ފުރަތަމަ ސަފްޙާ / ޚަބަރު / ޓުޗެލްގެ ހަނީމޫން ދިގުވުމުން ޔުނައިޓެޑާއި، ލިވަޕޫލަށް ނުރައްކާ ވެއްޖެ

ޓުޗެލްގެ ހަނީމޫން ދިގުވުމުން ޔުނައިޓެޑާއި، ލިވަޕޫލަށް ނުރައްކާ ވެއްޖެ

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 16 ފެބްރުއަރީ 2021

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ޗެލްސީން ޓޭބަލްގެ ހަތަރު ވަނަ އަށް ކުރިއަށް ޖެހިލައިފި އެވެ. ޗެލްސީގެ ކޯޗުކަމާ މިދިޔަ މަހުގެ ފަހުކޮޅު ހަވާލުވި ޕީއެސްޖީގެ ކުރީގެ ކޯޗު ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން ޗެލްސީން ކުޅުނު ފުރަތަމަ މެޗު އެއްވަރުވެގެން ނިމުނު ނަމަވެސް އޭގެ ފަހުން މިހާތަނަށް ކުޅުނު ހުރިހާ މެޗެއްވެސް އެ ޓީމުން ވަނީ ކާމިޔާބުކޮށްފަ އެވެ.

ޗެލްސީގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ނިއުކާސަލްގެ މައްޗަށް އެ ޓީމުން ކުރި ހޯދީ 0-2 އިންނެވެ. މި ނަތީޖާ އާއެކު މިހާތަނަށް ލީގުގައި ޗެލްސީން ކުޅުނު 24 މެޗުން 42 ޕޮއިންޓް ހޯދާފައިވާއިރު އެ ޓީމާއި، ދެ ވަނައިގައި އޮތް މެންޗެސްޓަރ ޔުނައިޓެޑާ ދެމެދު މިހާރު އޮތީ އެންމެ ހަތަރު ޕޮއިންޓްގެ ތަފާތެވެ. އަނެއްކޮޅުން އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް މިހާރު އޮތީ ޗެލްސީ އަށް ވުރެ ދެ ޕޮއިންޓް ފަހަތުން ހަވަނައިގަ އެވެ. ޗެލްސީން ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުވެސް ކާމިޔާބުކޮށްފައިވާއިރު މިއީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުން ޖެހިޖެހިގެން ލީގުގައި ހަތަރު މެޗު ޗެލްސީން ކާމޔާބުކުރި ފުރަތަމަ ފަހަރެވެ.

“އަހަރެމެންނަށް އެނގޭ އަހަރެމެންނަށް ގަދަ ހަތަރަކަށް އެރުމުގެ ފުރުސަތު އޮތްކަން. އެ ފުރުސަތުގެ ބޭނުން އަހަރެމެން މި ހިފީ. ދެން ކުރިއަށް މިއޮތީ ކުޅުންތެރިންނަށް ހައްގުވާ ދެ ދުވަހުގެ ބްރޭކެއް.” މެޗަށް ފަހު ބީބީސީ ސްޕޯޓްސް އާ ވާހަކަދައްކަމުން ޓުޗެލް ބުނެފައިވެ އެވެ.

“އަހަރެމެން މި މަސައްކަތް ފެށި އިރު ވަރަށް ބޮޑު ފަރަގެއް އޮތް. އެކަމަކު އަދި މި ނިމުނީ އެއް ނޫން. ކުރިއަށް ދެން މިއޮތީ އަހަރެމެން މި ކުރި މަސައްކަތް އެގޮތުގައި ދެމެހެއްޓުން. އަހަރެމެން ދެން ބަލަންވީ މި ކަމުގައި ފަހަތަށް ނުޖެހި ކުރިއަށް ދެވޭތޯ. ” ޓުޗެލް ބުނެފައިވެ އެވެ.

ރޭގެ މެޗުގައި ޗެލްސީން ޖެހި ދެ ލަނޑުވެސް ޖަހައިފައިވަނީ މެޗުގެ ފުރަތަމަ ހާފުގަ އެވެ. މެޗުގެ 31 ވަނަ މިނެޓްގައި ޗެލްސީން ޖެހި ފުރަތަމަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މި ސީޒަނަށް ޗެލްސީ އަށް ގެނައި ޖަރުމަނުގެ ފޯވާޑް ޓީމޯ ވާނާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އާސެނަލްގެ ކުރީ ގެ ފޯވާޑް އޮލިވިއޭ ޖިރޫޑެވެ. އޭގެ އަށް މިނެޓް ފަހުން ވާނާ ލަނޑެއް ޖަހައި ޗެލްސީ އަށް ލީޑް ފުޅާކޮށްދިނެވެ. މިއީ ގޯލެއް ނުޖެހި ޖެހިޖެހިގެން 14 މެޗު ދިއުމަށްފަހު އާރުބީ ލައިޕްޒިގުގެ ކުރީގެ ފޯވާޑް ވާނާ ކާމިޔާބުކުރި ފުރތަމަ ލަނޑެވެ.

ޗެލްސީން ރޭ ކުޅުނު މެޗުގައި އެންމެ ފާހަގަކުރެވުނު އެއްކަމަކަށްވީ އެ ޓީމުގެ ކުރީގެ ކޯޗު ފްރޭންކް ލަމްޕާޑްގެ އިތުބާރު ގެއްލުނު ގޯލްކީޕަރު ކެޕާ އަށް ޗެލްސީގެ ފުރަތަމަ އެގާރައިން ޓުޗެލް ރޭ ޖާގަ ދިން ކަމެވެ. މިއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހު ސައުތުހެމްޕްޓަން އާއި ޗެލްސީ ބައްދަލުކޮށް 3-3 އިން އެއްވަރުވި މެޗަށް ފަހު ކެޕާ އަށް ކުޅެން ލިބުނު ފުރަތަމަ ފުރުސަތެވެ.

 

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!