ފުރަތަމަ ސަފްޙާ / ޚަބަރު / ގްރީން ސްޓްރީޓްސް ބަލިކޮށް ޓީސީ ހަތަރު ވަނަ އަށް
ފަހުމިނެޓް

ގްރީން ސްޓްރީޓްސް ބަލިކޮށް ޓީސީ ހަތަރު ވަނަ އަށް

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 22 ޖެނުއަރީ 2021

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކްލަބް ގްރީން ސްޓްރީޓްސް 1-0 އިން ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބް ލީގުގެ ހަތަރު ވަނަ އަށް ކުރިއަށް ޖެހިލައިފި އެވެ.

ލީގުގެ ފުރަތަމަ ބުރުގައި ބާކީ އޮތީ މިރޭ މާޒިޔާ އާއި ކްލަބް އީގަލްސް ވާދަކުރާ މެޗެވެ. 14 ޕޮއިންޓާ އެކު މާޒިޔާ އެއް ވަނައިގައި އޮތްއިރު ދެ ވަނައިގައި އޮތް ކްލަބް ވެލެންސިއާ އާއި ތިން ވަނައިގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ލިބިފައިވަނީ 12 ޕޮއިންޓެވެ. ފުރަތަމަ ބުރުގެ ހަތަރު ވަނަ ޓީސީ ކަށަވަރުކުރީ ނުވަ ޕޮއިންޓާ އެކު އެވެ. މެޗުން ބަލިވުމުން އަށް ޕޮއިންޓާ އެކު ގްރީން ސްޓްރީޓްސް ވަނީ ފަސް ވަނަ އަށް ވެއްޓިފަ އެވެ. ހަ ވަނައިގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ވެސް ވަނީ އަށް ޕޮއިންޓް ހޯދައިފަ އެވެ.

މިއަދުގެ މެޗަށް ގްރީން ސްޓްރީޓްސް އިން ނެރުނު ފުރަތަމަ އެގާރައިގައި މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އެންޖެލް މުނޯޒް އާއި އަބްދުﷲ ޔާމީން (ޔާން) ހިމަނާފައެއްނުވެ އެވެ. ޔާންގެ ބަދަލުގައި މިއަދު ފުރަތަމަ އެގާރައިގައި ކުޅުނީ މުހައްމަދު ޖައިލަމް (އޮގީ) އެވެ.

ގްރީން ސްޓްރީޓްސް އާއި ޓީސީ ވާދަކުރި މެޗުގެ ތެރެއިން. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމަށް ވެސް ލަނޑު ޖަހާނެ ފުރުސަތު ލިބުނެވެ. 32 ވަނަ މިނެޓުގައި ގްރީން ސްޓްރީޓްސްގެ އޮގީ އަށް އޭރިޔާ ތެރެއިން ހުސްކޮށް ލިބުނު ބޯޅަ ކީޕަރު ކައިރިން ނައްޓާލުމަށް ގޯލަށް ފޮނުވާލުމުން ޓީސީގެ ޑިފެންޑަރު މުހައްމަދު އަޖުފާން ވަނީ ގޯލުގެ ރޮނގުމަތިން އެ ބޯޅަ ދިފާއުކޮށްފަ އެވެ. ޓީސީ އަށް ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތު ލިބުނީ 37 ވަނަ މިނެޓުގައި މެލްކޮމް ކަސިއުސް ސްޓެވާޓް އަށެވެ. އެކަމަކު އޭރިޔާގެ އަރިމަތިން ގޯލަށް ފޮނުވާލި ބާރު ބޯޅަ ގްރީން ސްޓްރީޓްސްގެ ކީޕަރު ސާގިބް ހަނީފް ވަނީ އަތުން ޖައްސައި ކޯނަރަކަށް ބޭރުކޮށްލައިފަ އެވެ. އޭގެ ތިން ވަރަކަށް މިނެޓު ފަހުން ކަސިއުސް އަށް އޭރިޔާ ތެރެއިން ލިބުނު އިތުރު ބޯޅައެއް ރަނގަޅަށް ފޮނުވާލެވޭގޮތެއްނުވި އެވެ.

ގްރީން ސްޓްރީޓްސްގެ ހަލީލް އަތުން ބޯޅަ ހޯދަން އައްޒާމް މަސައްކަތްކުރަނީ. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

މެޗުގެ ދެ ވަނަ ހާފުގައި މެލްކޮމް ބޮލުން ފޮނުވާލި ދެ ބޯޅަ ގޯލާ އަމާޒެއްނުވި އެވެ. އަދި މިހާފުގައި ގްރީން ސްޓްރީޓްސްގެ މުހައްމަދު ނަޒާމް އާއި ހަސަން ނަޒީމް (ޗޯޓު) އަށް ލިބުނު ދެ ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ. އޭރިޔާ ތެރެއިން ނަޒާމް ފޮނުވާލި ބޯޅަ ގޯލާ އަމާޒުނުވި އިރު 61 ވަނަ މިނެޓުގައި ޗޯޓު ފޮނުވާލި ބާރު ބޯޅަ ވެސް ދިޔައީ ގޯލާ މާ ދުރުންނެވެ. ޓީސީން މެޗުގައި ލީޑު ނެގީ 65 ވަނަ މިނެޓުގައި ކެޕްޓަން މުހައްމަދު އައްޒާމް ޖަހައިދިން ގޯލުންނެވެ. އަރިމަތިން ކުޅުނު އިބްރާހީމް އަތީގް ހަސަން (އިއްބެ) ނަގައިދިން ހުރަސް ގްރީން ސްޓްރީޓްސްގެ ޑިފެންޑަރުންނަށް ފުރުސަތެއް ނުދީ އައްޒާމް ވަނީ ބޮލުން ގޯލަށް ވައްދާލައިފަ އެވެ. މެޗުގެ އިތުރު ވަގުތުގައި މެލްކޮމް ފޮނުވާލި ބާރު ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ. މެޗުގެ ފަހުކޮޅު ގްރީން ސްޓްރީޓްސް އިން ގޯލެއް ޖަހަން މަސައްކަތްކުރި ނަމަވެސް ރަނގަޅު ފުރުސަތެއް ތަނަވަހެއް ނުކުރެވުނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޓީސީގެ ހަމައެކަނި ލަނޑު ޖަހައިދިން އައްޒާމް އެވެ. މިއީ ހަތް މެޗު އައްޒާމް މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ތިން ވަނަ މެޗެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!