ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އާއްމުންނަށް ހުޅުވާލައިގެން ހުޅުމާލޭގައި ހަތަރު ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ ޕާކްވޮލީ މުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ބަގީޗާ ހޯދިއިރު، އަންހެން ބައިގެ ޗެމްޕިއަންކަން ޕޮލިސް ކްލަބުން ހޯދައިފި އެވެ.
ހުޅުމާލޭ ޔޫތު ޕާކްގެ ބީޗްވޮލީބޯޅަ ކޯޓުގައި މުބާރާތް ކުރިއަށް ގެންދިޔައީ ވޯލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އާ ގުޅިގެންނެވެ. މި މުބާރާތުގައި އަމަލުކުރީ ފެޑެރޭޝަން އޮފް އިންޓަނޭޝަނަލް ވޮލީބޯލް (އެފްއައިވީބީ) ގެ ޕާކްވޮލީ ގަވާއިދާ އެއްގޮތަށެވެ. މުބާރާތުގެ މެޗުތައް ދުވާލާއި ރޭގަނޑު ކުޅުނުއިރު ޖެންޑަރ މިނިސްޓްރީ އިން ފަށާފައިވާ “ގެވެށި ގުޅުން” ޕްރޮމޯޓްކުރުން ކުރިއަށް ގެންގޮސްފައިވެ އެވެ.

ފިރިހެން ބައިގެ ޗެމްޕިއަންކަން ބަގީޗާ ހޯދީ ފައިނަލުގައި ދިވެހި ސިފައިންގެ ކްލަބް ދެ ސެޓު އެއް ސެޓުން ބަލިކޮށްގެންނެވެ. އެޓީމުން ޗެމްޕިއަންކަން ހޯދީ 19-21 އިން ފުރަތަމަ ސެޓު ސިފައިންގެ ކްލަބް ގެންގޮސްފައިވަނިކޮށެވެ. ބަގީޗާ ޓީމުން މެޗުގެ ދެ ވަނަ ސެޓް 21-11 އިން ކާމިޔާބުކުރިއިރު ޗެމްޕިއަންކަން ކަށަވަރުކުރި ސެޓް އެޓީމުން ގެންދިޔައީ 15-11 އިންނެވެ. ފިރިހެން ބައިގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ބަގީޗާ ޓީމުގެ ގައުމީ ޓީމުގެ ކުޅުންތެރިޔާ އިސްމާއީލް ސާޖިދު (ކުޑަކާއްޓޭ) އެވެ.

އަންހެން ފައިނަލުގައި ދި ފައިވްއާ ވާދަކޮށް ޕޮލިސް ކްލަބް ޗެމްޕިއަންކަން ހޯދީ ސީދާ ދެ ސެޓުންނެވެ. ޕޮލިސް ޓީމުގައި ހިމެނުނީ ގައުމީ އަންހެން ވޮލީ ޓީމުގެ ކެޕްޓަން ހައްވާ ރާޝިދާ (ހައްވަ) އާއި އާމިނަތު ޝަހާ ޝާމިންގެ އިތުރުން މަރްޔަމް ހަލީމް، ފާތިމަތު ނުހާ އަދި އަންހެން ބައިގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އަންހެން ގައުމީ ޓީމުގެ ފާތިމަތު ޒީނިޔާ އެވެ.
މި މުބާރާތުގައި ފިރިހެން ބައިން 10 ޓީމު ވާދަކުރިއިރު އަންހެން ބައިގައި 9 ޓީމަކުން ވަނީ ވާދަކޮށްފަ އެވެ.