އިނގިރޭސި ޕްރިމިއަރ ލީގުގެ ފުލުގައި އޮތް ޝެފީލްޑް ޔުނައިޓެޑުން ޓޭބަލްގެ ދެވަނައިގައި އޮތް މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ޔުނައިޓެޑުން ދަމަހައްޓަމުން އައި މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް ގެނެސްފި އެވެ. ރޭ ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުގެ މައްޗަށް ޝެފީލްޑް ޔުނައިޓެޑުން ކުރި ހޯދީ 1-2 އިންނެވެ.
މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހު އާސެނަލް އާ ދެކޮޅަށް ކުޅެ ބަލިވި ފަހުން ލީގުގައި ބަލި ނުވެ ޖެހިޖެހިގެން 12 މެޗު ހަމަކުރުމަށްފަހު ޔުނައިޓެޑް ބަލިވި ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން މިއީ ރެލިގޭޓްވުމުގެ ބިރާ ކުރިމަތިވެފައި އޮތް ޝެފީލްޑް ޔުނައިޓެޑުން ލީގުގައި މިހާތަނަށް ކާމިޔާބުކުރި ދެވަނަ މެޗެވެ.
ރޭގެ މެޗަށް ޔުނައިޓެޑް ނުކުތް އިރު މެޗު ކާމިޔާބުކޮށްގެން ޓޭބަލްގެ އެއްވަނަ އަލުން ހޯދުމުގެ ފުރުސަތު އެ ޓީމަށް އޮތެވެ. އެކަމަކު އިނގިރޭސި އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގައި ވާދަވެރި ލިވަޕޫލްގެ މައްޗަށް މިދިޔަ އާދިއްތަ ދުވަހު ކުރި ހޯދި ޔުނައިޓެޑްގެ ފަރާތުން ރޭގެ މެޗުގެ ބޮޑު ބައިގައި ފެނުނީ ވަރަށް ދަށް ކުޅުމެކެވެ. މެޗުގައި ފުރަތަމަ ލީޑް ނެގީވެސް ޝެފީލްޑް ޔުނައިޓެޑުންނެވެ. ޝެފީލްޑް ޔުނައިޓެޑަށް ފުރަތަމަ ފަހަރަށް ލީޑް ނަގައިދިން ލަނޑު މެޗުގެ 23 ވަނަ މިނެޓްގައި ކީން ބްރަޔަން ކާމިޔާބުކުރީ އެ ޓީމަށް ލިބުނު ކޯނަރެއްގައި ބޮލުން ޖަހައެވެ. އޭގެ ފަހުން ޔުނައިޓެޑްގެ ފޯވާޑް އެންތަނީ މާޝިއަލް ޝެފީލްޑްގެ ގޯލަށް ބޯޅައެއް ވައްދާލި ނަމަވެސް ރެފްރީ ނިންމީ ހަމަލާ އުފެއްދުމުގައި ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ ފައުލްކޮށްފައިވާ ކަމަށެވެ. އެކަމަކު ފަހުން މެގުއާ ވަނީ މެޗުގެ 64 ވަނަ މިނެޓްގައި ޔުނައިޓެޑަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.
ޝެފީލްޑާ ދެކޮޅަށް ރޭ ޔުނައިޓެޑުން ކުޅުނު މެޗުގައި ޝެފީލްޑުން ލީޑު ނެގި ނަމަވެސް މި ސީޒަނުގައި ޔުނައިޓެޑުން ނެރެމުން އައި ނަތީޖާތަކަށް ބަލައި ގިނަ ބަޔަކު ތިބީ އެ ޓީމު މެޗު ކާމިޔާބުކުރާނެ ކަމަށް ހީކޮށްގެންނެވެ. އެކަމަކު މިފަހަރުގެ ޕްރިމިއަރ ލީގުގައި ފަހަތުން އަރައި ހަތް މެޗުން ކުރި ހޯދައިފައިވާ ޔުނައިޓެޑަށް ރޭގެ މެޗުގައި އެކަން ތަކުރާރު ކުރެވޭ ގޮތެއް ނުވި އެވެ.
ޝެފީލްޑް ޔުނައިޓެޑަށް ރޭގެ މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 16 މިނެޓް ބާކީ އޮއްވައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އޮލިވާ ބާކޭ އެވެ. ރޭ ޝެފީލްޑުން ހޯދި މޮޅަކީ 1992 ވަނަ އަހަރު އިނގިރޭސި ޕްރިމިއަރ ލީގު ތައާރަފް ކުރި ފަހުން ޔުނައިޓެޑްގެ މައްޗަށް އެ ޓީމުން ހޯދި ފުރަތަނަ މޮޅެވެ.
މި ސީޒަންގެ ޕްރިމިއަރ ލީގުގައި ޔުނައިޓެޑަށް ކުރިމަތިލާންޖެހުނު ހަތަރު ވަނަ ބައްޔާ އެކު އެންމެ ބޮޑަށް ފާހަގަވާ އެއް ކަމަކީ އެ ޓީމަށް މިފަހަރު މުޅިންވެސް ނާކާމިޔާބުވެފައި ހުރީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުތައް ކަމެވެ. ރަށުން ބޭރުގައި މިފަހަރުގެ ލީގުގައި އަދި ޔުނައިޓެޑް ބަލިވެފަ އެއް ނެތެވެ.