ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދައިފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯ ޔުވެންޓަސް އަށް ގެނައުމަކީ އެ ޓީމުން ހެދި ގޯހެއް ކަން މިހާތަނަށް ފެންނަން ހުރި ކަންކަމުން އެނގޭ ކަމަށް އިޓަލީގެ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އެންޓޯނިއޯ ކަސާނޯ ބުނެފި އެވެ.
އުމުރުން މިހާރު 36 އަހަރު ފުރިފައިވާ ޕޯޗްގަލްގެ ތަރި ރޮނާލްޑޯ ޔުވެންޓަސް އަށް ގެނައީ ރެއާލް މެޑްރިޑްގައި ހުއްޓާ 2018 ވަނަ އަހަރުގެ ހޫނު މޫސުމުގަ އެވެ. 100 މިލިއަން ޕައުންޑަށް ޔުވެންޓަސް އިން ރޮނާލްޑޯ ގެނައީ ގަބޫލުކުރެވޭ ގޮތުގައި ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަށެވެ. ޔުވެންޓަސްގެ އެ ހުވަފެން އަދިވެސް ހަގީގަތަކަށް ވެފައި ނެތުމަކީ ކަސާނޯ ގަބޫލު ކުރާ ގޮތުގައި ރޮނާލްޑޯގެ ފައިދާ ޔުވެންޓަސް އަށް އެންމެ ރަގަޅަށް ލިބިފައި ނެތް ކަމަށެވެ.
“ޔުވެންޓަސް އިން ރޮނާލްޑޯގެ ސޮއި ހޯދީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރަން. އެކަމަކު ރޮނާލްޑޯ ގެނައުމުގެ ކުރިން އެ ޓީމަށް ޗެމްޕިއަންސް ލީގުގައި ލިބުނު ކާމިޔާބަށްވުރެ އޭނަ ގެނައި ފަހުން ލިބުނު ކުރިއެރުން މާ ދަށް.” އިޓަލީގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ކަސާނޯ ބުނެފައިވެ އެވެ.
ރޮނާލްޑޯ ނުލައިވެސް މިދިޔަ ދެ އަހަރު ޔުވެންޓަސް އަށް ލީގު ކާމިޔާބު ކުރެވުނީސް. އެއީ އެއް ނޫން އަސްލު އޭނަގެ ފަރާތުން ބޭނުންވި ކަމަކީ. އޭނާ އަބަދުވެސް ލަނޑު ޖަހާނެ. އޭނަ އަށް އެނގޭ އެކަންކުރަން ކޮންމެ ގޮތަކަށް ކަން އޮތަސް. އޭނަ ވާތް ފަރާތުން އަރިއަކަށް ޖެހިލާފަ ކަނާތު ފަޔަށް ބޯޅަ ހެޔޮވަރުކޮށްލާފަ ފޮނުވާލުމުން ގޯލަށް ވަންނާނެ. އޭނަ ބޮލުން ޖަހާ ބޯޅަތައް ވަރަށް ތަފާތު. އެކަމަކު ކޯޗު ޕިރްލޯ ބޭނުންވަނީ ކުޅުމެއް ބިލްޑް ކޮށްގެން އިދިކޮޅު ޓީމަށް ޕްރެޝަރު ކުރަން. އެކަމަކު އެކަމުގައި ރޮނާލްޑޯ އަށް ބައިވެރިވެވޭ މިންވަރު ކުޑަ. ޗެމްޕިއަންސް ލީގު ކާމިޔާބު ނުކުރެވޭހާ ހިނދަކު އަހަރެން ބަލާނީ ރޮނާލްޑޯ ގެނައުމުގެ ބޭނުން ޔުވެންޓަސް އަށް ނުފުދުނު ކަމަށް.” އިޓަލީގެ މަޝްހޫރު ބައެއް ކުލަބްތަކުގެ އިތުރުން ސްޕެއިންގެ ރެއާލް މެޑްރިޑަށްވެސް ކުޅެފައިވާ ފޯވާޑް ކަސާނޯ އިތުރަށް ބުނެފައިވެ އެވެ.
މީގެ ދެ އަހަރު ކުރިން ރޮނާލްޑޯ ޔުވެންޓަސް އާ ގުޅުނު ފަހުން އެ ޓީމުން ދެ ފަހަރު ލީގު ކާމިޔާބުކުރުމުގެ އިތުރުން ދެ ފަހަރު އިޓާލިއަން ސުޕަ ކަޕް ވަނީ ކާމިޔާބުކޮށްފަ އެވެ. އަދި އޭނާ އަށް ވަނީ އިޓާލިއަން ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު 2019 ވަނަ އަހަރު ލިބިފަ އެވެ. އެހެން ނަމަވެސް ރޮނާލްޑޯ އައިފަހުން ޔުވެންޓަސް އިން ދެ ފަހަރު ޗެމްޕިއަންސް ލީގުގައި ވާދަކޮށްފައިވާ އިރު އޭގެ ތެރެއިން އެއް ފަހަރު ކުއާޓަރ ފައިނަލްގައި ވާދަކުރި އިރު އަނެއް ފަހަރު ވަނީ ގަދަ 16 އާ ހަމައިން ކަޓައިފަ އެވެ.
މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ޔުވެންޓަސް އިން ޕޯޗްގަލްގެ ޕޯޓޯ އާ ވާދަކުރާ އިރު ރަށުން ބޭރުގައި ޔުވެންޓަސް އިން ކުޅުނު ފުރަތަމަ މެޗުން ވަނީ 1-2 އިން ބަލިވެފަ އެވެ.