އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓަރ ސިޓީ އިން އަމިއްލަ ދަނޑުގައި 3-0 އިން ޓޮޓެންހަމް ހޮޓްސްޕާސް ބަލިކޮށްފި އެވެ.
މޮޅާ އެކު ސިޓީ އޮތީ 53 ޕޮއިންޓާ އެކު ތާވަލުގެ އެއް ވަނައިގަ އެވެ. އެޓީމަށް ވުރެ ހަތް ޕޮއިންޓް ފަހަތުން ލީގުގެ ދެ ވަނައިގައި އޮތީ މިއަދު ލިވަޕޫލް އަތުން މޮޅުވި ލެސްޓާ ސިޓީ އެވެ. ލީގުގެ ތިން ވަނައިގައި 45 ޕޮއިންޓާ އެކު އޮތް މެންޗެސްޓަރ ޔުނައިޓެޑް މާދަމާ ރޭ ރަށުން ބޭރުގައި ނުކުންނާނީ ވެސްޓް ބްރޮމްއާ ދެކޮޅަށެވެ.
ޓޮޓެންހަމްއާ ދެކޮޅަށް ސިޓީން ވަނީ މޮޅު ކުޅުމެއް ދައްކައި މުޅި މެޗު ކޮންޓްރޯލްކޮށްފަ އެވެ. ސިޓީން ރަނގަޅު ކުޅުނު ނަމަވެސް ފުރަތަމަ ހާފުގެ ކުރީކޮޅު ޓޮޓެންހަމްގެ ކެޕްޓަން ހެރީ ކޭން ފޮނުވާލި ހިލޭ ޖެހުމެއް ވަނީ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވެފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ސިޓީން ލީޑު ނެގީ އިލްކާއީ ގުންޑޮގާން އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއަކުން ރޮޑްރީ އެވެ. ސިޓީގެ ފަހު ދެ ލަނޑު ވެސް މެޗުގެ ދެ ވަނަ ހާފުގައި ކާމިޔާބުކޮށްދިނީ ފަހަކަށް އައިސް ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ގުންޑޮގާން އެވެ. ރަހީމް ސްޓާލިން ތަނަވަސްކޮށްދިން ފުރުސަތެއްގައި ގުންޑޮގާން މެޗުގެ ދެ ވަނަ ލަނޑު ޖެހިއިރު ފަހު ލަނޑު ޖެހީ ކީޕަރު އެޑަސަން ގޯލުގައި ހުރެފައި ދިން ބޯޅަ ހޯދުމަށް ފަހު އެވެ. ގުންޑޮގާންގެ ދެ ގޯލާ އެކު އޭނާ މިހާރު ވަނީ ސީޒަނުގައި 11 ލަނޑު ހަމަކޮށްފަ އެވެ.
މިއީ ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން ސިޓީ މޮޅުވި 16 ވަނަ މެޗެވެ. ލީގުގައި އެޓީމު އެންމެ ފަހުން ބަލިވީ މިދިޔަ ނޮވެމްބަރު މަހު ޓޮޓެންހަމް އަތުންނެވެ. ސީޒަނުގެ ކުރީކޮޅު ފޯމު ދަށްވި ނަމަވެސް ސިޓީ އަކީ މިވަގުތު ޔޫރަޕްގައި އެންމެ ރަނގަޅު ފޯމެއްގައި އޮތް ޓީމެވެ.