އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި މެންޗެސްޓަރ ސިޓީގެ މައްޗަށް 2-0 އިން މެންޗެސްޓަރ ޔުނައިޓެޑް ކުރިހޯދައިފި އެވެ.
ގިނަ ބަޔަކު އުއްމީދުކުރިގޮތާ ހިލާފަށް ޔުނައިޓެޑުން ހޯދި މުހިއްމު މޮޅާ އެކު އެޓީމު މިހާރު ވަނީ 54 ޕޮއިންޓާ އެކު ލީގުގެ ދެ ވަނަ އަށް އަރައިފަ އެވެ. 65 ޕޮއިންޓާ އެކު ސިޓީ އެއް ވަނައިގައި އޮތްއިރު 53 ޕޮއިންޓާ އެކު ތިން ވަނައިގައި އޮތީ ލެސްޓާ ސިޓީ އެވެ.
މިރޭގެ މެޗަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ލީގުގައި ޓޮޓެންހަމް ހޮޓްސްޕާސް އަތުން 2-0 އިން ބަލިވިފަހުން ސިޓީ މެޗަކުން ބަލިވި ފުރަތަމަ ފަހަރެވެ. ހުރިހާ މުބާރާތެއްގައި ބަލިނުވެ 28 މެޗު ސިޓީން ހަމަކުރިއިރު މިރޭގެ މެޗުގެ ކުރިން ކުޅުނު 21 މެޗުން ޖެހިޖެހިގެން އެޓީމު ވަނީ މޮޅުވެފަ އެވެ. ސިޓީ އަތުން ހޯދި މުހިއްމު މޮޅާ އެކު ޔުނައިޓެޑުން ވަނީ ރަށުން ބޭރުގައި ބަލިނުވުމުގެ ސިލްސިލާ ދަމަހައްޓައިފަ އެވެ. ޔުނައިޓެޑް އެންމެ ފަހުން ރަށުން ބޭރުގައި ލީގު މެޗަކުން ބަލިވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ލިވަޕޫލާ ވާދަކޮށެވެ.
މިރޭގެ މެޗު ފަށައިގެން ފުރަތަމަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭސް ވަނީ އެޓީމަށް ލީޑު ނަގައިދީފަ އެވެ. މިއީ އޭރިޔާ ތެރެއިން ސިޓީގެ ޖީސުސް، މާޝިއަލް އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ. ގޯލަށް ފަހު ވެސް ޔުނައިޓެޑުން ވަނީ މެޗުގެ ކުރީކޮޅު ސިޓީގެ ޑިފެންސަށް ބާރުބޮޑުކޮށްފަ އެވެ. އެކަމަކު ސިޓީން ވަނީ އޭގެފަހުން ގޭމު ތެރެއަށް ވަދެ ޔުނައިޓެޑަށް ނުރައްކާކޮށްފަ އެވެ. ސިޓީން އުފެއްދި ހަމަލާތައް ހުއްޓުވުމުގައި ޔުނައިޓެޑްގެ ގޯލްކީޕަރު ޑީން ހެންޑަސަން މޮޅު ކުޅުމެއްދެއްކި އެވެ.
މެޗުގެ ދެ ވަނަ ހާފުގައި ސިޓީން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ގޯލު ޖަހާނެ މާ ހުސް ފުރުސަތުތަކެއް ތަނަވަހެއް ނުކުރެވުނެވެ. މި ހާފުގައި މާކަސް ރަޝްފާޑްގެ އެހީތެރިކަމާ އެކު ޔުނައިޓެޑްގެ ދެ ވަނަ ގޯލު ޖެހީ ޑިފެންޑަރު ލޫކް ޝޯ އެވެ. އޭގެފަހުން މާޝިއަލް އަށް ހުސްކޮށް ލިބުނު ބޯޅައެއް ފޮނުވާލުމުން ކީޕަރު އެޑަސަން ވަނީ ހިފަހައްޓައިފަ އެވެ. ސިޓީން ލަނޑު ޖަހަން ކުރި މަސައްކަތުގައި ރޮޑްރީ ފޮނުވާލި ބޯޅައެއް ގޯލުގެ ދަނޑިއަށް އަމާޒުވިއިރު ރަހީމް ސްޓާލިން އާއި ފިލް ފޯޑެން އަދި ޖޯން ސްޓޯންސް އަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއްނުހިފުނެވެ.