ފުރަތަމަ ސަފްޙާ / ޚަބަރު / ހެންޑަސަން އަށް ގިނަ މެޗުތަކެއް ގެއްލި ލިވަޕޫލް ބޮޑު ހާސްކަމަކަށް

ހެންޑަސަން އަށް ގިނަ މެޗުތަކެއް ގެއްލި ލިވަޕޫލް ބޮޑު ހާސްކަމަކަށް

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 26 ފެބްރުއަރީ 2021

އިނގިރޭސި ޕްރިމިއަރ ލީގުގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އެވަޓަން އާ ދެކޮޅަށް ލިވަޕޫލުން ކުޅުނު މެޗުގައި އެ ޓީމުގެ ކެޕްޓަން ޖޯޑަން ހެންޑަސަން އަށް މަދުވެގެން ފަސް ހަފްތާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެކަން ކަށަވަރުވެއްޖެ އެވެ.

ޕްރިމިއަރ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލުން އެ ކްލަބްގެ ރަސްމީ ވެބްސައިޓްގައި ޝާއިއުކުރި ބަޔާނެއްގައި ބުނެފައިވަނީ އުމުރުން 30 އަހަރުގެ ހެންޑަސަން އަށް ލިބުނު އަނިޔާ އާ ގުޅިގެން އޮޕަރޭޝަންއެއް ކޮށްފައިވާ ކަމަށާއި އެންމެ ފުރަތަމަ ލަފާކޮށްފައިވަނީ ދެން އެންމެ އަވަހަށް އަންނަ އިންޓަނޭޝަނަލް ބްރޭކް ނިމެންދެން ހެންޑަސަން އަށް ކުޅުމާއި ދުރުގައި ހުންނަންޖެހޭނެ ކަމަށެވެ. ހެންޑަސަންއަށް އެނބުރި އާދެވޭނެ ވަކި މުއްދަތެއް ކުލަބުން ހާމަކޮށްފައި ނުވި ނަމަވެސް ބީބީސީ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހެންޑަސަން އަށް ގާތްގަނޑަކަށް އަށެއް ނުވަތަ ދިހަ ހަފްތާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ އެވެ.

ހެންޑަސަން އަށް އަނިޔާވެ ގިނަ ދުވަސްތަކަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހުމަކީ އަނިޔާގެ ސަބަބުން ޑިފެންސް ލައިނަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާ ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕަށް ކުރިމަތިވާނެ ވަރަށް ބޮޑު މާޔޫސްކަމެކެވެ. އަނިޔާގެ ސަބަބުން ލިވަޕޫލްގެ އެންމެ މުހިއްމު ދެ ޑިފެންޑަރުން ކަމަށްވާ ވާޖިލް ވެން ޑައިކާއި، ޖޯ ގޯމޭޒް އަށް އަނިޔާގެ ސަބަބުން ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ތިބެން ޖެހުމާއެކު ހެންޑަސަން އައީ ލިވަޕޫލްގެ ޑިފެންސް ލައިނަށް ކުރިމަތިވެފައި އޮތް ހީނަރުކަން ފޫބެއްދުމުގައި މުހިއްމު ދައުރެއް އަދާކުރަމުންނެވެ.

ހެންޑަސަން އަށް ކުރިމަތިވި އަނިޔާ އާއެކު އެ ޓީމުން ލީގުގައި، ޝެފީލްޑް ޔުނައިޓެޑް، ޗެލްސީ، ފުލަމް އަދި ވުލްވްސް އާ ދެކޮޅަށް ކުޅެންޖެހޭ މެޗުގެ އިތުރުން ޔޫއެފާ ޗެމްޕިއަންސް ލީގުގައި އާރުބީ ލައިޕްޒިގާ ދެކޮޅަށް ކުޅޭ މެޗުގައި ނުކުޅެވޭނެ ކަން  މިވަނީ ޔަގީންވެފަ އެވެ. މީގެ އިތުރުން މާރޗް 22 އިން 30 އާއި ދެމެދު އޮންނަ އިންޓަނޭޝަނަލް ބްރޭކަށްފަހު އާސެނަލް އާ ދެކޮޅަށް އެމިރޭޓްސްގައި ކުޅެންޖެހޭ މެޗާއި، އަމިއްލަ ދަނޑުގައި އެސްޓަން ވިލާ ެއާ ދެކޮޅަށް ކުޅެން ޖެހޭ މެޗުގައިވެސް ހެންޑަސަން އަށް ކުޅެވޭނެ ކަމަކަށް ނުބެލެވެ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!