ސްޕެނިޝް ލީގުގައި ރޭ ސެލްޓާ ވީގޯ 2-0 އިން ބަލިކޮށް ރެއާލް މެޑްރިޑް ލީގުގެ އެއް ވަނަ އަށް އަރައިފި އެވެ.
ރެއާލްއާ ދެކޮޅަށް ސެލްޓާ ނުކުތީ ރަނގަޅު ފޯމެއްގައި އޮވެ އެވެ. ނޮވެމްބަރު 21 ވަނަ ދުވަހުން ފެށިގެން އެޓީމު މެޗަކުން ބަލިނުވެ އޮތްއިރު ނަތީޖާތައް ވަނީ ރަނގަޅުކޮށްފަ އެވެ. އެކަމަކު ރޭ ރެއާލްގެ ދަނޑުގައި ސެލްޓާ އަށް މާ ރަނގަޅު ކުޅުމެއް ނުދެއްކުނެވެ. މެޗު ފަށައިގެން ހަ ވަނަ މިނެޓުގައި ރެއާލަށް ލީޑު ނަގައިދިނީ މާކޯ އަސެންސިއޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ލޫކަސް ވަޒްކޭޒް އެވެ. ދެ ވަނަ ހާފުގައި ރެއާލަށް ލީޑު ފުޅާކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ އަސެންސިއޯ އެވެ. މިއީ ސީޒަނުގައި ރެއާލަށް އަސެންސިއޭ ޖަހައިދިން ފުރަތަމަ ލަނޑެވެ.
ސެލްޓާ އަށް ރޭގެ މެޗުގައި މައްސަލަތައް ކުރިމަތިވީ ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ފޯވާޑް އިއާގޯ އަސްޕާސް އަށް ދެ ވަނަ ހާފުގެ ކުރީކޮޅު އަނިޔާވެގެން ބާލަން ޖެހުމެވެ. މެޗުގައި އެޓީމަށް ރެއާލްގެ ގޯލާ އަމާޒުކޮށް މާ ނުރައްކާތެރި ހަމަލާއެއް ފޮނުވައެއްނުލެވުނެވެ.
ލީގުގެ އެއް ވަނަ އަށް ރެއާލް އެރީ 17 މެޗުން 36 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެ ވަނައިގައި 35 ޕޮއިންޓާ އެކު އެތުލެޓިކޯ މެޑްރިޑް އޮތީ ތިން މެޗު މަދުން ކުޅެގެންނެވެ. އެތުލެޓިކޯ ލީގުގައި މިރޭ ނުކުންނާނީ ރަށުން ބޭރުގައި އަލަވޭސްއާ ދެކޮޅަށެވެ. ލީގުގެ ތިން ވަނައިގައި އޮތް ރެއާލް ސޮސިއެޑާޑް އާއި ހަތަރު ވަނައިގައި އޮތް ވިޔަރެއާލަށް ލިބިފައިވަނީ 29 ޕޮއިންޓެވެ. ރެއާލް އަތުން ބަލިވި ސެލްޓާ އޮތީ 23 ޕޮއިންޓާ އެކު އަށް ވަނައިގަ އެވެ.