އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި މެންޗެސްޓަރ ސިޓީ އިން 4-1 އިން ޗެމްޕިއަން ލިވަޕޫލް ބަލިކޮށްފި އެވެ.
ލިވަޕޫލްގެ އެންފިލްޑް ސްޓޭޑިއަމްގައި ހޯދި ބޮޑު މޮޅާ އެކު ސިޓީ މިހާރު ވަނީ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. 22 މެޗުން ސިޓީ އަށް 50 ޕޮއިންޓް ލިބިފައިވާއިރު 23 މެޗުން ލިބިފައިވާ 45 ޕޮއިންޓާ އެކު ދެ ވަނައިގައި އޮތީ މެންޗެސްޓަރ ޔުނައިޓެޑެވެ. 23 މެޗާ އެކު 40 ޕޮއިންޓް ލިބި ލިވަޕޫލް އޮތީ ލީގުގެ ހަތަރު ވަނައިގަ އެވެ. 43 ޕޮއިންޓާ އެކު ތިން ވަނައިގައި އޮތް ލެސްޓާ ސިޓީ މިރޭ ރަށުން ބޭރުގައި ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.
ސިޓީއާ ދެމެދު އޮތް ފަރަގު 10 ޕޮއިންޓަށް ބޮޑުވުމާ އެކު މި ސީޒަނުގައި ލިވަޕޫލަށް ލީގު ހޯދުން ދެން ވާނީ އުނދަގޫ ކަމަކަށެވެ. މިއީ ލީގުގައި އަމިއްލަ ދަނޑުގައި ލިވަޕޫލް ޖެހިޖެހިގެން ބަލިވި ތިން ވަނަ މެޗެވެ. މީގެ ކުރިން އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ތިން މެޗުން ލިވަޕޫލް ބަލިވީ މީގެ 50 އަހަރު ކުރިންނެވެ.
މުހިއްމު މޮޅާ އެކު މި ސީޒަނުގެ ލީގު ޗެމްޕިއަން ހޯދުމުގެ ހުރިހާ ފުރުސަތެއް ސިޓީ އަށް ވަނީ ފަހިވެފަ އެވެ. ފަހަކަށް އައިސް ރަނގަޅު ފޯމެއްގައި އޮތް ސިޓީ ވަނީ ލީގުގައި އެންމެ ފަހުން ކުޅުނު 10 މެޗުން ވެސް މޮޅުވެފަ އެވެ. އަދި މިއީ ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން އެޓީމު ކާމިޔާބުކުރި 14 ވަނަ މެޗެވެ.
މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލުން ރަނގަޅަށް ކުޅުނު ނަމަވެސް ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތު ލިބުނީ ސިޓީއަށެވެ. ރަހީމް ސްޓާލިން އަށް ފަބީނިއޯ ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ އިލްކާއީ ގުންޑޮގާން ފޮނުވާލުމުން ދިޔައީ ގޯލުގެ މަތިންނެވެ. އެކަމަކު ދެ ވަނަ ހާފުގައި ސިޓީން ޖެހި ހަތަރު ލަނޑުގެ ތެރެއިން ގުންޑޮގާން ވަނީ ދެ ލަނޑު ޖަހައިފަ އެވެ. ދެ ވަނަ ހާފުގެ ކުރީކޮޅު ފިލް ފޯޑެއް ފޮނުވާލި ބޯޅަ ކީޕަރު އެލިސަން ބެކާ އަތުގައި ޖެހިފައި ނުކުތް ވަގުތު ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިގެން ސިޓީ އަށް ލީޑު ނަގައިދިނީ ގުންޑޮގާން އެވެ. އެކަމަކު އޭގެފަހުން ރުބެންޑް ޑިއާޒް މުހައްމަދު ސަލާހަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއެއްގައި ސަލާހް ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ. ސިޓީން މެޗުގެ ނަތީޖާ އަނބުރާލީ އޭގެ ފަހުން ގާތްގާތުގައި ޖެހި ތިން ލަނޑުންނެވެ. އޭގެތެރެއިން ދެ ލަނޑަކީ ލިވަޕޫލްގެ ކީޕަރު އެލިސަން އަށް ހެދުނު ގޯސްތަކުން ސިޓީން ކާމިޔާބުކުރި ލަނޑުތަކެކެވެ. 73 ވަނަ މިނެޓުގައި ގުންޑޮގާން ސިޓީ އަށް ދެ ވަނަ ފަހަރަށް ލީޑު ނަގައިދިންއިރު އޭގެ ތިން މިނެޓު ފަހުން ސިޓީގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ސްޓާލިން އެވެ. 83 ވަނަ މިނެޓުގައި ސިޓީގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ފޯޑެން އެވެ.