ފުޓްބޯޅަ ސީޒަނުގެ ބާކީ ބަޔަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ސްޕެއިނުގެ ފިޓްނަސް ކޯޗެއް ހަމަޖައްސައިފި އެވެ.
މާޒިޔާ އަށް ހަމަޖެއްސީ ފިޓްނަސްގެ ތަޖުރިބާހުރި ސްޕެއިންގެ ޕަބްލޯ އަރަންސް ރަމިރޭޒް އެވެ. ޕަބްލޯ އަކީ ޔޫރަޕްގެ ބައެއް ކްލަބްތަކާއި ގައުމީ ފުޓްބޯޅަ ޓީމުތަކުގެ އިތުރުން ސްޕެއިންގެ ބާސެލޯނާ، ސެވިއްޔާ އަދި ކަސްޓިލޭޔާގައި ފިޓްނަސްގެ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކޯޗެކެވެ.
ބިދޭސީ ފިޓްނަސް ކޯޗެއް މާޒިޔާއިން ގެނައުމުގެ އެންމެ ބޮޑު ބޭނުމަކީ އަންނަ މެއި މަހު ފެށުމަށް ހަމަޖެހިފައިވާ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތަކާ ކުރިމަތިލާއިރު ޓީމުގެ ފިޓްނަސް ރަނގަޅު ކުރުމެވެ. އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ ސީދާ ޖާގައެއް މާޒިޔާއަށް ލިބިފައިވާއިރު، އެ ޓީމު ވާދަކުރާ ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަ އެވެ. މާޒިޔާގެ އިތުރުން ދެކުނު އޭޝިއާއަށް ނިސްބަތްވާ ގްރޫޕުގައި ހިމެނެނީ ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އާއި އިންޑިއާގެ އޭޓީކޭ މޯހަން ބާގަން އެވެ. މި ގްރޫޕްގެ ފަހު ޖާގަ ލިބޭނީ ކޮލިފައިން ބުރުން ކާމިޔާބުހޯދާ ޓީމަކަށެވެ. ފަހު ޖާގައަށް ރާއްޖޭގެ ކްލަބް އީގަލްސް ވެސް ވާދަކުރާނެ އެވެ.
މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތައް ގިނަވެ މިދިޔަ މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ވަނީ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މެދުކަނޑާލައިފަ އެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ހުއްދައާއެކު ކްލަބްތަކުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު ލީގު އަލުން ފަށަން މަޝްވަރާކުރަމުން އަންނަނީ މި މަހުގެ 21 ވަނަ ދުވަހު އެވެ. އެފްއޭއެމްގެ ވިސްނުމަކީ ސީޒަން މެދުކެނޑުނު ނަމަވެސް ހުރިހާ މުބާރާތެއް މިފަހަރު ކުޅުމެވެ. އެހެންވެއްޖެ ނަމަ ކޮންމެ ޓީމަކުން ވެސް ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅެންޖެހޭނެ އެވެ.
ފިޓްނަސް ކޯޗެއްގެ އިތުރުން ޓްރާންސްފާ ބާޒާރުގައި މާޒިޔާއިން ވަނީ ޖަޕާނުގެ މިޑްފީލްޑަރެއް ކަމަށްވާ ޓަކާޝީ އޮޑަވާރާ އާއި ކުރިން މާޒިޔާއަށް ކުޅުނު ސީރިއާގެ ގައުމީ ޓީމުގައި ހިމެނޭ ގޯލްކީޕަރު މަހުމޫދު އަލް ޔޫސުފް ގެނެސްފަ އެވެ.