ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކްލަބް އީގަލްސް 2-0 އިން ބަލިކޮށް ކްލަބް ވެލެންސިއާ ލީގު ތާވަލުގެ އެއް ވަނަ އަށް އަރައިފި އެވެ.
ހަތަރު މެޗުން 10 ޕޮއިންޓް ހޯދައި ވެލެންސިއާ އެއް ވަނަ އަށް އެރިއިރު ދެ ވަނައިގައި އޮތީ އަށް ޕޮއިންޓް ހޯދާފައިވާ މާޒިޔާ އެވެ. ތިން ވަނައިގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ހަތަރު ވަނައިގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް އަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ.
އީގަލްސް ޓީމާ އަލަށް ގުޅުނު މިޑްފީލްޑަރު އޮސާމާ މިއަދުގެ މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނުއިރު އަލަށް ގުޅުނު ބިދޭސީ ފޯވާޑް ސަބާ އެލްޝިހީ ކުޅެން އެރީ ބެންޗުންނެވެ. އާއްމުކޮށް ފުރަތަމަ އެގާރައިގައި ހިމެނޭ އިމްރާން ނަޝީދު އާއި ހަސަން ރާއިފް އަހުމަދު (ހަންނަ) މިއަދު އިނީ ބެންޗުގަ އެވެ.
މެޗުގައި ވެލެންސިއާ އިން ލީޑު ނެގީ އެޓީމަށް ލިބުނު ފުރަތަމަ ފުރުސަތުގަ އެވެ. 17 ވަނަ މިނެޓުގައި އީގަލްސްގެ ހުސައިން އަހުސަމް މޫސާ ވެލެންސިއާގެ އަލީ ފާސިރު (ސެންޓޭ) އަށް ކުރި ފައުލަކުން ލިބުނު ޕެނަލްޓީ ގޯލަށް ވައްދާލީ އަލީ އަޝްފާގް (ދަގަނޑޭ) އެވެ. މި ހާފުގެ 32 ވަނަ މިނެޓުގައި އަހުސަމްގެ ބަދަލުގައި އިމްރާން ކުޅެން އެރިއިރު އީގަލްސް އަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ އަނިޔާގެ ސަބަބުން ފުރަތަމަ ހާފުގައި އިތުރު ދެ ބަދަލެއް ކުރަން ޖެހުމުންނެވެ. މިގޮތުން ހިސާމް ސަލީމަށް އަނިޔާވެގެން 42 ވަނަ މިނެޓުގައި އަބްދުﷲ ސަމީހު މޫސާ ކުޅެން އެރިއިރު ފުރަތަމަ ހާފުގެ ފަހު މިނެޓުގައި އަހުމަދު ރިޒުވާން (ރިޒޭ) އަށް އަނިޔާވުމުގެ ސަބަބުން ބިދޭސީ ފޯވާޑް އެލްޝިހީ ވަނީ ކުޅެން އަރުވައިފަ އެވެ. ރިޒޭ އަށް އަނެއްކާ ވެސް އަނިޔާވިއިރު ލީގުގެ ފުރަތަމަ ދެ މެޗުގައި ވެސް އަނިޔާގެ ސަބަބުން ރިޒޭ ނުކުޅެ އެވެ.
ފުރަތަމަ ހާފުގައި ގިނަ ހަމަލާތައް އުފެއްދީ ވެލެންސިއާ އިންނެވެ. މިގޮތުން 24 ވަނަ މިނެޓުގައި ސޯލޭ މުލެޓް އެންޓޯނިއޯ ފޮނުވާލި ނުރައްކާތެރި ބޯޅަ އީގަލްސްގެ ކީޕަރު މިލާން ޖެލޮވަޗް ވަނީ މަތަކޮށްފަ އެވެ. މި ހާފުގައި ސެންޓޭ އަށް ގޯލު ޖަހަން ލިބުނު ހުސް ފުރުސަތެއްގައި އޭނާ ފޮނުވާލި ބޯޅަ އީގަލްސްގެ މުހައްމަދު ނާއިމް ވަނީ ބްލޮކްކޮށްފަ އެވެ. އީގަލްސް އިން ތަނަވަސްކުރި ހަމައެކަނި ފުރުސަތުގައި ޒައިން ޒަފަރު ފޮނުވާލި ބޯޅަ އުނދަގޫކަމެއް ނެތި ކީޕަރު މުހައްމަދު ޝަފީއު ވަނީ ހިފަހައްޓައިފަ އެވެ.

މިއަދުގެ މެޗުގައި ސެންޓޭ ބޯޅަ ހިފައިގެން ދަނީ. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް
މެޗުގެ ދެ ވަނަ ހާފުގައި އީގަލްސް އިން ވަނީ ކުރިއަށް ޖެހި ގޯލެއް ޖަހަން މަސައްކަތްކޮށްފަ އެވެ. މި ހާފުގެ ކުރީކޮޅު އީގަލްސްގެ ފޯވާޑް އެލްޝިހީ ފޮނުވާލި ހިލޭޖެހުން ގޯލުގެ މަތިން ދިޔައިރު 65 ވަނަ މިނެޓުގައި އޭނާ ފޮނުވާލި ބޯޅަ ކީޕަރު ޝަފީއު ވަނީ ހިފައިފަ އެވެ. ވެލެންސިއާ އަށް ލީޑު ފުޅާކުރަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ 73 ވަނަ މިނެޓުގައި ސެންޓޭ އަށެވެ. އެކަމަކު ސެންޓޭ ފޮނުވާލި ނުރައްކާތެރި ބޯޅައިގެ ހުރަހަކަށްވީ ކީޕަރު މިލާން އެވެ. ވެލެންސިއާގެ ދެ ވަނަ ލަނޑު ވެސް ޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ. މިއީ ދަގަނޑޭ އަށް އޭރިޔާ ތެރެއިން ކީޕަރު މިލާން ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއަކުން ސެންޓޭ ކާމިޔާބުކުރި ލަނޑެކެވެ. ދެ ގޯލުގެ ފަހަތުގައި އޮތް އީގަލްސްގެ ނާއިމް އަށް މެޗުގެ 87 ވަނަ މިނެޓުގައި ރަތް ކާޑު ދެއްކުމުން އެޓީމުން މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ. ނާއިމަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެކީ ވެލެންސިއާގެ މުހައްމަދު ސަމްދޫހް އަށް ގަސްދުގައި ފައުލް ކުރުމުންނެވެ. ލީޑު ފުޅާކުރަން މެޗުގެ ފަހުކޮޅު ދަގަނޑޭ އާއި އެންޓޯނިއޯ އަށް ލިބުނު ފުރުސަތުތައް ވަނީ ބޭކާރުވެފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ދަގަނޑޭ އެވެ.
ސީޒަނެއްގެ މެދުކެނޑުމަކަށް ފަހު ވެލެންސިއާ މިފަހަރުގެ ލީގުގައި ވާދަކުރާއިރު އެޓީމުން އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެޓީމު އެއް ވަނައިގައި އޮތްއިރު މިހާތަނަށް ކުޅުނު ހަތަރު މެޗުގައި އަދި ލަނޑެއް ވަދެފައެއްނުވެ އެވެ. އަނެއްކޮޅުން މިއަދުގެ މެޗުން ބަލިވުމުން މިދިޔަ ސީޒަނުގެ ލީގު ރަނަރަޕް އީގަލްސް އަށް ވަނީ އިތުރަށް ޕްރެޝަރުވެފަ އެވެ. ޕޮއިންޓަކާ އެކު އެޓީމު މިވަގުތު އޮތީ ލީގުގެ ހަތް ވަނައިގަ އެވެ.
ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއި ޔުނައިޓެޑް ވިކްޓްރީ އެވެ.