ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި މިރޭ މާޒިޔާ އާއި ކްލަބް އީގަލްސް ވާދަކުރި މެޗު 0-0 އިން އެއްވަރުވެއްޖެ އެވެ.
މިރޭގެ މެޗުގައި އީގަލްސް އަށް އިރުޝާދުދިނީ އެސިސްޓެންޓް ކޯޗު އަހުމަދު ނިމާދު (ނިމާ) އެވެ. އީގަލްސް އިން ވަނީ މި ސީޒަނުގެ އެޓީމުގެ ކޯޗަކަށް ހުރި މުހައްމަދު ޝިޔާޒް (މޯހަން) އާ އެކު ހަދާފައިވާ އެއްބަސްވުން ލީގުގައި ކްލަބް ގްރީން ސްޓްރީޓްސް އަތުން ބަލިވި މެޗަށް ފަހު އުވާލައިފަ އެވެ.
ނިމާގެ ކޯޗުކަމުގައި މިރޭ އީގަލްސް އިން ވަނީ މާޒިޔާއާ ދެކޮޅަށް ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އެޓީމަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނުއިރު ދިމާވީ ގޯލު ނުޖެހުމުގެ މައްސަލަ އެވެ. މެޗުގެ ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައި އީގަލްސްގެ ބިދޭސީ ފޯވާޑް މުހައްމަދު އޮސާމާ އަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. ހަސަން ރާއިފް އަހުމަދު (ހަންނަ) ނަގައިދިން ކޯނަރެއްގައި ހުސްކޮށް ހުރެ އޮސާމާ ބޮލުން ޖެހި ބޯޅަ ދިޔައީ ބޭރަށެވެ. ފުރަތަމަ ހާފުގައި މާޒިޔާގެ ފަރާތުން މާ ރަނގަޅު ކުޅުމެއް ނުފެނުނު އިރު އެޓީމަށް ގޯލު ޖަހާނެ ހުސް ފުރުސަތެއް ތަނަވަހެއް ނުކުރެވުނެވެ.

މާޒިޔާގެ ފޭދޫ އިއްބެ އަތުން ބޯޅަ ހޯދަން އީގަލްސްގެ ހައިޝަމް މަސައްކަތްކުރަނީ. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް
މެޗުގެ ދެ ވަނަ ހާފު ފެށިގެން ތިން ވަނަ މިނެޓުގައި އީގަލްސް އަށް ލިބުނު ޕެނަލްޓީއެއް ހަންނަ ފޮނުވާލުމުން މާޒިޔާގެ ގޯލްކީޕަރު މިލާން ޔެލޮވަޗް ވަނީ މަތަކޮށްފަ އެވެ. މިއީ މުހައްމަދު ނާއިމް އަށް މާޒިޔާގެ ޑިފެންޑަރު އަލީ ސަމޫހް (ސަމުއްޓޭ) ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓިއެކެވެ. ޕެނަލްޓީ އަށް ފަހު 57 ވަނަ މިނެޓުގައި ނާއިމް އޭރިޔާ ބޭރުން ތިރިތިރިން ފޮނުވާލި ބާރު ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ. މެޗުގެ ފަހު 30 މިނެޓުގައި މާޒިޔާއިން ވަނީ އީގަލްސްގެ ގޯލަށް ނުރައްކާކޮށްފަ އެވެ. 62 ވަނަ މިނެޓުގައި އަހުމަދު އަބްދުﷲ (ލިލީ) އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ މާޒިޔާގެ ކުޅުންތެރިއަކަށް ލައްވާލާގޮތެއްނުވި އެވެ. އޭގެ ދެ މިނެޓުފަހުން އިބްރާހީމް މަހުދީ ހުސައިން (ފޭދޫ) އިއްބެ އަށް ގޯލަށް ޖަހަން ލިބުނު ފުރުސަތުގައި ބޯޅަ ރަނގަޅަށް ކޮންޓްރޯލެއް ނުކުރެވުނެވެ. މާޒިޔާއިން އެންމެ ނުރައްކާތެރި ފުރުސަތު ތަނަވަސްކުރީ 73 ވަނަ މިނެޓުގަ އެވެ. އެކަމަކު ހަމްޒާ މުހައްމަދު (ހަމްޕު) ގޯލަށް ފޮނުވާލި ބޯޅަ ގޯލުގެ ރޮނގުމަތިން ހުށިޔާރުކަމާ އެކު ހިސާމް ސަލީމް (ކޮކީ) ވަނީ ބްލޮކްކޮށްފަ އެވެ. އޭގެ މިނެޓެއް ފަހުން އީގަލްސްގެ އޮސާމާ ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ. އެ ހަމަލާއަށް ފަހު މާޒިޔާގެ އަސަދުﷲ އަށް ބޮލުން ޖަހަން ލިބުނު ހުސް ފުރުސަތެއްގައި ގޯލުގެ ކަނަށް އަމާޒުކޮށްލި ބޯޅަ ދިޔައީ މަތިން ބޭރަށެވެ. މިރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ ލިބުނީ އީގަލްސްގެ އަހުމަދު ނޫމާން (ހެލްމެޓް) އަށެވެ.
ލީގުގެ ފުރަތަމަ ބުރުގެ ކުޅުން ނިމުނުއިރު އެއް ވަނައިގައި 15 ޕޮއިންޓާ އެކު އޮތީ މާޒިޔާ އެވެ. ދެ ވަނައިގައި އޮތް ކްލަބް ވެލެންސިއާ އާއި ތިން ވަނައިގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ލިބިފައިވަނީ 12 ޕޮއިންޓެވެ. ހަތަރު ވަނައިގައި އޮތީ ނުވަ ޕޮއިންޓް ހޯދާފައިވާ ޓީސީ ސްޕޯޓްސް ކްލަބެވެ. ފަސް ވަނައިގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ހަ ވަނައިގައި ކްލަބް ގްރީން ސްޓްރީޓްސް އަށް ލިބިފައިވަނީ އަށް ޕޮއިންޓެވެ. މިރޭގެ މެޗާ އެކު ފަސް ޕޮއިންޓް ހަމަކޮށް އީގަލްސް އޮތީ ހަތް ވަނައިގަ އެވެ. ތިން ޕޮއިންޓާ އެކު ލީގުގެ ފުލުގައި އޮތީ މިހާތަނަށް މޮޅެއް ލިބިފައިނުވާ ޔުނައިޓެޑް ވިކްޓްރީ އެވެ.
ލީގުގެ ދެ ވަނަ ބުރުގެ ކުޅުން ފަށާނީ އަންނަ ބުދަ ދުވަހު އެވެ.