ކައިވެނީގެ ބާއްޖަވެރިކަން ދެމެހެއްޓުމަށްޓަކައި އަންހެނުން އެ މީހުންގެ ފިރިން ސަޕޯޓްކުރާ ފުޓްބޯޅަ ޓީމަށް ސަޕޯޓްކުރަންޖެހޭ ކަމަށް ސައުދީ އަރަބިއާގެ ކައުންސެލަރ އެއް ކަމަށްވާ ބަސްމާ ޖުމާ ބުނެފި އެވެ.
ސައުދީ އަރަބިއާގެ ޓީވީ ޗެނަލަކުން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަމުން ޖުމާ ބުނެފައިވަނީ ގޭތެރޭގައި އުޅޭއިރު ކުރިމަތިވާ ނުތަނަވަސްކަން ކުޑަކުރުމަށްޓަކައި ވެސް ކައިވެނީގައި ދެމަފިރިން އެކަކު އަނެކެއްގެ ޝައުގާ އެއްގޮތަށް ކަންކަމަށް އެއްބާރުލުން ދޭން ވާނެ ކަމަށާއި ފުޓްބޯޅަ ފަދަ ކުޅިވަރުތަކުގައިވެސް އެކަން އޮންނަންވާނީ އެހެން ކަމަށެވެ.
“އެއްވެސް ކަމެއް އަބަދު އެއްގޮތަކަށް ކޮށްގެން ކޮންމެ ފަހަރަކު ތަފާތު ނަތީޖާ ތަކެއް ނުނެރެވޭނެ. ކަންކަމުގައި ދޫދޭ މީހުން ކޮންމެ މައްސަލައެއް ދިމާވިޔަސް ހައްލު ހޯދާނެ. އަދި، ބޯހަރު މީހުންނަށް އަބަދުވެސް ފެންނާނީ ހައްލުގެ ބަދަލުގައި މައްސަލަ. މި ސަބަބާހުރެ ފުޓްބޯޅަ ޓީމްތަކަށް ސަޕޯޓްކުރާއިރުވެސް ފިރިމީހާ ސަޕޯޓްކުރާ ޓީމަށް ސަޕޯޓްކުރުމަކީ މުހިއްމުކަމެއް” ޖުމާ ބުނެފައިވެ އެވެ.
ފުޓްބޯޅައިގައި ދެމަފިރިން އެއްޓީމަކަށް ސަޕޯޓް ކުރުމަކީ ވަރަށް ގިނަ ގައުމުތަކުގައި އާއްމު ކަމެކެވެ. އަދި، ދެމަފިރިން ދެ ޓީމަކަށް ސަޕޯޓްކުރާ ހާލަތްތައް ވެސް މަދެއް ނޫނެވެ.
“އަނބިން އެބަޖެހޭ ފިރިން ޝައުގުވެރިކަން ހުންނަ ބައެއް ކަންކަމަށް އެމީހުންގެވެސް ޝައުގުވެރިކަން ހުންނަކަން ހާމަކުރަން. މިގޮތުން ފިރިމީހާ ސަޕޯޓްކުރާ ޓީމަށް ސަޕޯޓްކުރުމާއި، ފިރިމީހާ ސަޕޯޓްކުރާ ޓީމު މޮޅުވުމުން އުފާފާޅުކުރުމާއި، ފިރިމީހާ ސަޕޯޓްކުރާ ޓީމުގެ ބައެއް ކުޅުންތެރިންގެ ނަންތައް ހަނދާންކުރުމާއި، އެ ޓީމުގެ އެންމެ މަގްބޫލް ޖޯޒީ ލުން ފަދަ ކަންކަމަކީ ވެސް ކުރެވިދާނެ ކަންކަން.” ޖުމާ ބުނެފައިވެ އެވެ.