ފުރަތަމަ ސަފްޙާ / ޚަބަރު / އެސްޓީއޯ އޭދަފުށި ކަޕް: ފައިނަލުގެ ފަހު ޖާގަ އެމްވީ ޔުނައިޓެޑަށް

އެސްޓީއޯ އޭދަފުށި ކަޕް: ފައިނަލުގެ ފަހު ޖާގަ އެމްވީ ޔުނައިޓެޑަށް

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 16 މާރޗް 2021

ބ. އޭދަފުށީގައި މިހާރު ކުރިއަށްދާ އެސްޓީއޯ އޭދަފުށި ކަޕްގައި މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލުގެ މެޗުގައި ޕެނަލްޓީ ޖަހައިގެން ހުސް ސޮނގުން ފުޓްބޯޅަ ޓީމު ބަލިކޮށް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ އެމްވީ ޔުނައިޓެޑް ހޯދައިފި އެވެ.

މިއަދުގެ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމު 1-1 އިން އެއްވަރުވުމުން ޖެހި ޕެނަލްޓީގައި އެމްވީ ޔުނައިޓެޑް ކުރި ހޯދީ 7-6 އިންނެވެ. މި މުބާރާތުގައި އޭދަފުށީގެ ފަސް ޓީމަކުން ބައިވެރިވިއިރު ލީގު އުސޫލުން ކުޅުނު ބުރުން އެންމެ ގިނަ ޕޮއިންޓް ހޯދައިގެން އެއް ވަނަ ޓީމުގެ ގޮތުގައި ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ ވެލާ ސްޕޯޓްސް ކްލަބެވެ.

މެޗުން މޮޅުވުމުން އެމްވީ ޔުނައިޓެޑްގެ ކުޅުންތެރިން އުފާފާޅުކުރަނީ. – ފޮޓޯ: އިބްރާހީމް ނަޒީހް / ރަޔާން ފޮޓޯސް

މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި އެމްވީ ޔުނައިޓެޑުން ވަނީ ލީޑު ނަގައިފަ އެވެ. މިއީ އެމްވީ ޔުނައިޓެޑްގެ ސާމީ އިބްރާހީމް ހުރަސްކޮށްލި ބޯޅައެއްގައި ހުސް ސޮނގުން ޓީމުގެ އަފްރާހް އަބްދުލްއަޒީޒް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ދެ ވަނަ ހާފުގައި ހުސް ސޮނގުން ޓީމަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ މިދިޔަ ދެ ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުނު އިޝާން އިބްރާހީމް (ސައްޓު) އެވެ. މެޗުގެ ފަހުކޮޅު ލިބުނު ހިލޭޖެހުމެއް ސައްޓު ވައްދާލީ ގޯލުގެ މަތީ ކަނަށެވެ.

ސައްޓު ގޯލު ޖެހުމަށް ފަހު. އެޓީމު ބަލިވީ ޕެނަލްޓީ ޖަހައިގެން. – ފޮޓޯ: އިބްރާހީމް ނަޒީހް / ރަޔާން ފޮޓޯސް

މެޗު އެއްވަރުވުމުން ޖެހި އަށް ޕެނަލްޓީގެ ތެރެއިން ހުސް ސޮނގުން ޓީމަށް ވައްދާލެވުނީ ހަ ޕެނަލްޓީއެވެ. އެމްވީ ޔުނައިޓެޑުން ވަނީ ހަތް ޕެނަލްޓީ ވައްދާލައިފަ އެވެ. ހުސް ސޮނގުންގެ ސައްޓު އާއި މުހައްމަދު ރީހާން ޖެހި ޕެނަލްޓީތައް އެމްވީ ޔުނައިޓެޑްގެ ތަޖުރިބާކާރު ގޯލްކީޕަރު އަބްދުﷲ ޒިޔަޒަން މަތަކުރީ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ޒިޔަޒަން އަކީ ކުރިން ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކަށް ކުޅެފައިވާ ތަޖުރިބާކާރު ކީޕަރެކެވެ. މެޗުގައި އެމްވީ ޔުނައިޓެޑަށް ވައްދާނުލެވުނީ އަހުމަދު ޝިޔާން ޖެހި ޕެނަލްޓީ އެވެ.

މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ ހުކުރު ދުވަހުގެ ހަވީރު އެވެ. އޭދަފުށީ ކައުންސިލުން އުފައްދާފައިވާ ކްލަބް އޭދަފުށިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އެވެ.

 

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!