އިޓާލިއަން ލީގުގައި ރޭ ކަލިއާރީ އާ ދެކޮޅަށް ޔުވެންޓަސް އިން ކުޅުނު މެޗުގައި ޕޯޗްގަލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ހެޓްރިކް ހަދައި ރަސްމީ މެޗުތަކުގައި އޭނާ ޖެހި ގޯލުގެ އަދަދު ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ޕެލޭ ޖެހި ގޯލުގެ އަދަދަށްވުރެ މައްޗަށް ޖައްސައިފި އެވެ.
ރަށުން ބޭރުގައި ކަލިއާރީ އާ ވާދަކޮށް 1-3 އިން ޔުވެންޓަސް މޮޅުވި މެޗުގައި ރޮނާލްޑޯ ޖެހި ތިން ލަނޑާއެކު އޭނާގެ ކެރިއަރުގައި ކުޅުނު ރަސްމީ މެޗުތަކުގައި ޖެހި ގޯލުގެ އަދަދު 770 އަށް އެރީ އެވެ. ބްރެޒިލްގެ ލެޖެންޑް ޕެލޭ ރަސްމީ މެޗުތަކުގައި ޖެހި ގޯލުގެ އަދަދަކީ 767 އެވެ.
ރޭގެ މެޗަށްފަހު ޕެލޭ ވަނީ ރޮނާލްޑޯ އަށް މަރުހަބާ ކިޔައި ވަރަށް ބޮޑަށް ރޮނާލްޑޯ އަށް ތައުރީފުކޮށްފަ އެވެ.
“ހަޔާތަކީ ކޮންމެ މީހަކުވެސް އެކަނި ކުރާ ދަތުރެއް. ރޮނާލްޑޯ ގެ ހަޔާތުގެ ތިޔަ ދަތުރަކީ ވަރަށް ފުރިހަމަ ދަތުރެއް. އަހަރެން ވަރަށް ޝައުގުވެރިވެ ގަޔާވޭ ރޮނާލްޑޯގެ ހަރަކާތްތަކަށް. އަހަރެން ވަރަށް ބަލާހިތްވޭ ރޮނާލްޑޯ ކުޅޭތަން. މިއީ ސިއްރެއް ނޫން. އަހަރެން ރަސްމީ މެޗުތަކުގައި ޖެހި ލަނޑުގެ ރެކޯޑް މުގުރާލުމާއެކު ވަރަށް ހޫނު މަރުހަބާއެއް ކިޔަން.” ރޭގެ މެޗަށް ފަހު އިންސްޓަގްރާމްގައި ޕެލޭ އާންމުކުރި ޕޯސްޓެއްގައި ލިޔެފައިވެ އެވެ.
ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރޮނާލްޑޯ ރޭ ހަދައިފައިވަނީ ދުނިޔޭގެ ވެސް ރެކޯޑެކެވެ. އެކަމަކު ޗެކް ރިޕަބްލިކްގެ ފުޓްބޯޅަ އެސޯސިއޭޝަން ބުނާ ގޮތުގައި ރަސްމީ މެޗުތަކުގައި އެންމެ ގިނަ ގޯލު މިހާތަނަށް ޖަހައިފައިވާ ކުޅުންތެރިޔަކީ ކުރިން ޗޮކޮސްލޮވަކިއާގެ އިތުރުން އޮސްޓްރިއާ އަށްވެސް ކުޅެފައިވާ ފޯވާޑް ޖޯސެފް ބައިކަން އެވެ. އެ އިދާރާ އިން ބުނާ ގޮތުގައި ބައިކަން ވަނީ 821 ގޯލު ޖަހައިފަ އެވެ. އަނެއްކޮޅުން ފުޓްބޯޅައިގެ ތަފާސް ހިސާބުތައް ބަލަހައްޓާ އެއް އޭޖެންސީ ކަމަށްވާ ރެކް.ސްޕޯޓް.ސޮކަރ ސްޓެޓިސްޓިކްސް ފައުންޑޭޝަން (އާރުއެސްއެސްއެފް) އިން ހާމަކޮށްފައިވާ ގޮތުގައި ބައިކަން ޖަހައިފައިވާ ގޯލުގެ ޖުމްލަ އަދަދަކީ 805 އެވެ. އެކަމަކު އެއީ އޮސްޓްރިއާގެ ކްލަބެއް ކަމަށްވާ ރެޕިޑް ވިއެނާ ގެ ރިޒާވް ޓީމަށް އޭނާ ޖަހައިދިން 27 ގޯލުގެ އިތުރުން އެމެޗާ މެޗުތަކާއި، ނުރަސްމީ ރަހުމަތްތެރިކަމުގެ ބައިނަލްއަގްވާމީ މެޗުތަކުގައި ޖެހި ގޯލުތައްވެސް ހިމަނައިގެންވެ. އެހެން ވުމާ އެކު އާރުއެސްއެސްއެފުން ބުނާ ގޮތުގައި ބައިކަންގެ ކެރިއަރ ނިންމި އިރު އޭނާ އަށް ރަސްމީ މެޗުތަކުގައި ޖެހިފައިވަނީ 759 ގޯލެވެ.