ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި މި މަހުގެ 16 ވަނަ ދުވަހުގެ ރޭ އާރުބީ ލައިޕްޒިގާއި ދެކޮޅަށް ކުޅެންޖެހޭ މެޗަށް ލިވަޕޫލަށް ޖަރުމަނަށް ނުދެވޭނެ ކަން ކަށަވަރު ވެއްޖެ އެވެ. ކޮވިޑް 19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅެއްގެ ގޮތުން ކޮވިޑް ގެ އާ ވޭރިއަންޓް ފެނިފައިވާ ބައެއް ގައުމުތަކުން ޖަރުމަނަށް ދަތުރުކުރުން އެ ގައުމުގެ ސަރުކާރުން މަނާކޮށްފައިވާއިރު އޭގެ ތެރޭގައި އާ ވޭރިއަންޓްގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އިނގިރޭސި ވިލާތް ހިމެނެ އެވެ.
ޖަރުމަނުގެ އިންޓީރިއާ މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ހާއްސަ ހުއްދައިގެ ދަށުން ދަތުރު ކުރުމުގެ ހުއްދަ ދިނުމަށް ހަމަޖެހިފައިވާ މިންގަމޑަށް ލިވަޕޫލާއި ލައިޕްޒިގު ވާދަކުރާ ފުރަތަމަ ލެގުގެ މެޗު ނުފެތޭ ކަން ލައިޕްޒިގަށް އެ މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.
ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާ ޔޫއެފާ އިން ބުނެފައިވާ ގޮތުގައި މެޗާއި ގުޅޭގޮތުން އެ އިދާރާއިމން އަންނަނީ ދެ ކުލަބާއިވެސް ވާހަކަ ދައްކަމުންނެވެ.
ކޮވިޑް 19 ގެ ބަލިމަޑުކަން ފެތުރި ކުޅިވަރު ހަރަކާތްތަކަށް ބުރޫ އެރުމާ ގުޅިގެން ޔޫއެފާ ޗެމްޕިއަންސް ލީގާއި، ޔޫރޮޕާ ލީގުގެ ނޮކައުޓް ސްޓޭޖްގެ މެޗުތައް ކުރިއަށް ގެންދާނެ ގޮތަކާ ގުޅޭގޮތުން ޔޫއެފާ އިން އެކުލަވާލައިފައިވާ ގަވައިދު ބުނާ ގޮތުން މެޗު ކުޅެން ހަމަޖެހިފައިވާ ގައުމެއްގައި އަޅާފައިވާ ފިޔަވަޅު ތަކުގެ ސަބަބުން އެ ގައުމުގައި މެޗު ކުޅެވޭ ގޮތް ނުވެއްޖެ ނަމަ އެ މެޗު ކުޅެވޭނެ އެހެން ގައުމެއްގެ ދަނޑެއް މެޗު ހޯސްޓްކުރާ ޓީމުން ޔޫއެފާ އަށް އަންގަން ޖެހެއެވެ. އެކަން އެގޮތަށް ނުކުރެވުމުގެ ސަބަބުން މެޗު ކުރިއަށްގެންދެވޭ ގޮތް ނުވެއްޖެ ނަމަ ޔޫއެފާ އިން ނިންމާނީ އެ މެޗަކީ މެޗު ހޯސްޓް ކުރާ ޓީމަށް 0-3 އިން ގެއްލޭ މެޗެއްގެ ގޮތުގަ އެވެ.
ދަތުރުކުރުމާ ގުޅޭ ގޮތުން ޖަރުމަނުގެ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް ދެމި އޮންނާނީ މި މަހުގެ 17 ވަނަ ދުވަހާއި ހަމައަށް ކަމަށް ވުމާއެކު ލައިޕްޒިގާއި ލިވަޕޫލް ކުޅޭ ފުރަތަމަ ލެގުގެ މެޗު ލިވަޕޫލްގެ ދަނޑުގައި ކުޅެފައި 10 މާރޗް ގައި ކުޅެން ހަމަޖެހިފައިވާ ދެވަނަ ލެގުގެ މެޗު ލައިޕްޒިގްގެ ދަނޑުގައި ކުޅުމުގެ ފުރުސަތު ވެސް އެބަ އޮތެވެ. އެކަމަކު އެކަމާ މެދު އެންމެ ފަހުގެ ނިންމުން ނިންމާނީ ޔޫއެފާ އިންނެވެ.