ކުރިއަށް އޮތް އަހަރުތަކުގައި ވެސް ފުޓްބޯޅައިން ފެންނާނެ ކަމަށާއި، އެންމެ ބޭނުންވަނީ 2022 ވަނަ އަހަރު ގަތަރުގައި އޮންނަ ވޯލްޑް ކަޕް ޕޯޗުގަލްއާ އެކު ކާމިޔާބުކުރުން ކަމަށް މިހާރު އުމުރުން 35 އަހަރުގެ ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.
އުމުރުގެ ގޮތުން ބަލާއިރު ރޮނާލްޑޯ މިހާރު ގުނަމުން އަންނަނީ މަތީ ފަންތީގެ ފުޓްބޯޅައިގެ ފަހު އަހަރުތަކެވެ. އަންނަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު ރޮނާލްޑޯ އަށް 36 އަހަރު ފުރޭއިރު ގަތަރު ވޯލްޑް ކަޕް ކުޅޭއިރު ރޮނާލްޑޯ ހުންނާނީ 37 އަހަރުވެފަ އެވެ. 2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ޕޯޗުގަލްއާ އެކު ހޯދި ރޮނާލްޑޯ ބުނީ ގަތަރު ވޯލްޑް ކަޕް ކާމިޔާބުކުރުމަކީ ހުވަފެނެއް ކަމަށާއި އެއީ ޕޯޗުގަލަށް ވެދާނެކަމެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.
ބެލޮންޑިއޯ އެވޯޑް ފަސް ފަހަރު ހޯދާފައިވާ ރޮނާލްޑޯ އަކީ އިޓާލިއަން ލީގުގެ ލަނޑު ލިސްޓުގެ އެއް ވަނައިގައި އޮތް ކުޅުންތެރިޔާ އެވެ. އެކަމަކު އޭނާ ކުޅޭ ޔުވެންޓަސް ލީގުގައި މިވަގުތު އޮތީ ހަ ވަނައިގަ އެވެ. ކްލަބް ލެވެލްގައި އެތައް ކާމިޔާބީއެއް ހޯދާފައިވާ ރޮނާލްޑޯ އަކީ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް ހެދުމުގެ ފުރުސަތު އޮތް ކުޅުންތެރިއެކެވެ. 109 ލަނޑާ އެކު ރެކޯޑް ހަދާފައިވާ އަލީ ދާއީއާ އެއްވަރުކުރަން ރޮނާލްޑޯ އަށް ބާކީ ބޭނުންވަނީ ހަތް ލަނޑެވެ.
“އަހަރެންނަށް މުހިއްމީ އުމުރެއް ނޫން. މުހިއްމީ އެމީހެއްގެ ވިސްނުން. މާދަން ވާނެގޮތެއް ނޭނގޭ. މުހިއްމީ މިވަގުތަށް ވިސްނައިގެން ކުރިއަށްދިއުން” ރޮނާލްޑޯ ބުންނެވެ.
ރޮނާލްޑޯ ބުނީ އޭނާ ހުރީ ރަނގަޅު ހާލަތުގައި ކަމަށާއި ގިނަ އަހަރުތަކެއް ވަންދެން މަތީ ފެންވަރުގެ ފުޓްބޯޅަ ކުޅުމުގެ ވިސްނުން އެބަހުރި ކަމަށެވެ.
“މިއީ ފުޓްބޯޅަ. އަހަރެމެންނަށް ނޭނގޭ މާދަމާ ވާނެގޮތެއް. އަހަރެން ވާހަކަދައްކާ ކުދިން ގާތުގައި ވެސް ބުނަނީ އެވަގުތަށް ވިސްނައިގެން ކުރިއަށްދާން މަސައްކަތްކުރަން. އަހަރެންނަށް ކުރިމަގު ފެންނަނީ އުފާވެރިކޮށް. އެކަމާ އަހަރެން މިހުރީ އުފަލުން” ރޮނާލްޑޯ ބުންޏެވެ.
ރޮނާލްޑޯގެ އާދަޔާހިލާފު ފުޓްބޯޅަ ކެރިއަރު ފެށުނީ ޕޯޗުގަލްގެ ސްޕޯޓިން ލިސްބަންގައި ކުޅެމުން ދަނިކޮށް އުމުރުން 18 އަހަރުގައި މެންޗެސްޓަރ ޔުނައިޓެޑަށް 2003 ވަނަ އަހަރު ގެންދިޔަ ހިސާބުންނެވެ. އެ ކްލަބަށް ހަ ސީޒަނުގައި ކުޅުމަށް ފަހު 2009 ވަނަ އަހަރު ދުނިޔޭގެ ރެކޯޑް އަގަކަށް ރެއާލް މެޑްރިޑަށް ބަދަލުވެ ރޮނާލްޑޯ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. ރެއާލް ދޫކޮށް މިހާރުގެ ކްލަބް ޔުވެންޓަސް އަށް ރޮނާލްޑޯ ބަދަލުވީ 2018 ވަނަ އަހަރު އެވެ.
ގައުމީ ޓީމާ އެކު ރޮނާލްޑޯ އެންމެ އަވަހަށް ނުކުންނާނީ އަންނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށެވެ. އެކަމަކު ކޮވިޑް-19 އާ ގުޅިގެން ފަސްކޮށްފައިވާ ޔޫރޯގައި ވެސް ސަޕޯޓަރުން ވެއްދޭނެކަމުގެ ޔަގީންކަމެއް އަދި ނެތެވެ.
“ސަޕޯޓަރުން ނެތި ފުޓްބޯޅަ ކުޅުމަކީ އަހަރެން ގަޔާވާކަމެއް ނޫން. ޕެންޑަމިކާ އެކު އެތައް ބަޔަކު މިވަނީ މާޔޫސްވެފައި. އަހަރެންގެ އުއްމީދަކީ ވީ އެންމެ އަވަހަކަށް ސަޕޯޓަރުންނަށް ސްޓޭޑިއަމްތަކުގެ ގޭޓުތައް ހުޅުވިގެން ދިއުން. އެކަމަކު މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް އެންމެން ވެސް ޖެހޭނެ ބޯލަނބަން. އެކަމަކު ސަޕޯޓަރުން ނެތި ކުޅުމަކީ އަހަރެންނަށް ވަރަށް އުނދަގޫކަމެއް” ރޮނާލްޑޯ ބުންޏެވެ.