޗު ރެއާލް އިން ކާމިޔާބުކޮށްފި އެވެ. ރެއާލް ގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 1-3 އިންނެވެ.

ރޭގެ މެޗުގައި މުބާރާތުގެ ތަށި 13 ފަހަރު ހޯދައިފައިވާ ރެއާލް މެޑްރިޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު އިރު އެ ޓީމުން މެޗުގައި ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކުރީ ފުރަތަމަ ހާފުގަ އެވެ. ފުރަތަމަ ލަނޑު މެޗުގެ 27 ވަނަ މިނެޓްގައި ޒުވާން ފޯވާޑް ވިނިޝިއަސް ޖޫނިއާ ކާމިޔާބުކޮށްދިން އިރު އެ ޓީމުގެ ދެވަނަ ލަނޑު އޭގެ ނުވަ މިނެޓް ފަހުން ކާމިޔާބުކޮށްދިނީ ސްޕެއިންގެ މިޑްފީލްޑަރ މާކޯ އަސެންސިއޯ އެވެ.

މުބާރާތުގެ ތަށި ހަ ފަހަރު ހޯދައިފައިވާ ލިވަޕޫލްގެ ފަރާތުން ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ފެނުނީ ދަށް ކުޅުމެކެވެ. އިނގިރޭސި ޕްރިމިއަރ ލީގުގައި މިފަހަކަށް އައިސް ވަރަށް ދަށް ނަތީޖާ ތަކެއް ނެރެމުން އައުމަށްފަހު މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ލީގުގައި އާސެނަލް އާ ދެކޮޅަށް އެ ޓީމުން ދެއްކި މޮޅު ކުޅުމާއެކު ލިވަޕޫލް ފޯމަކަށް އެޅުނީ ކަމުގައި ގިނަ ބަޔަކު ހީކުރި އެވެ. އެކަމަކު އެ މެޗާ ހިލާފަށް ރޭގެ މެޗުގައި ލިވަޕޫލްގެ ފަރާތުން ފެނުނީ ފަރުވާކުޑަ ކުޅުމެކެވެ. ލިވަޕޫލްގެ ފޯވާޑް ލައިންގައި ހިމެނުނު މުހައްމަދު ސަލާހް އާއި ޑިއޮގޯ ޖޯޓާ ރަގަޅު ފުރުސަތުތަކެއް ބޭކާރު ކޮށްލި އިރު ޑިފެންސް ލައިންގައި މުހިއްމު ދައުރެއް އަދާކުރަން ތިބި އެލްގްޒެންޑާ އާނޯލްޑާއި، އެންޑީ ރޮބަޓްސަންގެ ފަރާތުން މުހިއްމު ދަނޑިވަޅުތަކުގައި ފެނިގެންނުވާނެ ފަދަ ގޯސްތަކެއް ފެނުނެވެ. މީގެ އިތުރުން ޕްރެޝަރުގައި ކުޅެމުން އައި އިރު ވަރަށް ފަސޭހައިން ބޯޅަ މިސްވަމުން އައި ތަން ފެނިފައިވެ އެވެ.

“މިރޭ އަހަރެމެންނަށް ރެއާލް އަށް ނުރައްކާކުރެވޭ ވަރުގެ ފުޓްބޯޅައެއް ނުކުޅެވޭ. އެ މީހުންނަށް މާ ފަސޭހައިން ކުޅެވޭނެ ފުރުސަތު އަހަރެމެންނަށް ދެވުނީ. ސެމީ ފައިނަލަށް ދާން ބޭނުންކަމަށް ވާނަމަ އެކަން ހައްގުވާ ވަރަށް މަސައްކަތްކުރަން ޖެހޭ. އަހަރެމެންނަށް މިރޭ އެވަރެއް ނުކުރެވުނު. ހާއްސަކޮށް ފުރަތަމަ ހާފުގަ.” 2019 ވަނަ އަހަރު ލިވަޕޫލަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ކޯޗު ޔާގެން ކްލޮޕް މެޗަށް ފަހު ބީޓީ ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

ލިވަޕޫލުން ރޭގެ މެޗުގެ ފުރަތަމަ ހާފާ ހިލާފަށް ދެވަނަ ހާފުގައި ކުޅުން ރަގަޅުކޮށް ނަތީޖާ އެ ޓީމް ކޮޅަށް އަނބުރާލެވޭތޯ މަސައްކަތްކުރި އެވެ. އެގޮތުން ކުރި މަސައްކަތުން މެޗުގެ ފަހު ހާފު ފަށައިގެން ހަވަނަ މިނެޓްގެ ތެރޭގައި ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހް ލަނޑެއް ޖަހައި އެ ޓީމަށް އުއްމީދު އާކޮށްދިނެވެ. އެކަމަކު އެ ލަނޑާއެކު ލިބުނު ހިތްވަރުން ކުރި އިތުރު މަސައްކަތްތަކުން ނަތީޖާ އެއް ނުނުރެވި އުޅެނިކޮށް އަނެއްކާވެސް ފެނުނީ ރެއާލް އިން ލަނޑެއް ޖަހައި މެޗުގެ ނަތީޖާ 1-3 އަށް ބަދަލުކުރި ތަނެވެ. މެޗުގެ 65 ވަނަ މިނެޓްގައި މި ލަނޑު ރެއާލް އަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދިން ވިނިޝިއަސްަ އެވެ.

އަންނަ ހަފްތާގެ ބުދަ ދުވަހުގެ ރޭޢ އެންފީލްޑްގައި މި ދެ ޓީމު އަލުން ވާދަކުރަން ނުކުންނައިރު އެޑްވާންޓޭޖް އޮތީ ރެއާލް އަށެވެ. އެކަމަކު 2019 ވަނަ އަހަރު މި މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ބާސެލޯނާ އަތުން 0-3 އިން ބަލިވެފައި އޮއްވައި އެންފީލްޑްގައި ކުޅުނު މެޗުގައި ހަތަރު ގޯލް ޖަހައިގެން މޮޅުވެ ލިވަޕޫލް ފައިނަލުން ޖާގަ ހޯދައިފައި އޮތުމަކީ އެ ޓީމަށް ދެވަނަ ލެގު ކާމިޔާބުކޮށް ސެމީ އަށް ދާން ލިބޭނެ އިތުބާރެކެވެ. އެކަމަކު ދެރައީ އެފަހަރުގެ މެޗާ ތަފާތުކޮށް އަންނަ ބުދަ ދުވަހަގު ރޭ މެޗު ކުޅޭ އިރު އެންފީލްޑް ފަޅަށް އޮންނާނެތީ އެވެ.

އަނިޔާގައި ހުރުމުންނާއި ކޮވިޑްގެ ސަބަބުން ތަޖުރިބާކާރު ދެ ޑިފެންޑަރުން ކަނަށްވާ ސާޖިއޯ ރާމޯސް އާއި ރަފައެކް ވެރޭން ނުލައި ރެއާލް އިން ރޭ ހޯދި މޮޅާއެކު އަންނަ ހަފްތާގައި ކުޅޭ ދެވަނަ ލެގުގެ މެޗަށް ނުކުންނައިރު ކުރިމަތީގައި އެ ޓީމަށް ވަރުގަދަ އިމްތިހާނެއް އެބަ އޮތެވެ. އެއީ ލީގުގައި އެ ޓީމުން ބާސެލޯނާ އާ ދެކޮޅަށް ކުޅޭ މެޗެވެ. ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅޭ މި މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރެ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!