ފުރަތަމަ ސަފްޙާ / ޚަބަރު / އެއްވަނައިގައި އޮވެ އެންފީލްޑަށް އަންނަން ލިވަޕޫލުން ޔުނައިޓެޑަށް ދައުވަތު ދީފި

އެއްވަނައިގައި އޮވެ އެންފީލްޑަށް އަންނަން ލިވަޕޫލުން ޔުނައިޓެޑަށް ދައުވަތު ދީފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 5 ޖެނުއަރީ 2021

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ސައުތުހެމްޕްޓަން އާ ވާދަކޮށް ކުޅުނު މެޗުން ލިވަޕޫލް ބަލިވެ މި މަހުގެ 17 ވަނަ ދުވަހުގެ ރޭ ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅެން ޖެހޭ މެޗުގެ ކުރިން ލީގުގެ އެއްވަނައަށް އެރުމުގެ ފުރުސަތު ޔުނައިޓެޑަށް ފަހިވެއްޖެ އެވެ. ރަށުން ބޭރުގައި ރޭ ލިވަޕޫލް ކުޅުނު މެޗުން އެ ޓީމު ބަލިވީ 0-1 އިންނެވެ.

މިފަހަރުގެ ޕްރިމިއަރ ލީގުގައި މިހާތަނަށް 17 މެޗު ލިވަޕޫލުން ކުޅެފައިވާ އިރު އެ ޓީމު އެއްވަނައިގައި މިވަގުތު އޮތީ 33 ޕޮއިންޓާއެކު އެވެ. ލިވަޕޫލަށް ވުރެ އެއް މެޗު މަދުން ކުޅެގެން ދެވަނައިގައި އޮތް މެންޗެސްޓަރ ޔުނައިޓެޑަށްވެސް ލިބިފައިވަނީ 33 ޕޮއިންޓެވެ. އެކަމަކު ޓޭބަލްގެ އެއްވަނަ ހޯދުމަށްޓަކައި ޔުނައިޓެޑަށް އެންމެ އަވަހަށްވެސް ފުރުސަތު ލިބޭނީ އަންނަ ހަފްތާގެ އަންގާރަ ދުވަހުގެ ރޭ ބާންލީ އާ ދެކޮޅަށް ރަށުން ބޭރުގައި ކުޅޭ މެޗުގަ އެވެ.

ރޭގެ މެޗަކީ މި ސީޒަނުގައި ލީގުގައި ލިވަޕޫލް ބަލިވި ދެވަނަ މެޗެވެ. މީގެ އިތުރުން މިއީ ލީގުގައި މޮޅެއް ނުހޯދި ޖެހިޖެހިގެން ލިވަޕޫލަށް ފުރިހަމަކުރަން ޖެހުނު ތިންވަނަ މެޗެވެ. ރޭގެ ކުރިން ލިވަޕޫލް ލީގުގައި ކުޅުނު ދެ މެޗުވެސް ނިމުނީ އެއްވަރުވެގެންނެވެ. އަނެއްކޮޅުން ރޭގެ މެޗަކީ ސައުތުހެމްޕްޓަން އަށް މޮޅެއް ނުހޯދި ލީގުގައި ޖެހިޖެހިގެން ހަތަރު މެޗު ދިއުމަށްފަހު މޮޅެއް ލިބުނު ފުރަތަމަ މެޗެވެ. މި ނަތީޖާއާއެކު އެ ޓީމު ވަނީ ޓޭބަލްގެ ހަވަނައަށް ކުރިއަށް ޖެހިލައިފަ އެވެ.

އަނިޔާގެ މައްސަލަތަކާ ހުރެ ޑިފެންސް ލައިންގައި ކެޕްޓަން ޖޯޑަން ހެންޑަސަން އާއި މިޑްފީލްޑަރ ފަބީނިއޯ ހިމަނައިގެން ލިވަޕޫލުން ރޭ ސައުތުހެމްޕްޓަން އާ ދެކޮޅަށް ކުޅެން ފެށި މެޗުގައި ސައުތުހެމްޕްޓަނުން ލީޑުނެގީ ދެވަނަ މިނެޓްގަ އެވެ. ސައުތުހެމްޕްޓަނުން މެޗުގައި ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކުރިން ލިވަޕޫލަށް ކުޅެފައިވާ ޑެނީ އިންގްސް އެވެ. ލިވަޕޫލްގެ ފަރާތުން ދަށް ކުޅުމެއް ފެނުނު ރޭގެ މެޗުގެ ފަހު ހާފުގައި އެ ޓީމުން ސައުތުހެމްޕްޓަންގެ ގޯލަށް ނުރައްކާ ކުރެވޭތޯ އިތުރަށް މަސައްކަތްކުރިތަން ފެނުނެވެ. އެކަމަކު ސައުތުހެމްޕްޓަންގެ ޑިފެންސް ލައިންގައި ތިބި ކުޅުންތެރިން ދެއްކި ހުށިޔާރުކަނާއެކު މެޗުގެ 75 ވަނަ މިނެޓްގައި ފޯވާޑް ސަޑިއޯ މާނޭ ގޯލާ އަމާޒުކޮށް ފޮނުވާލި ބޯޅަ ފިޔަވައި އެހެން ހަމަލާއެއް ސައުތުހެމްޕްޓަންގެ ގޯލާ އަމާޒުކޮށް ލިވަޕޫލަށް ފޮނުވާލެވިފަ އެއް ނުވެ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!