ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާއިން ޓޭބަލްގެ 19 ވަނައިގައި އޮތް އެލްޗެ އާ ދެކޮޅަށް ކުޅުނު މެޗުގައި ދެ ގޯލް ޖަހައި އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ލީގުގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިންގެ ލިސްޓްގެ އެންމެ ކުރިއަށް އަރައިފި އެވެ. މި ސީޒަން ނިމުމުން ބާސެލޯނާ ދޫކޮށްލާނެ ކަމަށް ގިނަ ބަޔަކު ގަބޫލކުރަމުން އަންނަ މެސީ ލަނޑު ލިސްޓްގެ އެންމެ ކުރިއަށް މި އެރީ އިޓާލިއަން ލީގުގައި ކުޅެމުން އަންނަ އޭނާ އާ އެންމެ ވާދަވެރި ކްރިސްޓިއާނޯ ރޮނާލްޑޯ އިޓާލިއަން ލީގުގެ ލަނޑު ލިސްޓްގެ އެންމެ ކުރިއަށް އެރިތާ ދެ ދުވަސްވެސް ފާއިތު ނުވަނީ ހެވެ.
އަމިއަލަ ދަނޑުގައި އެލްޗެ އާ ވާދަކޮށް 0-3 އިން ބާސެލޯނާ ރޭ މޮޅުވި މެޗުގައި މެސީ ޖެހި ދެ ގޯލާއެކު އޭނާ ލީގުގައި ޖެހި ގޯލުގެ އަދަދު ވަނީ 18 އަށް އަރައިފަ އެވެ. އިޓާލިއަން ލީގުގައި މިހާތަނަށް ރޮނާލްޑޯ ވެސް ޖަހައިފައިވަނީ 18 ލަނޑެވެ. ސްޕެނިޝް ލީގުގައި މެސީ އާ އެންމެ ގާތުން ވާދަކުރަނީ އޭނާ އާއިއެކު ބާސެލޯނާގެ ފޯވާޑް ލައިންގައި ކުޅުމަށްފަހު މިދިޔަ އަހަރު އެތުލެޓިކޯ މެޑްރިޑަށް ބަދަލުވި ލުއިސް ސުއަރޭޒް އެވެ. ލީގުގައި މިހާތަނަށް ސުއަރޭޒް ޖަހައިފައިވާ ލަނށުގެ އަދަދަކީ 16 އެވެ.
ރޭގެ މެޗުގައި މެސީ ޖެހި ދެ ގޯލުގެ ތެރެއިން ފުރަތަމަ ގޯލް މެޗުގެ 48 ވަނަ މިނެޓްގައި ކާމިޔާބުކުރިއިރު ދެވަނަ ގޯލް އޭނާ ޖަހައިފައިވަނީ މެޗުގެ 68 ވަނަ މިނެޓްގަ އެވެ. މެޗުގައި ބާސެލޯނާއިން ޖެހި ތިންވަނަ ލަނޑު މެޗުގެ 73 ވަނަ މިނެޓްގައި ކާމިޔާބުކޮށްފައިވަނީ ޑިފެންޑަރތ ޖޯޑީ އަލްބާ އެވެ. ރޭގެ މެޗުން ބާސެލޯނާ ހޯދި މޮޅާއެކު އެ ޓމް ޓޭބަލް ތިންވަނައިގައި އޮތް އިރު އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާއި އެ ޓީމާ ދެމެދު އޮތީ ފަސް ޕޮއިންޓްގެ ތަފާތެވެ. އެކަމަކު ބާސެލޯނާ ވަނީ އެތުލެޓިކޯ އަށްވުރެ އިތުރަށް އެއް މެޗު ކުޅެފަ އެވެ.