ފުރަތަމަ ސަފްޙާ / ޚަބަރު / ތާރީހީ މެޗުގައިވެސް ރޮނާލްޑޯ ހެދީ ރެކޯޑް

ތާރީހީ މެޗުގައިވެސް ރޮނާލްޑޯ ހެދީ ރެކޯޑް

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 3 މާރޗް 2021

އިޓާލީގެ ޔުވެންޓަސް އަށް ކުޅެމުން އަންނަ ޕޯޗްގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅުނު 600 ވަނަ ލީގު މެޗުގައި ގޯލު ޖަހައި މުހިއްމު ރެކޯޑެއް ހަދައިފި އެވެ.

އިޓާލިއަން ލީގުގައި ރޭ އެސްޕީޒިއާގެ މައްޗަށް 0-3 އިން ކުރި ހޯދި މެޗުގައި ރޮނާލްޑޯ ޖެހި ގޯލާއެކު އޭނާ މިފަހަރުގެ ލީގުގައި ޖެހި ގޯލުގެ އަދަދު ވަނީ 20 އަށް އަރައިފަ އެވެ. މިއީ އުމުރުން 36 އަހަރުގެ ފޯވާޑް މިއަދަދަށް ޖެހިޖެހިގެން ލީގުގައި ސްކޯރ ކުރި 12 ވަނަ ސީޒަނެވެ. މިއީ ޔޫރަޕްގެ އެންމެ ވަރުގަދަ ފަސް ލީގުގައި ކުޅެމުން އަންނަ އެއްވެސް ކުޅުންތެރިއަކަށް މީގެ ކުރިން ކުރެވިފައި އޮތް ކަމެއް ނޫނެވެ.

ރޮނާލްޑޯ ރޭ ޖެހި ގޯލާ އެކު ދެ ގޯލުގެ ތަފާތުން އިޓާލިއަން ލީގުގައި މި ސީޒަންގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކަށްވެސް މިވަގުތު ހުރީ ރޮނާލްޑޯ އެވެ. ރޮނާލްޑޯ އާ އެންމެ ގާތުން މިރޭހުގައި ވާދަކުރަމުން އަންނަނީ ލީގުގައި މިހާތަނަށް 18 ގޯލު ޖަހައިފައިވާ ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ އެވެ.

ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި ރޭ ހޯދި މޮޅާއެކު އެ ޓީމު މިހާރުވަނީ ޓޭބަލްގެ ދެވަނައިގައި އޮތް އޭސީ މިލާނާ ތިން ޕޮއިންޓް ގާތަށް ޖެހިލައިފަ އެވެ. ޓޭބަލްގެ އެއްވަނައިގައި މިވަގުތު އޮތް އިންޓަރ މިލާނާއި ޔުވެންޓަސް އާ ދެމެދު މިހާރު އޮތީ ހަތް ޕޮއިނއްޓްގެ ތަފާތެވެ. ކޮންމެ ޓީމަކަށް ވެސް އަދި ލީގުގައި ބާކީ 14 މެޗު އެބަ އޮތެވެ.

ރޭގެ މެޗުގައި ޔުވެންޓަސް އިން ޖެހި ތިން ގޯލުގެ ތެރެއިން ފުރަތަމަ ގޯލު މެޗުގެ 62 ވަނަ މިނެޓްގައި ސްޕެއިންގެ ފޯވާޑް އަލްވާރޯ މޮރާޓާ ކާމިޔާބުކުރި އިރު އެ ޓީމުގެ ދެވަނަ ގޯލު 71 ވަނަ މިނެޓްގައި ކާމިޔާބުކުރީ ފެޑެރީކޯ ކިއޭސާ އެވެ. މެޗުގައި ޔުވެންޓަސް އިން ޖެހި ފަހު ލަނޑު ރޮނާލްޑޯ ކާމިޔާބުކޮށްފައިވަނީ މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށެވެ.

 

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!