ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރު ފަސްކުރި ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި މިއަހަރު 15 ޓީމަކުން ބައިވެރިވެއްޖެ އެވެ.
އާ ފުޓްބޯޅަ ސީޒަނުގެ ތެރެއިން ތިން ވަނަ ޑިވިޝަން މުބާރާތް ކުރިއަށްގެންދިޔަ ނަމަވެސް މިއީ މިދިޔަ ސީޒަނުގެ މުބާރާތެވެ. ކޮވިޑާ ގުޅިގެން މިދިޔަ އަހަރު މުބާރާތް ނުކުޅެ މިއަހަރުގެ ކުރީކޮޅަށް ޝެޑިއުލްކުރީ މިހާރު ކުރިއަށްދާ ސީޒަނުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތަށް ޓީމުތައް ކޮލިފައިވުމުގެ ފުރުސަތުދިނުމުގެ ގޮތުންނެވެ. މި ސީޒަނުގައި ބާއްވާ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތަށް ތިން ވަނަ ޑިވިޝަނުން ކޮލިފައިވާނީ ސެމީ ފައިނަލަށް ދަތުރުކުރާ ހަތަރު ޓީމެވެ.
ތިން ވަނަ ޑިވިޝަނުގެ ގުރު ނެގުމުގެ ރަސްމިއްޔާތު މިމަހުގެ 19 ވަނަ ދުވަހު ވަނީ ކުރިއަށް ގެންގޮސްފަ އެވެ. ހަތަރު ގްރޫޕަކަށް ބަހާލާފައިވާ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އެވެ. ގްރޫޕް އޭގައި ހިމެނެނީ ޓެންޓް ސްޕޯޓްސް ކްލަބް، ކްލަބް ބްލޫ ލިއޮޕާޑް ސްޕޯޓްސް، ބިސް ބުރު ސްޕޯޓްސް ކްލަބް އަދި ތުޅާދޫ އެވެންޗާސް ސްޕޯޓްސް އެވެ. ގްރޫޕް ބީގައި ހިމެނެނީ ވިލިމާލެ ޔުނައިޓެޑް، ލޮރެންޒޯ ސްޕޯޓްސް ކްލަބް، ކެޕިޓަލް ސިޓީ ސްޕޯޓްސް ކްލަބް އަދި ބެންޗް ސްޕޯޓްސް ކްލަބް އެވެ. ގްރޫޕް ސީގައި ހިމެނޭ ހަތަރު ޓީމަކީ ސްޕޯޓްސް ކްލަބް ހޮސްކޮވޯ އާއި ލިޓްލް ޓައުން ސްޕޯޓްސް ކްލަބްގެ އިތުރުން ބުރު ސްޕޯޓްސް ކްލަބް އަދި ލައިންއޭޖް ސްޕޯޓްސް ކްލަބް އެވެ. ގްރޫޕް ޑީގައި ހިމެނެނީ ތިން ޓީމެކެވެ. އެއީ ކްލަބް ޓީނޭޖް އާއި ރޭޖް ސްޕޯޓްސް ކްލަބް އަދި ކްލަބް އޮންލީ ވަން އޮޕޮޗުނިޓީ އެވެ. އެފްއޭއެމުން ފުރުސަތު ދިން 15 ޓީމުން ވަނީ ކްލަބް ލައިސަންސިންގެ ދަށުން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަކޮށްފަ އެވެ.

މިދިޔަ އަންގާރަ ދުވަހު ބޭއްވި ގުރު ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން. – ފޮޓޯ: އެފްއޭއެމް
މުބާރާތުގައި ބައިވެރިވާން 22 ޓީމަކުން ފޯމު ހުށަހެޅި ނަމަވެސް ލިޔެކިއުންތައް ފުރިހަމަ ނުކުރެވުމުން ބައެއް ޓީމުތަކަށް ފުރުސަތު ގެއްލުނެވެ. މުބާރާތުގައި ވާދަކުރާ ޓީމުތަކުން އެފްއޭއެމުން ފީފާގައި ރަޖިސްޓްރީ ވެފައިވާ ކަނެކްޓް ސިސްޓަމަށް 16 ލިޔެކިއުމެއް އަޕްލޯޑް ކުރަންޖެހެ އެވެ. ބައެއް ޓީމުތަކަށް މުބާރާތުން ފުރުސަތު ގެއްލުނުއިރު އެފްއޭއެމުން ވަނީ ލިޔެކިއުންތައް ހުށަހެޅުމުގެ ފުރުސަތު ދެ ފަހަރެއްގެ މަތީން އިތުރުކޮށްދީފަ އެވެ.
މުބާރާތުގައި ވާދަކުރާ ޓީމުތަކުން ކުޅުންތެރިން ރަޖިސްޓްރީކުރުމުގެ އެންމެ ފަހު ތާރީހަކީ މި މަހުގެ 26 ވަނަ ދުވަހެވެ. މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ކޯޗުން ހަމަޖައްސައި ބައެއް ޓީމުތަކުން މިހާރު އަންނަނީ ޕްރެކްޓިސް ކުރަމުންނެވެ.
ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް މިއަހަރު ކުރިއަށްދާނީ މާފަންނު ޓާފް ދަނޑުގަ އެވެ. މުބާރާތް ހުޅުވުމުގެ ގޮތުން ކުޅޭ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އޭގައި ހިމެނޭ ޓެންޓް ސްޕޯޓްސް ކްލަބާއި ކްލަބް ބްލޫ ލިއޮޕާޑް ސްޕޯޓްސް އެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ކުޅުން ކުރިއަށްދާނީ ފެބްރުއަރީ 25 ވަނަ ދުވަހުގެ ނިޔަލަށެވެ. ކޮންމެ ގްރޫޕަކުން ކުރި ހޯދާ ދެ ޓީމާ އެކު ކުއާޓާ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މާޗް 1 އަދި 2 ވަނަ ދުވަހު އެވެ. ސެމީ ފައިނަލް މެޗުތައް މާޗް 6 ވަނަ ދުވަހު ކުޅެން ހަމަޖެހިފައިވާއިރު ފައިނަލް މެޗު އޮންނާނީ މާޗް 9 ވަނަ ދުވަހު އެވެ. ކުއާޓާ ފައިނަލުން ފެށިގެން މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅޭނީ ގަލޮޅު ދަނޑުގަ އެވެ.