އާ އަހަރާއެކު މިހާރު މިއޮތީ ކުޅުންތެރިން ގަނެ ވިއްކުމުގެ ބާޒާރު ހުޅުވިފައެވެ. އަދި ޖަނަވަރީ ނިމެންދެން މި ބާޒާރު ހުޅުވިފައި ހުންނާނެއެވެ. ފުޓްބޯޅަ މެޗެއްގެ ތެރެއިން ކްލަބްތަކުގެ މެނޭޖަރުން ޓަޗްލައިން ގައި ހުރެ ނިންމާ ނިންމުންތަކަށްވުރެ މި ބާޒާރުގައި ކުޅުންތެރިން ގަތުމާއި ވިއްކުމުގައި ކްލަބްތަކުން ނިންމާ ނިންމުންތަކުގައި އެކުލެވޭ ރިސްކު އެއްގޮތަކަށްވެސް ކުޑައެއްނޫނެވެ. ބޮޑެތި ކްލަބްތަކުންނާއި މޮޅު ކޯޗުންވެސް ކުޅުންތެރިން ގަނެ ވިއްކުމުގައި ބޮޑެތި ގޯސްތައް ހެދުމަކީ ހަމަ ވަރަށް އާއްމުކަމެކެވެ. މޮޅުވާނެ ކަމަށް ބޮޑު އަގުދީފައި ގެންނަ ކުޅުންތެރިޔާއަށް ނުކުޅެވިގެން ބެންޗުގައި ބައިންދަން ޖެހުމާއި ނުކުޅެވޭތީ ކުޑަ އަގެއްގައި (ނޫނީ ހިލޭ ދޫކޮށްލާ) ކުޅުންތެރިޔާ އަނެއް ކްލަބްގައި މޮޅަށް ކުޅޭތަން ފެނުމާއި މި ނޫންވެސް ‘ގަނެވުނު ނުވަތަ ވިއްކާލެވުނު މޮޔަ’ ކޯޗަށާއި ކްލަބަށް ހީވާ ބައިވަރު ހާލަތްތައް އާދެ އެވެ. މިފަހަރު މިބަލާލަނީ އޭގެތެރެއިން ވެސް ފާހަގަކޮށްލެވޭ ބައެއް ޓްރާންސްފާ ތަކަށެވެ.
އާސެނަލް އިން ޕެޕޭ ގަތުމަށް 72 މިލިއަން ޕައުންޑް ހޭދަކުރުން
ކުޅުންތެރިއަކު ގަތުމަށް ބޮޑު ހޭދައެއް ކުރަންޖެހުނު ސަބަބު ހޯދުމަށް އެތެރޭގެ ތަހުގީގެއް ފެށުމުން އެއިން އެނގެނީ ބޮޑު ގޯހެއް ހިނގައިފިކަމެކެވެ. އެނގިފައިވާ ގޮތުގައި ނިކޮލާ ޕެޕޭގެ އަގު ކަމުގައިވާ 72 މިލިއަން ޕައުންޑް އާސެނަލްއިން ފްރާންސްގެ ލިލް އަށް ދޭން ހަމަޖެހިފައިވަނީ ފަސް އަހަރަށް ބަހާލައިގެންނެވެ. އެހެންކަމުން ޕެޕޭގެ އަގާއި އެއްފަދަ ކުޅުމެއް އޭނާގެ ފަރާތުން ނުފެންނަތާގައި އޭނާއާއި ހެދި އާސެނަލް މިއޮތީ ދަރާފަ އެވެ. މި ޓްރާންސްފާގެ ތަހުގީގު ފެށުމާއެކު އެކަމުގައި އިސްކޮށް އުޅުނު މީހާ ވަނީ އާސެނަލްގެ ވަޒީފާ ދޫކޮށްލާފަ އެވެ. އެކަމަކު އޭގެކުރިން އޭނާވަނީ ޗެލްސީ އިން ގެނައި 32 އަހަރުގެ ވިލިއަން އަށް ތިން އަހަރުގެ ކޮންޓްރެކްޓެއް ދީފަ އެވެ. އަދި 29 އަހަރުގެ ސެޑްރިކް ސޯރޭސް އަށް 4 އަހަރުގެ ކޮންޓްރެކްޓެއް ދީފަ އެވެ. މިހުރިހާ ޓްރާންސްފާއެއް ވެސް މިހާރު އާސެނަލް އެންމެ ބޮޑު ހޭދައެއް ކުރާ މެސުތު އޮޒިލްގެ ޓްރާންސްފާއަށްވުރެ ވެސް ގޯސްކަމުގައި ބެލެވިދާނެ އެވެ.

ތަންކޮޅެއް ކުރިއަށް ޖެހިލާއިރު އާސެން ވެންގާ ވެސް ވަނީ ބައެއް ގޯސްތައް ހަދާފަ އެވެ. އޭގެތެރެއިން އެންމެ ފާހަގަ ކޮށްލެވެނީ ބަޔާން މިއުނިކްގައި މިހާރު އެންމެ ފާހަގަކޮށްލެވޭ ސާޖް ގްނަބްރީ 2016 ގައި އެންމެ 5 މިލިއަން ޕައުންޑަށް ވާޑާ ބްރެމަން އަށް ދޫކޮށްލުމެވެ. މީގެ އިތުރުން 2012 ގައި ރޮބިން ވެން ޕާސީ މެންޗެސްޓަ ޔުނައިޓެޑަށް ވިއްކާލުމަކީ ވެސް ވެންގާ ހެދި ވަރަށް ބޮޑު ގޯހެއް ކަމަށް އާސެނަލްގެ ސަޕޯޓަރުން ގަބޫލުކުރެ އެވެ.
ބާސެލޯނާ އިން 420 މިލިއަން ޔޫރޯ ހަތަރު ކުޅުންތެރިއަކަށް ހޭދަކުރުން
ކޮވިޑް-19 ޕެންޑަމިކާ އެކު ބާސެލޯނާގެ ދަރަނި މިހާރުވަނީ 448 ޔޫރޯއަށް އަރާފަ އެވެ. އެހެންނަމަވެސް އެއީ ހަމައެކަނި ކޮވިޑާ ހެދި ވީކަމެއް ނޫންކަން އެނގެނީ އެމީހުންގެ ކުރީގެ ބައެއް ހޭދަތަކަށް ބަލާލީމަ އެވެ. 2019 ގައި ބާސެލޯނާއިން ވަނީ އޮންޓުއަން ގްރީޒްމަން ހޯދުމަށް އެތުލެޓިކޯ މެޑްރިޑަށް 120 މިލިއަން ޔޫރޯ ދިނުމަށް ލޯނެއް ނަގާފަ އެވެ. މެލްކޮމްގެ ޓްރާންސްފާ ހައިޖެކްކޮށް ބޯޑޯ އަށް 40 މިލިއަން ޔޫރޯ ދިނީ އޭގެ ކުރީ އަހަރު އެވެ. އުސްމާން ޑެމްބްލޭއަށް 105 މިލިއަން ޔޫރޯ ހޭދަކުރި އިރު ފިލިއްޕޭ ކުޓީނިއޯ ގެނައީ 160 މިލިއަން ޔޫރޯ ދީފަ އެވެ. މިއިން އެއްވެސް ކުޅުންތެރިއަކަށް ބާސެލޯނާ އިން އުއްމީދުކުރި ފެންވަރާ ގާތަށް ވެސް ކުޅެވިފައެއް ނެތެވެ. މީގެ އިތުރުން މި ދިޔައަހަރު އެޓީމުގައި މޮޅުކުޅުމެއް ދައްކަމުން އައި ލުއިސް ސުއަރޭޒް ވާދަވެރި އެތުލެޓިކޯ މެޑްރިޑަށް ދޫކޮށްލުމަކީ ބާސެލޯނާގެ ސަޕޯޓަރުންނާއި ޓީމުގެ ކުޅުންތެރިންވެސް މާޔޫސް ކުރުވި ކަމެއްމެ އެވެ. ސުއަރޭޒަކީ މިހާރު އެތުލެޓިކޯގެ އެންމެ އިތުބާރު ބޮޑު ފޯވާޑެވެ. ސްޕެނިޝް ލަލީގާގެ ލަނޑު ލިސްޓްގެ އެންމެ ކުރީގައި އޮތީވެސް ސުއަރޭޒް އެވެ.
ބަޔާން މިއުނިކުން ރެނާޓޯ ސަންޗޭޒް ގެނައުން
ބަޔާން މިއުނިކަކީ އާއްމުކޮށް ޓްރާންސްފާ ބާޒާރުގައި ވަރަށް ފައިދާހުރި ވިޔަފާރިއެއް ކުރާ ޓީމެކެވެ. އޭގެ ހެއްކަކަށް މިދިޔަ ސީޒަންގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ނިކުތް ބަޔާންގެ ފުރަތަމަ 11އިގެ ޖުމްލަ އަގު މެންޗެސްޓަ ޔުނައިޓެޑުން ލެސްޓާ ސިޓީގެ ޑިފެންޑަރު ހެރީ މެގުއަޔާ ހޯދަން ހޭދަކުރި އަގާއި ދާދި އެއްވަރުވުން ފުދެ އެވެ. އެހެންނަމަވެސް 2016ގެ ޔޫރޯއަށް ފަހު ޕޯޗްގަލްގެ ޓީންއޭޖް ކުޅުންތެރިޔާ ހޯދަން ބަޔާނުން ކުރި ހޭދައަކީ އެކްލަބުން އެޅި ޅައެއްޗެއް ކަމަށް ބެލެވެ އެވެ. ސަންޗޭޒް ހޯދަން ބަޔާން މިއުނިކުން ބެންފީކާއަށް 35 މިލިއަން ޔޫރޯ ދިންއިރު ވަކި ކަންތައްތަކެއް ފުރިހަމަވެއްޖެނަމަ އިތުރު 45 މިލިއަން ޔޫރޯ ދޭގޮތަށް އެއްބަސްވި އެވެ. މި 45 މިލިއަނަކީ ވަގުތުން ދޭން ޖެހޭ އެއްޗަކަށް ނުވިކަން އެއީ ބަޔާންގެ ނަސީބެވެ. ކޮންމެއަކަސް ޔޫރޯ ގައި ދެއްކި ޖާދޫ ސަންޗޭޒަށް ބަޔާންގައި ނުދެއްކުނެވެ. އަދި ލޯނު ޓްރާންސްފާއެއްގައި އިނގިރޭސި ވިލާތުގެ ސްވަންސީ ސިޓީ ބަދަލުވުމުން ވެސް ވީ ކަމެއްނެތެވެ. ރެނާޓޯއަށް ކުރެވުނު ހަރަދާއި ބަލާއިރު އޭނާވީ ބޮޑް ފްލޮޕަކަށެވެ. ބަޔާންގެ އެހެން ޓްރާންސްފާ އަކަށް ބަލާއިރު 2014 ގެ ވޯލްޑް ކަޕް ފައިނަލްގައި ގޯލް ޖެހި މާރިއޯ ގޮޓްޒާގެ 37 މިލިއަން ޔޫރޯގެ ޓްރާންސްފާ އަކީވެސް ބަޔާނުން ހަނދާން ނައްތާލަން ބޭނުންވާނޭ ޓްރާންސްފާ އެއްކަމަށް ބެލެވެ އެވެ.
ބޮރޫޝިއާ ޑޯޓްމަންޑުން ހިލޭ ޓްރާންސްފާއެއްގައި ރޮބަޓް ލެވަންޑޯސްކީ ދޫކޮށްލުން

ޑޯޓްމަންޑުން ވަނީ މިފަހަކަށް އައިސް ވަރަށް ފައިދާހުރި ވިޔަފާރިތަކެއް ޓްރާންސްފާ ބާޒާރުގައި ކޮށްފަ އެވެ. އެގޮތުން އާލިން ބްރައުޓް ހާލާންޑާއި ޖޭޑަން ސަންޗޯ އާއި ޖިއޮވާނީ ރޭނާ ފަދަ މޮޅެތި ކުޅުންތެރިންގެ ސޮއި ހޯދާފައިވަނީ ވަރަށް ކުޑައަގަކަށެވެ. ޑޯޓްމަންޑް ބޭނުންނަމަ ހާލާންޑް ފަދަ ކުޅުންތެރިންނަށް އެމީހުން ހޭދަ ކުރި އަގުގެ 7 ގުނަ ބޮޑުކޮށް އެހެން ކްލަބަކަށް ވިއްކާލުމަކީ މިހާރުވެސް ދަތިކަމަކަށް ނުވާނެ އެވެ. އެހެންނަމަވެސް ޓްރާންސްފާގެ ބާޒާރުގައި 2014 ގައި އެމީހުން ކޮށްފައިވާ ހިތި ތަޖުރިބާގެ ހިތި ރަހަ މިހާރުވެސް އެދަނީ އިހުސާސް ކުރަމުންނެވެ. އެއީ ލިއޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ފަހަތަށް ޖައްސާލުމަށްފަހު އެންމެ ފަހުގެ ފީފާގެ އެންމެ މޮޅުކުޅުންތެރިޔާގެ އެވޯޑް ހޯދި ރޮބާޓް ލެވަންޑޯސްކީ ދޫކޮށްލުމެވެ. މި ހިތި ތަޖުރިބާ އިތުރަށް ހިތިފައިވަނީ މިޓްރާންސްފާގައި ޑޯޓްމަންޑަށް އެއްވެސް އެއްޗެއް ނުލިބި ކުޅުންތެރިޔާ ހިލޭ ބަޔާން މިއުނިކަށް ދޫކޮށްލަން ޖެހުމެވެ. ޑޯޓްމަންޑަށް ލެވަންޑޯސްކީގެ ކޮންޓްރެކްޓް އާކުރަންވެސް ފުރުސަތު ލިބުނެވެ. އެހެންނަމަވެސް އެކަމުގައި އެކްލަބު ފެއިލްވީ އެވެ. އެކަމުގެ ހުރިހާ ފޮނިމީރުކަމެއް މިހާރު ލިބިގަންނަމުން އެދަނީ ބަޔާން މިއުނިކުންނެވެ.
ޗެލްސީ އިން ޑި ބްރޭނާ އާއި ސަލާހް ދޫކޮށްލުން
ޗެލްސީ އިން 2012 ގައި ބެލްޖިއަމްގެ ގެންކްގެ މިޑްފީލްޑަރ ކެވިން ޑި ބްރޭނާ 7 މިލިއަން ޕައުންޑަށް ގެނައުމަށްފަހު ވާޑާ ބުރޭމަން އަށް ލޯނަކަށް ދޫކޮށްލި އެވެ. އަދި ބުންޑެސް ލީގާ ގައި އެއް ސީޒަނުގައި މޮޅަށް ކުޅުމަށްފަހު ޑި ބްރޭނާ އެނބުރި އައުމުންވެސް އޭރުގެ ކޯޗް ހޯސޭ މޮރީނިއޯ އަށް ޑި ބްރޭނާގެ ހުނަރެއް ފާހަގައެއް ނުކުރެވުނެވެ. ނަތީޖާއަކަށްވީ 2014 ގައި ޑި ބްރޭނާ ވުލްފްސްބާގަށް ބަދަލުވުމެވެ. އަދި އޭގެ ދޮޅު އަހަރުފަހުން 55 މިލިއަން ޕައުންޑަށް އެނބުރި ޕްރިމިއަރ ލީގަށް އައީ މެންޗެސްޓަ ސިޓީގެ ކުޅުންތެރިއެއްގެ ގޮތުގަ އެވެ. މިއަދު ޑި ބްރޭނާ އަކީ ޕްރިމިއާ ލީގުގެ އެންމެ މޮޅު އެޓޭކިން މިޑްފީލްޑަރު ކަމަށް ދެބަސްވާނެ މީހަކު މަދުވާނެ އެވެ.
ސަޕޯޓަރުންގެ ހިތާމައަކީ މިއިންވެސް ޗެލްސީއަށް ފިލާވަޅެއް ދަސްނުވިކަމެވެ. 2014 ގައި ޗެލްސީ އިން ސްވިޒަލެންޑް ގެ ބާސެލް އިން ފޯވާޑަކު 11 މިލިއަން ޕައުންޑަށް ގަތެވެ. އެކަމަކު 3 އަހަރު ފަހުން އެންމެ 19 މެޗަށް ފަހު ލޯނު އުސޫލުން އިޓަލީގެ ފިއޮރެންޓީނާއަށް އޭގެ ފަހުން ރޯމާއަށް އެކުޅުންތެރިޔާ ދޫކޮށްލި އެވެ. އަދި ފަހުން އެކުޅުންތެރިޔާ ރޯމާއަށް ސޮއިކޮށް އިޓާލިއަން ލީގުގައި މޮޅުކުޅުމެއް ދެއްކި އެވެ. ނަތީޖާއަކަށްވީ އެއް ސީޒަނަށްފަހު ޕްރިމިއާ ލީގުގެ ލިވަޕޫލުން 36.9 މިލިއަން ޕައުންޑަށް އެކުޅުންތެރިޔާ ގަތުމެވެ. އެއީ މިއަދު ލިވަޕޫލުން ހޯދަމުންދާ ކާމިޔާބުތަކުގެ އެއް ސަބަބުކަމުގައިވާ މުހައްމަދު ސަލާހެވެ. ޑި ބްރޭނާ އާއި ސަލާހް މިހާރުވެސް ޓީމުގައި ތިބިނަމައޭ ހިތަށްނާރާ ޗެލްސީގެ އެއްވެސް ސަޕޯޓަރަކު ނުހުންނާނެ ކަމީ ޔަގީންކަމެކެވެ.
މީގެ އިތުރުން ޗެލްސީއިން ބޮޑު އަގުދީފައި ގެނައި ކުޅުންތެރިންގެ ތެރެއިން ގޯލްކީޕަރު ކެޕާ އަރިޒަބަލާގާ (71.6 މިލިއަން ޕައުންޑް)، އަލްވާރޯ މޮރާޓާ (60 މިލިއަން ޕައުންޑް)، ފެނާންޑޯ ޓޮރޭސް (50 މިލިއަން ޕައުންޑް)، ޓިއޭމޯ ބަކަޔޯކޯ (40 މިލިއަން ޕައުންޑް)، ޑެނީ ޑްރިންކްވޯޓާ (35 މިލިއަން ޕައުންޑް) އަދި މިޗީ ބަޓްޝުއާޔީ (33 މިލިއަން ޕައުންޑް) އަކީ ޓީމުގައި ފްލޮޕް ވެގެންދިޔަ ކުޅުންތެރިންނެވެ. އަދި މިހިނގާ ސީޒަން ފެށުމުގެ ކުރިން ޗެލްސީއިން ކުޅުންތެރިން ހޯދުމަށް އޮތް ސަސްޕެންޝަން އުވުމާއެކު ވަނީ ބޮޑެތި ހަރަދުތަކެއް ކޮށްފައެވެ. މިގޮތުން ބޮޑު އަގުދީފައި ގެނައި ކުޅުންތެރިން ކަމަށްވާ ޓީމޯ ވާނާ އާއި ކައި ހަވާޓްޒްގެ ފަރާތުން މާ އެދެވޭ ކުޅުމެއް މިހާތަނަށް ފެނިފައި ނުވުމާއެކު މިއީވެސް އެލިސްޓުގައި ހިމަނަން ޖެހިދާނެ ޓްރާންސްފާ ތަކަކަށް ވުމަކީ ހަމަ އެކަށީގެންވާ ކަމެކެވެ.