މެންޗެސްޓަރ ސިޓީ އަށް ކުޅޭ ބެލްޖިއަމްގެ މިޑްފީލްޑަރު ކެވިން ޑި ބްރޭނާ އަށް އަނިޔާވެ މުހިއްމު މެޗުތަކެއް ގެއްލުމުގެ ބިރު ބޮޑުވެއްޖެ އެވެ.
29 އަހަރުގެ ޑި ބްރޭނާ އަށް އަނިޔާވީ މިދިޔަ ބުދަ ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި އެސްޓަން ވިލާ އަތުން 2-0 އިން ސިޓީ މޮޅުވި މެޗުގަ އެވެ. ޑި ބްރޭނާގެ ޑޮކްޓަރާ ހަވާލާދީ ސިޓީ އިން ބުނީ އަނިޔާގެ ސަބަބުން ޑި ބްރޭނާ ހަތަރެއް ނޫނީ ހަ ހަފްތާގެ މުއްދަތަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެކަމަށެވެ.
އެ މުއްދަތުގެ ތެރޭގައި ޑި ބްރޭނާ އަށް 10 ވަރަކަށް މެޗު ގެއްލޭނެކަމަށް ބެލެވެ އެވެ. އޭގެތެރޭގައި ފެބްރުއަރީ ހަތް ވަނަ ދުވަހު ލީގުގައި ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗާއި އޭގެ ހަ ދުވަސް ފަހުން ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން ފެބްރުއަރީ 24 ވަނަ ދުވަހު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގްގައި ޖަރުމަނުގެ ބޮރޫޝިއާ މޮންޗެންގްލަދްބާއާ ދެކޮޅަށް ކުޅޭ މެޗު ހިމެނެ އެވެ. އެކަމަކު މާޗް ހަ ވަނަ ދުވަހު ލީގުގައި އަމިއްލަ ދަނޑުގައި މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ކުޅެންޖެހޭ މެޗަށް ޑި ބްރޭނާ ފިޓްވާނެކަމަށް ބެލެވެ އެވެ.
އަނިޔާގެ ސަބަބުން މިދިޔަ އަހަރުތަކުގައި ޑި ބްރޭނާ އަށް ގިނަ މެޗުތަކެއް ވަނީ ގެއްލިފަ އެވެ. ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅެން ޖެހުމަކީ އަނިޔާގެ މައްސަލަތައް ގިނަވުމުގެ ސަބަބެއް ކަމަށެވެ.
“11 މަސް ދުވަހުގެ ތެރޭގައި ކޮންމެ ތިން ދުވަހަކުން މެޗެއް ކުޅެންޖެހޭއިރު ކުޅުންތެރިން ފިޓްކޮށް ތިބޭނެ ކަމަކަށް ނުބެލެވޭނެ. އެއީ ވާނެ ކަމެއް ނޫން. އަހަރެމެން ފަސް ބަދަލަށް ޑިމާންޑް ކުރީ މި ސަބަބާ ހެދި. އެފްއޭ ކަޕްގަ ފަސް ބަދަލު ކުރެވިފަ އެހެން މުބާރާތްތަކުގައި ފަސް ބަދަލު ނުކުރެވެންވީ ކީއްވެ؟. މިއީ ހަމައެކަނި ޑި ބްރޭނާ އަށް އަނިޔާވީމަ ބުނާ އެއްޗެއް ނޫން. ގިނަ މެޗުތަކެއް ކުޅެން ޖެހުމުގެ ސަބަބުން ކުޅުންތެރިންނަށް އަނިޔާގެ އަސަރު ކުރަނީ” ގާޑިއޯލާ ބުންޏެވެ.
ސީޒަނުގެ މުހިއްމު ހިސާބަކާ ކުރިމަތިލާއިރު މި ސީޒަނުގައި ސިޓީ އަށް ކުޅުނު 23 މެޗުގައި ޑި ބްރޭނާ ވަނީ 15 ގޯލު ޖަހަން އެހީތެރިވެދީ ތިން ގޯލު ކާމިޔާބުކޮށްފަ އެވެ. ސިޓީ އިން ހުރިހާ މުބާރާތެއްގައި އެންމެފަހުން ކުޅުނު 16 މެޗުން ބަލިވެފައިނުވާއިރު އެންމެ ފަހުން ކުޅުނު ނުވަ މެޗުން ވެސް އެޓީމު ވަނީ މޮޅުވެފަ އެވެ. އިނގިރޭސި ޕްރިމިއާ ލީގަށް ވާދަކުރުމުގެ ފުރުސަތު އެޓީމަށް ލިބިފައިވާއިރު އިނގިރޭސި ލީގު ކަޕްގެ ފައިނަލަށް ޖެހިޖެހިގެން ހަތަރު ވަނަ ފަހަރު ސިޓީ ވަނީ ދަތުރުކޮށްފަ އެވެ.
ޑި ބްރޭނާގެ އިތުރުން އަނިޔާގެ ސަބަބުން ކުޅުމާ ދުރަށްދާން ޖެހިފައިވާ ފާހަގަކޮށްލެވޭ އަނެއް ކުޅުންތެރިއަކީ ލެސްޓާ ސިޓީގެ ޖެމީ ވާޑީ އެވެ. ލެސްޓާ ސިޓީން ބުނީ ހާނިއާ ސާޖަރީއެއް ހަދަން ޖެހުމުގެ ސަބަބުން ހަފްތާތަކަކަށް ވާޑީ ކުޅުމާ ދުރުގައި ހުންނާނެ ކަމަށެވެ. އުމުރުން 34 އަހަރުގެ ވާޑީ ވަނީ މި ސީޒަނުގެ ލީގުގައި 11 ގޯލު ޖަހައިފަ އެވެ. އެޓީމުން ލީގަށް ވާދަކުރަމުން އަންނައިރު ވާޑީ ނެތި ކުޅެން ޖެހުމަކީ ކޯޗު ބްރެންޑަން ރޮޖާސް އަށް ކުރިމަތިވާނެ މައްސަލައެކެވެ.