އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި 2-0 އިން ލެސްޓާ ސިޓީ ބަލިކޮށް މެންޗެސްޓަރ ސިޓީ ލީގު ހޯދުމާ ގާތަށް ޖެހިލައިފި އެވެ.
މުހިއްމު މޮޅާއެކު ލީގު ކަށަވަރުކުރަން ސިޓީ އަށް މިހާރު ބޭނުންވަނީ 11 ޕޮއިންޓެވެ. ލީގުގައި ބާކީ އަށް މެޗު އެޓީމަށް އޮތްއިރު ހަތަރު މެޗުން މޮޅުވެގެން އެޓީމަށް ލީޑު ކަށަވަރުވާނެ އެވެ. ސިޓީ 74 ޕޮއިންޓާ އެކު ލީގުގެ އެއް ވަނައިގައި އޮތްއިރު 17 ޕޮއިންޓް ފަހަތުން ލީގުގެ ދެ ވަނައިގައި އޮތީ މެންޗެސްޓަރ ޔުނައިޓެޑެވެ. ލީގުގައި ޔުނައިޓެޑް މާދަމާ ރޭ ނުކުންނާނީ ބްރައިޓަންއާ ދެކޮޅަށެވެ.
މިރޭގެ މެޗުގެ ފުރަތަމަ ހާފު ނިމުނީ ގޯލެއް ނުޖެހި އެވެ. މި ހާފުގައި ސިޓީގެ ފެނާންޑީއޯ އާއި ލެސްޓާގެ ޖެމީ ވާޑީ ގޯލަށް ވައްދަލި ދެ ބޯޅައެއްގައި ރެފްރީ ވަނީ ގޯލެއް ނޫންކަމަށް ނިންމައިފަ އެވެ. އަދި ކެވިން ޑި ބްރޭނާ ފޮނުވާލި ހިލޭ ޖެހުމެއް ދަނޑިއާ އަމާޒުވިއިރު ރިޔާދް މާރޭޒް ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ލެސްޓާގެ ގޯލްކީޕަރު ކެސްޕަރ ޝްމައިކަލް ވަނީ މަތަކޮށްފަ އެވެ.
ސިޓީން މެޗު އަނބުރާލީ ދެ ވަނަ ހާފުގަ އެވެ. މި ހާފުގައި އެޓީމުގެ ފުރަތަމަ ލަނޑު ބެންޔަމިން މެންޑީ ޖެހިއިރު އޭގެ އިރުކޮޅެއް ފަހުން ރަހީމް ސްޓާލިން ތަނަވަސްކޮށްދިން ފުރުސަތެއްގައި ދެ ވަނަ ލަނޑު ޖެހީ ގެބްރިއަލް ޖީސުސް އެވެ.
މި ސީޒަނުގެ ފުރަތަމަ މެޗުތަކުގައި ސިޓީގެ ނަތީޖާތައް ދަށްވި ނަމަވެސް އެޓީމަކީ މިހާރު ޔޫރަޕްގައި އޮތް އެންމެ މޮޅު އެއް ޓީމެވެ. މި ސީޒަނުގައި ކުޅުނު ހުރިހާ މުބާރާތެއްގައި 28 މެޗުގައި ބައިކޮޅަށް ގޯލެއް ނުވަދެ ނިންމާލިއިރު ބައިކޮޅަށް ވަދެފައިވަނީ އެންމެ 26 ލަނޑެވެ. މި އަދަދުތަކަކީ ޔޫރަޕްގެ ގަދަ ފަސް ލީގަށް ބަލާއިރު ރެކޯޑެކެވެ.

ތޯމަސް ޓުޗެލް ޗެލްސީއާ ހަވާލުވި ފަހުން އެޓީމު ފުރަތަމަ ފަހަރަށް ބަލިވީ އިއްޔެ ހަވީރު ވެސްޓް ބްރޮމްއާ ވާދަކޮށެވެ. އަމިއްލަ ދަނޑުގައި ވެސްޓް ބްރޮމް އަތުން ޗެލްސީ ބަލިވީ 5-2 އިންނެވެ. މެޗުގައި ޗެލްސީއަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ފުރަތަމަ ހާފުގެ 29 ވަނަ މިނެޓުގައި ތަޖުރިބާކާރު ޑިފެންޑަރު ތިއާގޯ ސިލްވާ އަށް ރަތް ކާޑު ދެއްކުމުންނެވެ. މެޗުގައި ޗެލްސީން ލީޑު ނެގިފަހުން ވެސްޓް ބްރޮމް އިން ވަނީ ކުޅުން ރަނގަޅުކޮށް ޗެލްސީ ހާސްކޮށްލާފަ އެވެ. މެޗުގައި ވެސްޓް ބްރޮމް ކޮޅަށް ޗެލްސީގެ ގޯލުތައް ކާމިޔާބުކޮށްދިނީ ކްރިސްޓިއަން ޕުލިސިޗާއި މޭސަން މައުންޓެވެ. ވެސްޓް ބްރޮމް މެޗަކީ 2011 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އާސެނަލް އަތުން 5-3 އިން ބަލިވިފަހުން އަމިއްލަ ދަނޑުގައި އެޓީމަށް ކޮޅަށް ފަސް ލަނޑު ވަން ފުރަތަމަ މެޗެވެ.
މުހިއްމު މެޗަކުން ބަލިވެ ޗެލްސީ މިވަގުތު އޮތީ 30 މެޗުން ލިބިފައިވާ 51 ޕޮއިންޓާ އެކު ލީގުގެ ހަތަރު ވަނައިގަ އެވެ. ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑުން މި ހަފްތާ ކުޅޭ މެޗު ކާމިޔާބުކޮށްގެން އެޓީމަށް ހަތަރު ވަނަ އަށް އެރޭނެ އެވެ. ވެސްޓް ބްރޮމް އޮތީ 21 ޕޮއިންޓާ އެކު 19 ވަނައިގަ އެވެ. ރެލިގޭޓް ނުވެ ސަލާމަތްވުމަށް ކުރިއަށްހުރި މެޗުތަކުން މޮޅުވުން އެޓީމަށް މަޖުބޫރެވެ.