ފުރަތަމަ ސަފްޙާ / ޚަބަރު / ފަހު ވަގުތު ދަ ގްރާންޑޭ އިން މާޒިޔާއާ އެއްވަރުކޮށްފި

ފަހު ވަގުތު ދަ ގްރާންޑޭ އިން މާޒިޔާއާ އެއްވަރުކޮށްފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 3 ޖެނުއަރީ 2021

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ މާޒިޔާ އިން ދެ ގޯލުގެ ލީޑެއްގައި އޮއްވައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުން ފަހަތުން އަރައި 2-2 އިން މެޗު އެއްވަރުކޮށްފި އެވެ.

މާޒިއާ ފަހު ވަގުތު އެއްވަރުކޮށް ހޯދި ޕޮއިންޓަށް ފަހު ދަ ގްރާންޑޭ ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ. ފަހު ވަގުތު ދެ ޕޮއިންޓް ގެއްލުނު ނަމަވެސް އަށް ޕޮއިންޓާ އެކު މާޒިޔާ މިވަގުތު އޮތީ ތާވަލުގެ އެއް ވަނައިގަ އެވެ.  އެކަމަކު ދެ ވަނައިގައި ހަތް ޕޮއިންޓާ އެކު އޮތް ކްލަބް ވެލެންސިއާ އިން މާދަމާ ކްލަބް އީގަލްސް އަތުން މޮޅުވެއްޖެ ނަމަ އެޓީމަށް އެއް ވަނަ މަގާމް ލިބޭނެ އެވެ. މިރޭ ލިބުނު ޕޮއިންޓާ އެކު ދަ ގްރާންޑޭ ވަނީ ހަ ޕޮއިންޓާ އެކު އަލުން ތިން ވަނަ އަށް އަރައިފަ އެވެ. މިރޭގެ މެޗުގެ ކުރިން ތިން ވަނައިގައި އޮތީ މިއަދު ހަވީރު ކްލަބް ގްރީން ސްޓްރީޓްސް އަތުން ޕޮއިންޓެއް ހޯދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ. އެޓީމަށް މިހާރު ހަތަރު ވަނަ ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ.

ލީގުގައި ފުރަތަމަ ތިން މެޗަށް ފަހު މާޒިޔާގެ ކޯޗުކަމުން މުހައްމަދު ނިޒާމް (ނިޒާމްބެ) އިސްތިއުފާ ދިނުމުން އެޓީމަށް މިރޭ އިރުޝާދުދިނީ އެސިސްޓަންޓް ކޯޗު އަހުމަދު ސުޒެއިރު (ކޮއްކޮ) އެވެ. ސުޒެއިރުގެ އިރުޝާދުގެ ދަށުން މާޒިޔާ މިރޭ ކުޅުނު ނަމަވެސް މިއަދުގެ ވަގުތެއްގައި އެޓީމަށް ވަނީ ބިދޭސީ ކޯޗެއް ހަމަޖައްސައިފަ އެވެ. ސީޒަނުގެ ބާކީ ބައިގައި މާޒިޔާ އަށް އިރުޝާދުދޭން އެޓީމާ ހަވާލުވީ ސާބިއާގެ ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ކުރިން މަސައްކަތްކޮށްފައިވާ ރިސްޓޯ ވިޑަކޮވިޗް އެވެ.

މާޒިޔާގެ ފުރަތަމަ އެގާރައިގައި ކެޕްޓަން އަސަދުﷲ އަބްދުﷲގެ ބަދަލުގައި މިރޭ ހިމެނީ ބިދޭސީ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް އެވެ. އާއްމުކޮށް ފުރަތަމަ އެގާރައިގައި ހިމެނޭ އައިސަމް އިބްރާހީމްގެ ބަދަލުގައި ހުސައިން ނިހާން (ނިހާޓް) ކުޅުނުއިރު ޑިފެންޑަރު މުހައްމަދު މުޖުތާޒު އަށް ވެސް މިރޭ ވަނީ ފުރަތަމަ އެގާރައިން ފުރުސަތުދީފަ އެވެ. ދަ ގްރާންޑޭ ޓީމުން މިރޭ ފާހަގަކޮށްލެވުނު އެންމެ ބޮޑު ބަދަލަކީ މި ސީޒަނުގައި ފުރަތަމަ ފަހަރަށް ފޯވާޑް އަހުމަދު އަޔާޒް (އަޔާ) ޓީމުގައި ހިމެނުމެވެ. ފުޓްސަލްގައި ވެސް މަޝްހޫރު އަޔާ އަކީ މިދިޔަ ސީޒަނުގައި ދަ ގްރާންޑޭ ޓީމުގައި މޮޅު ކުޅުމެއް ދައްކައި ގައުމީ ފުޓްބޯޅަ ޓީމުން ވެސް ފުރުސަތު ހޯދި ހުނަރުވެރި ކުޅުންތެރިއެކެވެ.

މާޒިޔާ އާއި ދަ ގްރާންޑޭ ވާދަކުރި މެޗުގެ ތެރެއިން. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅޭ މާޒިޔާ އިން ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. އެޓީމުން މެޗުގައި ލީޑު ނެގި ލަނޑު 13 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މޫސާ ޔާމީން އެވެ. ފުރަތަމަ ހާފުގެ ފަހުކޮޅު އެޓީމަށް ލީޑު ފުޅާކޮށްދިން ލަނޑު ލިބުނު ޕެނަލްޓީއަކުން ޖެހީ ސްޓެވާޓް އެވެ. މިއީ ހަމްޒާ މުހައްމަދު (ހަމްޕު) އަށް ދަ ގްރާންޑޭގެ އަހުމަދު ސިޒާން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

ދެ ވަނަ ހާފު ފެށިގެން ފަސް ވަނަ މިނެޓުގައި ދަ ގްރާންޑޭ އިން ވަނީ މުހައްމަދު ސަހާއުގެ ބަދަލުގައި އަޔާ ކުޅެން އަރުވައިފަ އެވެ. މި ހާފުގައި ދަ ގްރާންޑޭ އިން ވަނީ ކުޅުން ރަނގަޅުކޮށް ހަމަލާތައް ވަރުގަދަކޮށްފަ އެވެ. މެޗުގެ 62 ވަނަ މިނެޓުގައި ދަ ގްރާންޑޭގެ ފުރަތަމަ ލަނޑު ޖަހައިދިނީ އަޔާ އެވެ. އޭރިޔާ ބޭރުން ލިބުނު ބޯޅަ މާޒިޔާގެ ހަތަރު ވަރަކަށް ކުޅުންތެރިން ކައިރިން ވަރަށް މޮޅަށް ކަޓުވާލުމަށް ފަހު އަޔާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ. މި ގޯލަށް ފަހު ދަ ގްރާންޑޭ އިން އިތުބާރާއެކު ކުޅުނުއިރު މާޒިޔާ އިން ބޮޑަށް ބެލީ ބައިކޮޅަށް ގޯލެއް ނުވަދެ ލިބޭ ފުރުސަތުގެ ބޭނުން ހިފުމަށެވެ. މި ހާފުގެ ފަހުކޮޅު އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ފޮނުވާލި ބޯޅައެއް ގޯލުގެ ދަނޑިއަށް އަމާޒުވިއިރު ކައުންޓަ އެޓޭކުގައި އެޓީމަށް އިތުރު ފުރުސަތުތައް ލިބުނެވެ. މާޒިޔާ އިން ޕްރެޝަރުގައި ކުޅެމުން ދަނިކޮށް ދަ ގްރާންޑޭ އިން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ އިތުރު ވަގުތުގަ އެވެ. އޭރިޔާ ބޭރުން ލިބުނު ޖެހުމެއްގައި ޔަސްފާދް ހަބީބް (މުލަކޭ) ޖައްސާލި ބޯޅަ ބިދޭސީ ޑިފެންޑަރު ކޮމިލޯވް އަބްދުލްރަސަލް ފޮނުވާލި ބާރު ބޯޅަ ވަނީ ގޯލުގެ މަތީ ކަނަށެވެ. ކޮމިލޯވް ޖެހި ހިތްގައިމު ގޯލާ އެކު އޭނާ ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދައިފަ އެވެ.

ލީގުގައި މާދަމާ ހަވީރު އީގަލްސް އާއި ވެލެންސިއާ ކުޅޭއިރު މާދަމާ ރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއި ޔުނައިޓެޑް ވިކްޓްރީ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!