މިއަހަރު ބާއްވަން ހަމަޖެހިފައިވާ އޭއޭފްސީ ކަޕް ގްރޫޕް ސްޓޭޖްގެ މެޗުތަކު ތެރެއިން ދެކުނު އޭޝިޔާ ޒޯންގެ މެޗްތައް ރާއްޖޭގައި ކުޅޭގޮތަށް އޭއެފްސީ އިން ނިންމައިފި އެވެ. އޭއެފްސީން މިގޮތަށް ނިންމައިފައިވަނީ ގްރޫޕް ސްޓޭޖްގެ މެޗުތައް ބާއްވަން ރާއްޖޭގެ އިތުރުން އިންޑިއާ އިންވެސް ބިޑްކޮށްފައި ވަނިކޮށެވެ.
ދެކުނު އޭޝިއާގެ ގައުމުތަކަށް ނިސްބަތްވާ ކުލަބްތައް ހިމެނޭ ގްރޫޕް ޑީ ގައި ހިމެނޭ ޓީމްތަކަކީ ރާއްޖޭގެ މާޒިއާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި އިންޑިއާގެ މޯހަން ބާގަން އާއި،ބަންގްލަދޭޝްގެ ބަސުންދަރަ ކިންގްސް ގެ އިތުރުން މި ސަރަހައްދުގެ ޕްލޭ އޯފް އިން ގްރޫޕް ސްޓޭޖަށް ކޮލިފައިވާ ޓީމެކެވެ.
ޕްލޭއޯފް ރައުންޑްގައި ރާއްޖޭގެ ކުލަބްގެ އީގަލްސްގެ އިތުރުން ދެން ވާދަކުރަނީ އިންޑިއާގެ ބެންގަލޫރު އެފްސީ އާއި ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އެވެ.
އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖްގެ މެޗުތައް އަންނަ މެއި މަހުގެ ތެރޭގައި ކުޅޭގޮތަށް އޭއެފްސީން ހަމަޖައްސައިފައިވާއިރު މިދިޔަ އަހަރުގެ މުބާރާތް ވަނީ ކޮވިޑް 19 ގެ ސަބަބުން ގްރޫޕް ސްޓޭޖް ކުރިއަށް ނުގެންގޮސް ނިންމާލަން ޖެހިފަ އެވެ. ރާއްޖޭގެ މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބަށް ވާދަކުރުމުގެ ފުރުސަތު ލިބިފައި އޮތް އެ ފަހަރުގެ ގްރޫޕް ސްޓޭޖްގެ މެޗްތައްވެސް ރާއްޖޭގައި ބާއްވަން ފުރުސަތު ލިބުނެވެ.