ފުރަތަމަ ސަފްޙާ / ޚަބަރު / ވަފާތެރިކަމާއެކު މެސީ ބާސެލޯނާ ހަމައަކަށް އަޅުވަނީ

ވަފާތެރިކަމާއެކު މެސީ ބާސެލޯނާ ހަމައަކަށް އަޅުވަނީ

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 14 ފެބްރުއަރީ 2021

ސްޕެނިޝް ލީގުގައި ރޭ ޑިޕޯޓިވޯ އަލަވެސް އާ ދެކޮޅަށް ބާސެލޯނާއިން ކުޅުނު މެޗުގައި ކެޕްޓަން މެސީ ޖަހައިދިން ދެ ގޯލާއެކު ޓޭބަލްގެ ދެ ވަނައަށް އެ ޓީމު އަރައިފި އެވެ. ބާސެލޯނާގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި އަލަވެސްގެ މައްޗަށް އެ ޓީމު ކުރި ހޯދީ 1-5 އިންނެވެ.

ރޭގެ މެޗަކީ ބާސެލޯނާގެ ޖޯޒީގައި މެސީ ކުޅުނު 505 ވަނަ މެޗެވެ. މެސީގެ އިތުރުން މިއަދަދަށް މިހާތަނަށް ބާސެލޯނާއަށް ސްޕެނިޝް ލީގުގައި ކުޅެފައިވާ ހަމައެކަނި ކުޅުންތެރިޔަކީ ސްޕެއިންގެ ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު ޒަވީ އެވެ.

ލީގުގައި މިފަހަކަށް އައިސް ބާސެލޯނާ އިން އަންނަނީ ރަގަޅު ނަތީޖާ ތަކެއް ނެރެމުންނެވެ. ލީގުގައި ބާސެލޯނާ ބަލި ނުވެ ދެ މަހަށްވުރެ ގިނަ ދުވަސްވެފައިވާ އިރު މި ފޯމް ދެމެހެއްޓުމުގައި މެސީގެ ހިއްސާ ވަރަށް ބޮޑެވެ. ރޭގެ މެޗުގެ ކުރިން އެންމެ ފަހުން ލީގުގައި ބާސެލޯނާ ކުޅުނު ދެ މެޗުގައިވެސް މެސީ ވަނީ ގޯލު ޖަހައިފަ އެވެ.

ބާސެލޯނާ އިން ލީގުގައި ހިތްވަރާއެކު ފޯމު ދަމަހައްޓަމުން އައި ނަމަވެސް ޓޭބަލްގެ އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާ، ބާސެލޯނާ އާއި ދެމެދު އަދިވެސް އަށް ޕޮއިންޓްގެ ފަރަގެއް އެބަ އޮތެވެ. މިހާތަނަށް ލީގުގައި ކުޅުނު 21 މެޗުން ހޯދި 54 ޕޮއިންޓާ އެކު އެތުލެޓިކޯ ޓޭބަލްގެ އެއްވަނައިގައި އޮތް އިރު އެ ޓީމު އަށް ޕޮއިންޓްގެ ލީޑެއް ހޯދައިފައި ވަނީ ބާސެލޯނާ އަށް ވުރެ އެއް މެޗު މަދުން ކުޅެގެންނެވެ. ޓޭބަލްގެ ދެވަނައިގައި ބާސެލޯނާ މިވަގުތު އޮތް ނަމަވެސް އެ ޓީމާ އެއްވަރަށް ޕޮއިންޓް ލިބިގެން ތިންވަނައިގައި އޮތް ރެއާލް މެޑްރިޑުން ވެލެމްސިއާ އާ ދެކޮޅަށް ކުޅޭ މެޗު ބަލި ނުވެ ނިންމާލައިފި ނަމަ ރެއާލް އަށް އަލުން ޓޭބަލްގެ ދެވަނަ ލިބޭނެ އެވެ. އެކަމަކު އެއީ ބާސެލޯނާ އަށްވުރެ އިތުރަށް އެއް މެޗު ކުޅެގެންނެވެ.

އަލަވެސް އާ ދެކޮޅަށް ރޭ ބާސެލޯނާ އިން ކުޅުނު މެޗުގައި މެސީ ޖަހައިދިން ދެ ގޯލުގެ އިތުރުން ބާސެލޯނާ އަށް ރޭ ލަނޑު ޖަހައިދީފައިވަނީ ފުރަތަމަ ފަހަރަށް ލީގު މެޗެއްގައި ބާސެލޯނާގެ ފުރަތަމަ އެގާރައިގައި ކުޅެން ނުކުތް ފްރެންސިސްކޯ ޓްރިންކާއޯގެ އިތުރުން ޖޫނިއަރ ފިރްޕޯ އެވެ. ޕޯޗުގަލް އަށް އުފަން އުމުރުން 21 އަހަރުގެ ޓްރިންކާއޯ ވެސް ވަނީ ރޭގެ މެޗުގައި ދެ ގޯލު ޖަހައިފަ އެވެ. އަދި މީގެ އިތުރުން ޓްރިންކާއޯ އާއި މެސީ އިތުރު ދެ ބޯޅައެއް އަލަވެސްގެ ގޯލަށް ރޭ ވައްދާލި ނަމަވެސް ރެފްރީ ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!