ފުރަތަމަ ސަފްޙާ / ޚަބަރު / ލެސްޓާ ސިޓީ އިން ފަހަތުން އަރައި ލިވަޕޫލް ހަފުސްކޮށްފި

ލެސްޓާ ސިޓީ އިން ފަހަތުން އަރައި ލިވަޕޫލް ހަފުސްކޮށްފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 13 ފެބްރުއަރީ 2021

އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ލެސްޓާ ސިޓީ އިން ފަހަތުން އަރައި ލިވަޕޫލް 3-1 އިން ބަލިކޮށްފި އެވެ.

މުހިއްމު މެޗަކުން ލިވަޕޫލް ބަލިވީ މުޅި މެޗުގައި މޮޅު ކުޅުމެއް ދެއްކި ނަމަވެސް ފަހުކޮޅު ހެދުނު ގޯސްތަކުންނެވެ. މެޗުން ބަލިވުމުން ލީގުގައި ލިވަޕޫލް މިހާރު އޮތީ 24 މެޗުން ލިބުނު 40 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. ލެސްޓާ ވަނީ 46 ޕޮއިންޓާ އެކު ތާވަލުގެ ދެ ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ.

މިއަދުގެ މެޗަކީ ލީގުގައި ޖެހިޖެހިގެން ލިވަޕޫލް ބަލިވި ތިން ވަނަ މެޗެވެ. މީގެ ކުރިން ބަލިވީ އަމިއްލަ ދަނޑުގައި ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗާއި މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުންނެވެ. މި ސީޒަނުގެ ކުރިން ލީގުގައި ލިވަޕޫލް ޖެހިޖެހިގެން ތިން މެޗުން ބަލިވީ 2014 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ. ނިއުކާސަލް ޔުނައިޓެޑާއި ޗެލްސީ އަދި ކްރިސްޓަލް ޕެލޭސް އަތުން އެ އަހަރު ލިވަޕޫލް ބަލިވިއިރު ކޯޗަކަށް ހުރީ ލެސްޓާގެ މިހާރުގެ ކޯޗު ބްރެންޑަން ރޮޖާސް އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލުން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެކަމަކު މި ހާފުގެ ފަހުކޮޅު ލެސްޓާގެ ޖެމީ ވާޑީ އަށް ގޯލު ޖަހާނެ ހުސް ދެ ފުރުސަތެއް ލިބި ބޭކާރުވި އެވެ. މެޗުގެ ދެ ވަނަ ހާފުގައި ލިވަޕޫލަށް ލީޑު ނަގައިދިނީ މުހައްމަދު ސަލާހް އެވެ. ރޮބާޓޯ ފިރްމީނޯގެ އެހީތެރިކަމާ އެކު ސަލާހް ޖެހި މި ގޯލަކީ ލީގުގައި އޭނާ ކާމިޔާބުކުރި 17 ވަނަ ގޯލެވެ. ލިވަޕޫލަށް ޕްރެޝަރުވީ ލެސްޓާގެ ޖޭމްސް މެޑިސަން ހިލޭ ޖެހުމަކުން މެޗުގެ ނަތީޖާ ހަމަހަމަ ކުރުމުންނެވެ. އޭގެ އިރުކޮޅެއް ފަހުން ލެސްޓާ އަށް ލީޑު ނަގައިދިން ގޯލު ވާޑީ ޖެހީ ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކާ އަށް ހެދުނު ބޮޑު ގޯހަކުންނެވެ. މަތިން ވެއްޓުނު ބޯޅަ ހޯދުމަށް އަރައި ސާފުކޮށްލަން އެލިސަން ފޮނުވާލި ބޯޅަ ލިބުނީ ސީދާ ވާޑީ އަށެވެ. އެ ބޯޅަ ވާޑީ ގޯލަށް ފޮނުވާލިއިރު ލިވަޕޫލްގެ އެއްވެސް ކުޅުންތެރިއަކު އޭރިޔާ ތެރޭގައި ނެތެވެ. ލެސްޓާ އަށް ލީޑު ފުޅާކޮށްދިން ލަނޑު ޖަހައިނީ ހާވީ ބާންސް އެވެ.

ލީގުގައި މިރޭ ކުޅޭ މެޗުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ޓޮޓެންހަމް ހޮޓްސްޕާސް އާއި މެންޗެސްޓަރ ސިޓީ އެވެ. މި މެޗު ފަށާނީ މިރޭ 10:30 ގަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!