ފުރަތަމަ ސަފްޙާ / ޚަބަރު / ދަ ގްރާންޑޭ އިން ވެލެންސިއާ ހަމަބިމަށް ތިރިކޮށްފި
ފަހުމިނެޓް

ދަ ގްރާންޑޭ އިން ވެލެންސިއާ ހަމަބިމަށް ތިރިކޮށްފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 16 ޖެނުއަރީ 2021

މިހާރު ކުޅެމުން އަންނަ ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި، އަދި މިހާތަނަށް ލީގުގައި ބަލިވެފައި ނެތް ކްލަބް ވެލެންސިޔާގެ މައްޗަށް 1-2 އިން ދަ ގްރާންޑޭ  ކުރި ހޯދައިފި އެވެ.

ފުރަތަމަ ބުރުގައި ވެލެންސިއާ އާއި ދަ ގްރާންޑޭ އިން ކުޅުނު ހަ ވަނަ މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑް ނެގީ ވެސް ދަ ގްރާންޑޭ އިންނެވެ. މި ލަނޑު މެޗުގެ ފަހު ހާފުގެ ދިހަ ވަނަ މިނެޓްގައި ދަ ގްރާންޑޭ އަށް ކާމިޔާބުކޮށްދިނީ އަޔާޒް އަހްމަދެވެ. އެއާ އެކު ވެލެންސިއާގެ  ބެންޗުގައި މެޗު ފެށި އިރު އިން ޢަލީ އަޝްފާގް (ދަގަނޑޭ) ކުޅެން އަރައި މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނެވެ. އެކަމަކު ދެން ފެނުނީ އަނެއްކާވެސް ދަ ގްރާންޑޭ އިން ލަނޑެއް ޖަހައި މެޗުގެ ނަތީޖާ 1-2 އަށް ބަދަލުކުރި ތަނެވެ. މި ލަނޑު މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް އެ ޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ އަހްރާރް އުމަރުޖޮނޯވް އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ލިބުނީ އޭނާ އަށެވެ. މެޗުގައި ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކުރަން ވެލެންސިއާ އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އެކަމަކު މެޗުގެ އިތުރުވަގުތުގެ ފަހު މިނެޓްގައި ވެލެންސިއާ އަށް ލިބުނު ޕެނަލްޓީ އަލީ ފާސިރު (ސެންޓޭ) ފޮނުވާލުމުން ގޯލު ދަނޑީގައި ޖެހިފައި ނާކާމިޔާބުވި އެވެ.

މި މެޗުގެ ނަތީޖާ މިގޮތަށް ނުކުތް ނަމަވެސް ޓޭބަލްގައި ވެލެންސިއާ އޮތް މަގާމަކަށް ބަދަލެއް ނާދެ އެވެ. އެކަމަކު ކުޅުނު ހަ މެޗުން ހޯދި 11 ޕޮއިންޓާ އެކު އެ ޓީމު ޓޭބަލްގެ ދެވަނައިގައި އޮތް ނަމަވެސް އެއްވަނައިގައި އޮތް މާޒިޔާ އާއި ޕޮއިންޓްގެ ގޮތުން ހަމަހަމަ ކުރަން ލިބުނު ފުރުސަތު ވަނީ ގެއްލިފަ އެވެ. އަނެއްކޮޅުން މިއަދުގެ މެޗުން ލިބުނު މޮޅާއެކު ޓޭބަލްގެ ތިން ވަނައަށށް ދަ ގްރާންޑޭ އަލުން އެރިއިރު އެ ޓީމާއި ވެލެންސިއާ އާއި ދެމެދު މިހާރު އޮތީ ދެ ޕޮއިންޓްގެ ފަރަގެކެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!