ފުރަތަމަ ސަފްޙާ / ޚަބަރު / ސަސް އާއި ގްރީން ސްޓްރީޓްސް އެއްވަރުވެއްޖެ

ސަސް އާއި ގްރީން ސްޓްރީޓްސް އެއްވަރުވެއްޖެ

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 3 ޖެނުއަރީ 2021

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ކްލަބް ގްރީން ސްޓްރީޓްސް ވާދަކުރި މެޗު 0-0 އިން އެއްވަރުވެއްޖެ އެވެ.

މިއަދުގެ މެޗާ އެކު ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗު ވެސް ވަނީ އެއްވަރުވެފަ އެވެ. ލީގުގައި އެންމެ ފަހު ހަފްތާ ކުޅުނު ހަތަރު މެޗު އެއްވަރުވިއިރު ކުރިއަށް ޖެހިލުމަށް މިއަދުގެ މެޗުން މޮޅެއް ހޯދުން ދެޓީމަށް ވެސް އޮތީ މުހިއްމުވެފަ އެވެ.

ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ގްރީން ސްޓްރީޓްސް އަށް މޮޅެއް ލިބިފައެއްނުވެ އެވެ. އަނެއްކޮޅުން ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ސަސް އިން މިވަނީ ލީގުގައި ބަލިނުވެ ހަތަރު މެޗު ހަމަކޮށްފަ އެވެ. މިއަދު ލިބުނު ޕޮއިންޓާ އެކު ހަ ޕޮއިންޓް ހަމަކޮށް ސަސް ތާވަލުގެ ތިން ވަނަ އަށް ކުރިއަށް ޖެހިލިއިރު ގްރީން ސްޓްރީޓްސް ވަނީ ދެ ޕޮއިންޓާ އެކު ހަ ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ އާއި ދެ ވަނައިގައި އޮތް ވެލެންސިއާ އަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ.

މިއަދުގެ މެޗުގައި ގްރީން ސްޓްރީޓްސްގެ ޗޯޓު އާއި ސަސްގެ އައިހަމް ބޯޅަ ހޯދަން މަސައްކަތްކުރަނީ. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވެސް ފެނުނީ އެޓޭކްތައް މަދު ކުޅުމެކެވެ. މި ހާފުގައި އެންމެ ނުރައްކާތެރި ހަމަލާއެއް ފޮނުވާލީ ގްރީން ސްޓްރީޓްސްގެ ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) އެވެ. ރިލޭ ފޮނުވާލި ހިލޭޖެހުން ގޯލަށް ވަންނަން ދަނިކޮށް ސަސްގެ ގޯލްކީޕަރު މަމަތުނޮހޯފް މިރްޒޮހިދް ވަނީ މަތަކޮށްފަ އެވެ.

މެޗުގެ ދެ ވަނަ ހާފުގެ ކުރީކޮޅު ގްރީން ސްޓްރީޓްސް އިން ވަނީ މޮޅަށް ކުޅެ ހަމަލާތައް ގިނަކޮށްފަ އެވެ. އެކަމަކު އެޓީމަށް އުފަންދަން ލިބުނު ފުރުސަތުތައް ސަސްގެ ގޯލަށް ނުރައްކާކުރެވޭގޮތެއްނުވި އެވެ. މި ހާފުގައި ގްރީން ސްޓްރީޓްސްގެ ހަސަން ނަޒީމް (ޗޯޓު) އަށް ގޯލަށް ޖަހަން ލިބުނު ރަނގަޅު ފުރުސަތެއްގައި ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ އެވެ. އޭގެފަހުން ޗޯޓު ފޮނުވާލި ބޯޅަ ދިޔައީ ކީޕަރު އަތަށެވެ. އަދި މުސްލިހް މުހައްމަދަށް ލިބުނު ފުރުސަތުގައި ގޯލަށް ޖަހަން އުޅެނިކޮށް ސަސްގެ ކީޕަރު ވަނީ އެބޯޅަ އަތުލައިފަ އެވެ. މި ހާފުގައި ސަސް އަށް ވަނީ ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. މިގޮތުން 60 ވަނަ މިނެޓުގައި އެޓީމުގެ ސްޕެއިން ފޯވާޑް ރޮޑްރިގޭޒް މުނޯޒް ވިކްޓަ ފޮނުވާލި ބާރު ބޯޅަ ގްރީން ސްޓްރީޓްސްގެ ގޯލްކީޕަރު ސާގިބް ހަނީފް މަތަކުރި އިރު މެޗުގެ ފަހުކޮޅު ސަސްގެ ކެޕްޓަން އަބްދުﷲ ހަނީފް (ބެންޖޯ) އަށް ގޯލު ޖަހާނެ ދެ ފުރުސަތެއް ލިބި ބޭކާރުވި އެވެ. އެގޮތުން 85 ވަނަ މިނެޓުގައި ބެންޖޯ ފޮނުވާލި ހިލޭޖެހުން ސާގިބް މަތަކުރިއިރު މެޗުގެ އިތުރު ވަގުތުގައި މުހައްމަދު ރަޝީދު (ހޮކޭ) ނަގައިދިން ހިލޭޖެހުން ބޮލުން ބެންޖޯ ފޮނުވާލުމުން ދިޔައި ކީޕަރު އަތަށެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ގްރީން ސްޓްރީޓްސްގެ ޑިފެންޑަރު މުހައްމަދު ސާއިފް އެވެ.

First games of the new year ????⚽ pic.twitter.com/jXBfAA8Xub

— Fahuminet (@fahuminet) January 3, 2021

ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާ އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބެވެ. މާދަމާ ހަވީރު ކުޅޭ މެޗުގައި ކްލަބް އީގަލްސް އާއި ކްލަބް ވެލެންސިއާ ވާދަކުރާއިރު މާދަމާ ރޭ ކުޅޭ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބް ނުކުންނާނީ ޔުނައިޓެޑް ވިކްޓްރީއާ ދެކޮޅަށެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!