ފުރަތަމަ ސަފްޙާ / ޚަބަރު / ވެލެންސިއާ ބަލިކޮށް މާޒިޔާ އިން ލީޑު ފުޅާކޮށްފި

ވެލެންސިއާ ބަލިކޮށް މާޒިޔާ އިން ލީޑު ފުޅާކޮށްފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 27 ޖެނުއަރީ 2021

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކްލަބް ވެލެންސިއާ 2-1 އިން ބަލިކޮށް ތާވަލުގެ އެއް ވަނައިގައި މާޒިޔާ އިން ހަ ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

މިއަދުގެ މެޗަކީ ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ މެޗެވެ. މޮޅާ އެކު މާޒިޔާ އަށް އަށް މެޗުން 18 ޕޮއިންޓް ލިބިފައިވާއިރު ދެ ވަނައިގައި އޮތް ވެލެންސިއާ އަށް ލިބިފައިވަނީ 12 ޕޮއިންޓެވެ. ވެލެންސިއާ މިއަދުގެ ބަލިވުމުން މާދަމާ ހަވީރު ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭ މެޗު އެއްވަރުކޮށްލައިގެން ވެސް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ތާވަލުގެ ތިން ވަނަ އަށް އެރޭނެ އެވެ. ދަ ގްރާންޑޭ އިން 12 ޕޮއިންޓް ހޯދައި ތިން ވަނައިގައި އޮތްއިރު ނުވަ ޕޮއިންޓާ އެކު ޓީސީ އޮތީ ހަތަރު ވަނައިގަ އެވެ.

ގޯލު ޖެހުމަށް ފަހު ސްޓެވާޓް އުފާފާޅުކުރަނީ. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

މިއަދުގެ މެޗުގެ ފުރަތަމަ ހާފު ނިމުނީ ގޯލެއް ނުޖެހި އެވެ. މި ހާފުގައި އަސަދުﷲ އަބްދުﷲ އަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނުއިރު، އޭނާ ފޮނުވާލި ބޯޅަ ދިޔައީ ކީޕަރު މުހައްމަދު ފައިސަލް އަތަށެވެ. މި ހާފުގައި މާޒިޔާގެ ކޮނޭލިއަސް ސްޓެވާޓް އޭރިޔާ ބޭރުން ފޮނުވާލި ބޯޅައެއް ކީޕަރު ފައިސަލް ވަނީ މަތަކޮށްފަ އެވެ. އެބޯޅައިގައި ލިބުނު ކޯނަރެއްގައި މާޒިޔާގެ އިބްރާހީމް އައިސަމް އަށް ލިބުނު ބޯޅަ ރަނގަޅަށް ފޮނުވައެއްނުލެވުނެވެ. މި ހާފުގައި ވެލެންސިއާގެ އަލީ ފާސިރު (ސެންޓޭ) އޭރިޔާ ބޭރުން ފޮނުވާލި ބާރު ބޯޅަ ދިޔައީ ގޯލުގެ އަރިމަތިން ބޭރަށެވެ.

މެޗުގެ ދެ ވަނަ ހާފުގައި މާޒިޔާ އިން ވަނީ ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. ކޯނަރަކުން އުފެއްދި ހަމަލާއެއްގައި ހުރަސް ދަނޑީގައި ޖެހިފައި ނުކުތް ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން 57 ވަނަ މިނެޓުގައި މާޒިޔާ އަށް ލީޑު ނަގައިދިނީ ޕީޓަރ ޕްލަނިޗެވެ. މާޒިޔާގެ ދެ ވަނަ ލަނޑު 69 ވަނަ މިނެޓުގައި ޖެހީ ސްޓެވާޓް އެވެ. ވެލެންސިއާގެ ޑިފެންޑަރަށް ލިބެން ދިޔަ ބޯޅަ ހޯދުމަށް ފަހު ސްޓެވާޓް ވަނީ ހަމަޖެހިލާފައި ގޯލުގެ މަތީ ކަނަށް ބޯޅަ ވައްދާލައިފަ އެވެ. ވެލެންސިއާ އަށް މެޗުގައި އުއްމީދެއް ލިބުނީ 80 ވަނަ މިނެޓުގައި ސެންޓޭ ޖަހައިދިން ގޯލުންނެވެ. އެކަމަކު އޭގެ އިރުކޮޅެއް ފަހުން މާޒިޔާ އަށް ވަނީ ލީޑު ފުޅާކުރަން ޕެނަލްޓީއެއް ލިބި ބޭކާރުވެފަ އެވެ. ވެލެންސިއާ ކުޅުންތެރިއެއްގެ އަތުގައި ޖެހުމުން ރެފްރީ ދިން ޕެނަލްޓީ 85 ވަނަ މިނެޓުގައި ސްޓެވާޓް ފޮނުވާލުމުން ކީޕަރު ފައިސަލް ވަނީ ހުށިޔާރުކަމާ އެކު މަތަކޮށްފަ އެވެ. އޭގެ ފަހުން ހުސައިން ނިހާން (ނިހާޓް) ފޮނުވާލި ބޯޅައެއް ކީޕަރު ފައިސަލް މަތަކުރިއިރު 89 ވަނަ މިނެޓުގައި ސްޓެވާޓް ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ މަތިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މާޒިޔާގެ ސްޓެވާޓް އެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ކްލަބް ގްރީން ސްޓްރީޓްސް އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!