ފުރަތަމަ ސަފްޙާ / ޚަބަރު / ބާސެލޯނާ ދޫކޮށްލުމުގެ ކުރިން މެސީ ރަތް ކާޑެއްވެސް ހޯދައިފި

ބާސެލޯނާ ދޫކޮށްލުމުގެ ކުރިން މެސީ ރަތް ކާޑެއްވެސް ހޯދައިފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 18 ޖެނުއަރީ 2021

ބާސެލޯނާގެ ކުޅުންތެރިއެއްގެ ގޮތުގައި ކުޅެނިކޮށް އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ އަށް ފުރަތަމަ ފަހަރަށް ރޭ ރަތް ކާޑު ދައްކައިފި އެވެ. މި ސީޒަން ނިމުމުން ކްލަބް ދޫކޮށްލާނެ ކަމަށް ބެލެވިފައިވާ އުމުރުން 33 އަހަރުގެ މެސީ އަށް ރަތް ކާޑު ދައްކައިފައި މިވަނީ ރޭ އެތުލެޓިކް ބިލްބާއޯ އާ ދެކޮޅަށް ކުޅުނު ސްޕެނިޝް ސުޕަރ ކަޕް ފައިނަލް މެޗުގައި ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގެ ތެރެއިން ފަހު ހާފުގެ ވެސް ފަހު މިނެޓްގަ އެވެ.

މެސީ އަށް ރޭގެ މެޗުގައި ރަތް ކާޑު ދެއްކީ ބޯޅަ ނެތިސް އެތުލެޓިކް ބިލްބާއޯގެ ކުޅުންތެރިއެއްގެ ގައިގައި ޖެހުމުންނެވެ. މި މަންޒަރު ރެފްރީ އަށް ނުފެނުނު ނަމަވެސް ފަހުން އޭނާ އަށް ރަތް ކާޑު ދައްކައިފައިވަނީ ވީއޭއާރު ބަލައިގެންނެވެ.

ރޭގެ މެޗަކީ ބާސެލޯނާގެ ޖޯޒީގައި މެސީ ކުޅުނު 753 ވަނަ މެޗެވެ. ރޭ މެސީ އަށް ދެއްކި ރަތް ކާޑަކީ އޭނާގެ މުޅި ކެރިއަރުގައިވެސް ދެއްކި ތިންވަނަ ރަތް ކާޑެވެ. މީގެ ކުރިން އޭނާ އަށް ވަނީ އާޖެންޓީނާގެ ގައުމީ ޓީމުގެ ޖޯޒީގައި ކުޅެނިކޮށް ދެ ފަހަރު ރަތް ކާޑު ދައްކައިފަ އެވެ. އެއީ 2005 ވަނަ އަހަރު ހަންގޭރީ އާ ދެކޮޅަށް ކުޅުނު މެޗުގަ އާއި 2019 ވަނަ އަހަރު އޮތް ކޮޕާ އެމެރިކާ މުބާރާތުގެ ތިން ވަނަ ހޮވަން ޗިލީ އާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.

މެސީ އަށް ރޭ ދެއްކި ރަތް ކާޑާ ގުޅިގެން ޑޮމެސްޓިކް މުބާރާތްތައް ހިމެނޭ ގޮތުން މަދުވެގެން ހަތަރު މެޗަށް އޭނާ ސަސްޕެންޑް ކުރާނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!