ފުރަތަމަ ސަފްޙާ / ޚަބަރު / ޖިރޫޑް މޮޅު ގޯލެއް ޖަހައި ޗެލްސީ އުފާކޮށްދީފި

ޖިރޫޑް މޮޅު ގޯލެއް ޖަހައި ޗެލްސީ އުފާކޮށްދީފި

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 24 ފެބްރުއަރީ 2021

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ރޭ އެތުލެޓިކޯ މެޑްރިޑް ކޮޅަށް ފްރާންސްގެ ފޯވާޑް އޮލިވިއޭ ޖިރޫޑް ވައްދާލި މޮޅު ގޯލާއެކު ޗެލްސީން މުބާރާތުގެ ކުއާޓަރ ފައިނަލަށް ދަތުރުކުރުމުގެ ފުރުސަތު ބޮޑުކޮށްފި އެވެ. ކޮވިޑް 19 ފެތުރުން ކޮންޓްރޯލްކުރުމުގެ ގޮތުން ސްޕެއިންގައި އަޅާފައިވާ ފިޔަވަޅު ތަކުގެ ސަބަބުން ރޭ ރޫމޭނިއާ ގައި ކުޅުނު އެތުލެޓިކޯ މެޑްރިޑްގެ ހޯމް މެޗުން ޗެލްސީ ކުރި ހޯދީ 0-1 އިންނެވެ/

ރޭގެ ނަތީޖާ އާ އެކު ޗެލްސީ އަށް އަވޭ ގޯލްގެ ފައިދާ އާއެކު ކުއާޓަރ ފައިނަލްގެ އުއްމީދު އާވިއިރު މި ނަތީޖާއަކީ އެޓީމުގެ ކޯޗުކަމުން ފްރޭންކް ލަމްޕާޑް ވަކިކުރުމަށްފަހު އެ މަގާމަށް މިދިޔަ މަހު އައްޔަން ކުރި ޕީއެސްޖީގެ ކުރީގެ ކޯޗު ތޯމަސް ޓުޗެލް އަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމަކަށް ވާނެ ކަމަށް ބެލެވެ އެވެ. މިދިޔަ މަހުގެ 26 ވަނަ ދުވަހު ޗެލްސީގެ ކޯޗު ކަމާ އުމުރުން 47 އަހަރުގެ ޓުޗެލް ހަވާލުވި ފަހުން މިހާތަނަށް އަށް މެޗު ކުޅެފައިވާއިރު އެ ޓީމު ކުޅުނު އެއްވެސް މެޗަކުން އަދި ބަލިވެފަ އެއް ނުވެ އެވެ.

އެތުލެޓިކޯ އާ ދެކޮޅަށް ޗެލްސީން ރޭ ކުޅުނު މެޗުގައި އެ ޓީމުން ޖެހި ހަމައެކަނި ލަނޑު ޖިރޫޑް ކާމިޔާބުކޮށްދިނީ މެޗުގެ 68 ވަނަ މިނެޓްގަ އެވެ. އޯވަހެޑް ކިކަކުން އެތުލެޓިކޯގެ ގޯލު ޖިރޫޑް ފޫ އަޅުވާލި މި ލަނޑު މެޗްގެ ރެފްރީ ފުރަތަމަ ނިންމީ އޮފްސައިޑް ކަމަށެވެ. އެކަމަކު ފަހުން އެ ނިންމުން ބަދަލުކުރީ ވީއޭއާރު ބެލުމަށް ފަހު އެވެ.

ރޭގެ މެޗުގައި ޗެލްސީން ރަގަޅު ކުޅުމެއް ދެއްކި އިރު އެ ޓީމުގެ ގޯލަށް އެތުލެޓިކޯ އަށް ނުރައްކާކުރެވޭ ވަރުވީ މަދު ފަހަރަކު އެވެ. ސްޕެނިޝް ލީގުގައި މޮޅު ކުޅުމެއް މިހާތަނަށް ދައްކަމުން އައި އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް ރޭ ފެނުނީ ވަރަށް ލޮނުމަޑުކޮށެވެ.

ރޭގެ މެޗަށްފަހު ޗެލްސީގެ ކޯޗު ޓުޗެލް ވަނީ  2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ފްރާންސް ޓީމުގައި ހިމެނުނު އުމުރުން 34 އަހަރުގެ ޖިރޫޑް އަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފަ އެވެ.

“ޖިރޫޑް ކުޅޭތަން ކޮންމެ ދުވަހަކު ފެންނަ މީހަކު އޭނާ އެ ޖެހި ގޯލާ މެދު ހައިރާނެއް ނުވާނެ. އޭނަ ހުރީ ވަރަށް ފިޓްކޮށް. ފިޒިކަލީ އޭނަ ވަރަށް ވަރުގަދަ. އޭނަ ތަމްރީނުތަކުގައި އުޅޭއިރު ހީވަނީ 20 ނުވަތަ 24 އަހަރުގެ ޒުވާނެއް ހެން. އޭނަ އަކީ ވަރަށް ސީރިއަސް އަދި ވަރަށް މަޖާ މިޒާޖެއްގެ ވެސް މީހެއް. އަބަދުވެސް ކަންކަމާ މެދު ދެކޭނީ ޕޮޒިޓިވްކޮށް. އޭނަ އަކީ އަހަރެމެންގެ ޓީމަށް ވަރަށް މުހިއްމު މީހެއް.” މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ޕީއެސްޖީ ގެންގޮސްދިން ކޯޗު ބުންޏެވެ.

އެތުލެޓިކޯ މެޑްރިޑާއި ޗެލްސީ ގަދަ 16 ގައި ވާދަކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ މަހުގެ 17 ވަނަ ދުވަހުގެ ރެ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!