ސްޕެނިޝް ލީގުގައި މިރޭ ސެވިއްޔާ އާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ބާސެލޯނާ އިން ޓޭބަލްގެ ދެވަނަ އަށް އަރައިފި އެވެ. ރަށުން ބޭރުގައި ބާސެލޯނާ އިން ސެވިއްޔާގެ މައްޗަށް މިރޭ ކުރި ހޯދައިފައިވަނީ 0-2 އިންނެވެ.
މިރޭގެ ނަތީޖާ އާއެކު ބާސެލޯނާ ޓޭބަލްގެ ދެވަނައިގައި އޮތީ 53 ޕޮއިންޓާއެކު އެވެ. އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާއި ބާސެލޯނާ އާ ދެމެދު އޮތް ފަރަގު ދެ ޕޮއިންޓަށް ކުޑަވެފައި އޮތް ނަމަވެސް ބާސެލޯނާ އަށް އެވަރު ކުރެވިފައި އޮތީ އެރުލެޓިކޯ އަށް ވުރެ އިތުރަށް ދެ މެޗު ކުޅެގެންނެވެ. ބާސެލޯނާ އަށްވުރެ އެއް ޕޮއިންޓް މަދުން ލިބިގެން ތިން ވަނައިގައި ރެއާލް މެޑްރިޑް އޮތްއިރު އަންނަ ހޯމަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ރެއާލް ސޮސިއެޑާޑް އާ ދެކޮޅަށް ކުޅޭ މެޗު ރެއާލް މެޑްރިޑުން ކާމިޔާބުކޮށްފި ނަމަ އެ ޓީމަށް އަލުން ދެވަނަ ލިބޭނެ އެވެ.
މިރޭ ސެވިއްޔާ އާ ދެކޮޅަށް ބާސެލޯނާ އިން ކުޅުނު މެޗުގައި އެ ޓީމުން ޖެހި ދެ ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު މެޗުގެ 29 ވަނަ މިނެޓްގައި ކާމިޔާބުކުރީ މެސީ ދިން ބޯޅައަކުން އޮސްމާނޭ ޑެމްބެލޭ އެވެ. މެޗުގައި ބާސެލޯނާ އަށް ތިން ޕޮއިނއްޓް ކަށަވަރުކޮށްދިން ލަނޑު މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ކާމިޔާނުކުރީ މެސީ އެވެ.