ފުރަތަމަ ސަފްޙާ / ޚަބަރު / ރެއާލް މެޑްރިޑާއި، މެންޗެސްޓަރ ސިޓން ކުއާޓަރ ފައިނަލަށް އެއްފައި ލައިފި

ރެއާލް މެޑްރިޑާއި، މެންޗެސްޓަރ ސިޓން ކުއާޓަރ ފައިނަލަށް އެއްފައި ލައިފި

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 25 ފެބްރުއަރީ 2021

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ރޭ ކުޅުނު މެޗުތަކުން ރެއާލް މެޑްރިޑާއި، މެންޗެސްޓަރ ސިޓީ މޮޅުވެ ކުއާޓަރ ފައިނަލްގެ ޖާގައެއް ކަށަވަރުކުރުމާ ގާތަށް ހިނގައްޖެ އެވެ. އިޓަލީގެ އެޓަލާންޓާ އާ ވާދަކޮށް 0-1 އިން ރެއާލް މެޑްރިޑް މޮޅުވި އިރު ޖަރުމަނުގެ ބޮރޫޝިއާ މޮންޝެން އާ ވާދަކޮށް މެންޗެސްޓަރ ސިޓީ މޮޅުވީ 0-2 އިންނެވެ.

އެޓަލާންޓާގެ ދަނޑުގައި ރޭ ކުޅުނު މެޗަށް ރެއާލް މެޑްރިޑް ނުކުތީ އަނިޔާގެ ސަބަބުން އެ ޓީމުގެ މުހިއްމު ވަރަށް ގިނަ ކުޅުންތެރިން ނުލަ އެވެ. އޭގެ ތެރޭގައި އެ ޓީމްގެ ކެޕްޓަން ސާޖިއޯ ރާމޯސް އާއި، ތަޖްރިބާކާރު ފޯވާޑް ކަރިމް ބެންޒެމާ އާއ މިޑްފީލްޑަރ އެޑެން ހަޒާޑް ހިމެނޭ އިރު އެ ކުޅުންތެރިން ނެތްތަން މުޅި މެޗުންވެސް ރޭ ވަނީ ފާހަގަވެފަ އެވެ.

ރޭގެ މެޗުގައި އެޓަލާންޓާ އަށް އެންމެ ބޮޑު މައްސަލައަކާ ކުރިމަތިވީ މެޗުގެ 17 ވަނަ މިނެޓްގައި އެ ޓީމުގެ ރެމޯ ފްރީލާ އަށް ދެއްކި ރަތް ކާޑާ ގުޅިގެން އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެން ޖެހުމެވެ. އެ ހިސާބުން ފެށިގެން ވަރަށް ޑިފެންސިވް ގޭމެއް އެޓަލާންޓާއިން ކުޅުމުގެ ނަތީޖާ އަކަށްވީ ރެއާލްއަށް ލަނޑު ޖަހާނެ މާ ގިނަ ފުރުސަތު ތަކެއް ތަނަވަސް ނުވުމެވެ. މެޗުގައި ރެއާލް އިން ޖެހި ހަމައެކަނި ލަނޑު މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކުރީ ފާލާންޑް މެންޑީ އެވެ. ރޭގެ މެޗުގައި އެޓަލާންޓާ އަށް ރެއާލްގެ ގޯލަށް އެންމެ ހަމަލާ އެއްވެސް ފޮނުވާލެވިފައެއް ނުވެ އެވެ.

މެންޗެސްޓަރ ސިޓީން ރޭ ރަށުން ބޭރުގައި ކުޅުނު މެޗުގައި އެ ޓީމުން ޖެހި ދެ ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު މެޗުގެ 29 ވަނަ މިނެޓްގައި ބާނާޑޯ ސިލްވާ ކާމިޔާބުކުރި އިރު ދެވަނަ ލަނޑު މެޗުގެ 65 ވަނަ މިނެޓްގައި ކާމިޔާބުކުރީ ގަބްރިއެލް ޖެސުސް އެވެ. މެޗުގައި ބުރޫޝިއާ އަށް ގިނަ ވަގުތު އެ ޓީމުގެ ހާފު ތެރޭގައި ކުޅެން މަޖުބޫރުވިއިރު އެ ޓީމުން މެޗުގައި ސިޓީގެ ގޯލަށް ފޮނުވާލި ހަމައެކަނި ހަމަލާ މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ސިޓީގެ ގޯލްކީޕަރު އެޑަސަން ވަނީ މަތަކޮށްފަ އެވެ.

ރެއާލް މެޑްރިޑާއި، ސިޓީން ގަދަ 16 ގައި ވާދަކުރަންޖެހޭ ދެވަނަ ލެގުގެ މެޗުތައް އޮންނާނީ އަންނަ މަހުގެ 16 ވަނަ ދުވަހުގެ ރެ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!